ގޭމް އޮފް ތުރޯންސްގެ ކާސްޓު ހިމެނޭ ގޮތަށް ގޭމެއް
މިހާތަނަށް ނެރުނު އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ގޭމް އޮފް ތުރޯންސް"ގެ އޮރިޖިނަލް ވާހަކައަށް ބިނާކޮށް އޮރިޖިނަލް ކާސްޓު ހިމެނޭ ގޮތަށް މުޅީން އާ ވީޑިއޯ ގޭމެއް އިއުލާނު ކޮށްފިއެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުގައި ވީޑިއޯ ގޭމްތަކަށް ޚާއްސަކޮށް ބާއްވާ ބޮޑު އިވެންޓު ކަމަށްވާ "ސަމާ ގޭމް ފެސްޓް"ގައި ވަނީ ގޭމް އޮފް ތުރޯންސްގެ އާ ގޭމް "ގޭމް އޮފް ތުރޯންސް: ވޯ އޮފް ދަ ވެސްޓެރޯސް" ދައްކާލާފައެވެ. ގޭމްގެ ސިނެމެޓިކް ޓްރެއިލަރެއް ވެސް ވަނީ އިވެންޓުގައި އާންމުކޮށްފައެވެ. މި ޓްރެއިލަރުގައި ނެރޭޓަރު ބުނަނީ މި ގޭމުގައި ކުޅުންތެރިން ބޭނުންވާފަދަ ނިންމުމެއް އަމިއްލައަށް ހޯދުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. އެ އިޝާރާތް ކުރަނީ 2019 ވަނަ އަހަރު ނިންމާލި ގޭމް އޮފް ތުރޯންސްގެ ފަހު ސީޒަންގެ ނިންމުމަށެވެ. މި ނިންމުމަކީ ގިނަ ބަޔަކު ވަރަށް ފޫހިވި އަދި ގަޔާ ނުވި ނިންމުމަކަށް ވާތީ އެކަމަށް ބަދަލެއް ހޯދުމަށް ގޭމުން މަސައްކަތް ކުރާނެ ކަމަށް ވަނީ ޓްރެއިލަރުގައި އިޝާރާތް ކޮށްފައެވެ. އަލަށް ނެރެން ހަމަޖެހިފައިވާ ގޭމަކީ އޮރިޖިނަލް ޝޯގެ ޕްލޮޓާ ގުޅުވައިގެން ކުޅެވޭނެ ގޭމަކަށް ވާނެއެވެ. މި ގޭމްގެ ޓްރެއިލަރުންވެސް އޮރިޖިނަލް ޝޯގެ ބައެއް ކެރެކްޓަރުތައް ފެނިފައިވެއެވެ. އެ ކެރެކްޓާތައް ކުޅެނީވެސް އޮރިޖިނަލް ޝޯގެ އެކްޓަރުންނެވެ. މި ގޭމާ ގުޅޭ މާ ގިނަ އިތުރު މައުލޫމާތުތަކެއް އާންމުކޮށްފައެއް ނުވެއެވެ. ގޭމަށް ވިޝް ލިސްޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ގޭމް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ