600 އަށް ވުރެ ގިނަ ޕްރީ ސްކޫލް ޓީޗަރުން ހޯދަނީ

ސަރުކާރުން ހިންގާ ޕްރީ ސްކޫލްތަކަށް 600 އަށް ވުރެ ގިނަ ޓީޗަރުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ޕްރީ ސްކޫލްތަކަށް 609 ދާއިމީ ޓީޗަރުން ބޭނުންވާ ކަމަށެވެ.
މިއިއުލާނުގައި ބުނެފައިވަނީ ޕްރީ ސްކޫލް ޓީޗަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި 7،000 ރުފިޔާ އާއި 9،000 ރުފިޔާއާއި ދެމެދުގެ އަދަދެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ ލިބޭނެ ކަމަށްވެސް އެޑިއުކޭޝަނުން ބުނެ އެވެ.
ޕްރީސްކޫލްތަކަށް ނަގާ ޓީޗަރުންގެ ޝަރުތަކީ އާލީ ޗައިލްޑްހުޑް ކެއާގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް ތިނެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
މިއިއުލާނުގައި ބުނެފައިވަނީ ޕްރީސްކޫލް ޓީޗަރުންގެ ވަޒީފާއަށް ކުރިމަތިލާ މީހުންނަށް މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމް އެޑިއުކޭޝަން މިނިސްޓްރީއަށް ނުވަތަ ޓީޗަރުން ބޭނުންވާ ސްކޫލަކަށް ހުށަހެޅުމަށްވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިއިއުލާނުގައި ބުނެފައިވަނީ ވަޒީފާއަށް ކުރިމަތިލާ ޓީޗަރުންގެ އިންޓަވިއު މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.
ޕްރީ ސްކޫލް ހިންގުމުގެ ގާނޫނުގެ ދަށުން އެޑިޔުކޭޝަނުން ހަދާފައިވާ ގަވާއިދުގައި ބުނާ ގޮތުން ފްރީ ސްކޫލް ކުދިންގެ ޖުމްލަ އާބާދީގެ ކޮންމެ 25 ކުއްޖަކަށް ޓީޗަރަކު ހުންނަން ޖެހެ އެވެ. މީގެ ކުރިން ސަރުކާރުގެ ޕްރީ ސްކޫލްތަކަށް ޓީޗަރުން ނަގަމުން ދިޔައީ ކޮންޓްރެކްޓް އުސޫލުން އަހަރު ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ