ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބެލުމަށް ފަނޑިޔާރަކަށް ހަމަޖައްސާފައިވަނިކޮށް ކަމަށް ވީނިއުސް އަށް އެނގިއްޖެ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރިއިރު އޭނާއަށް ވަނީ މެންބަރު ސައުދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބެލުމަށް ހަވާލުކޮށްފަ އެވެ. ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރި ފަހުން އެ މައްސަލަ ބެލުމަށް އެހެން ގާޒީއަކާ ހަވާލުކުރިކަން އަދި އެނގިފައެއް ނުވެ އެވެ.
އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ ސައުދުއާއި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ލިޔުންތައް ހަވާލުކޮށް ޝަރީއަތް ފެށުމަށްވެސް ކްރިމިނަލް ކޯޓުން ތާވަލްކުރި ފަހުންނެވެ.
މިމައްސަލައިގެ ލިޔުންތައް ސައުދުއާއި ހަނީފަށް ކޯޓުން ހަވާލުކުރީ މިދިޔަ އޯގަސްޓް މަހުގެ ހަވަނަ ދުވަހު އެވެ. އަދި މިމައްސަލައިގެ ޝަރީއަތް ފެށުމަށް ފުރަތަމަ އަޑުއެހުން މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހަށް ތާވަލްކުރުމަށްފަހު ކޯޓުން ވަނީ އެ ދުވަހުގެ އަޑުއެހުން ކުއްލި ގޮތަކަށް ކެންސަލްކުރައްވާފަ އެވެ.
ޖޭއެސްސީން ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރީވެސް މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރި ވަކި ސަބަބެއް ޖޭއެސްސީން މިހާތަނަށް ވެސް ބުނެފައެއް ނުވެ އެވެ.
ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ ޖޭއެސްސީން ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އާރިފާއި ހިޔާލުތަފާތުވުން އުފެދި ގާޒީ އާރިފާ މުހާތަބު ކުރައްވާ "އެއްޗެއް" ވިދާޅުވުމުން ކަމަށެވެ.
ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރި މައްސަލާގައި މިދިޔަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ އަހްމަދު ރަޝީދަށް ކުރެވެމުންދާ ތުހުމަތާ ގުޅޭ މައްސަލަ ބަލައި ނިމެންދެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް، ވަޒީފާއަށް ވެސް ނިކުމެވަޑައިނުގެންނެވޭ ގޮތަށް އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ އަހްމަދު ރަޝީދާ ދެކޮޅަށް ހުށަހެޅިފައިވާ ޝަކުވާއާއި ގުޅިގެން ހުށަހެޅިފައިވާ ހެކިންނަކީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންނާއި، ބައެއް މުވައްޒަފުން ކަމަށެވެ. އެހެންކަމުން ގާޒީ އަހްމަދު ރަޝީދު ކޯޓަށް ނިކުމެވަޑައިގެން މަސައްކަތް ކުރެވޭ ގޮތަށް އޮވެއްޖެނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޮޑު ކަމަށް ޖޭއެސްސީގައި މައްސަލަ ބަލައި ކޮމިޓީއަށް ގަބޫލުކުރެވިފައިވާ ކަމަށެވެ. އެހެންވެ ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު ތަކުން އެކަހެރި ކުރުމަށާއި، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމީ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރަން ނިންމީ ޖޭއެސްސީގެ ނައިބް ރައީސް މުހައްމަދު ފައިސަލް ރިޔާސަތުގައި އިންނަވައިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
އަހްމަދު ރަޝީދު މީގެ ކުރިން ވަނީ ޖޭއެސްސީގައި އިންނަވާ ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރު ކަންވެސް ކުރައްވާފަ އެވެ.
ގާޒީ އަހްމަދު ސަސްޕެންޑް ކުރީ ސައުދަށް ކުރާ ޓެރަރިޒަމް ދައުވާ ބަލަން ހަވާލުކޮށްފައި ވަނިކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ