ސުޕްރީމް ކޯޓުގެ ލަފައަކީ "ދެމިޔަލީ ކަނޑިއެއް"
ކައުންސިލަރުންގެ ދައުރާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފައިވާ ލަފައަކީ "ދެމިޔަލީ ކަނޑިއެއް" ކަމަށާއި އެ ލަފާ ދެ ފެކްޝަނަށް ވެސް ފަހިވާ ކަމަށެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ކައުންސިލް އިންތިޚާބު މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލަސްކޮށްފައިވާއިރު، ޖޫން 3 އަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ޤާނުނު އަސާސީ އިސްލާހުކުުރުމާއި މެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވުމާ ގުޅިގެން ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށެވެ. އެ ހުށަހެޅުއްވުމާ އެއް ގޮތަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެ ކޯޓުގެ ލަފައެއް ހޯދަން ފޮނުވަން ފާސްކޮށްފަ އެވެ.ސުޕްރީމް ކޯޓުގެ ލަފާ ވަނީ މަޖިލީހަށް މިހާރު ފޮނުވައިފަ އެވެ. އެ ކޯޓުން މަޖިލީހަށް ލަފާ ދީފައި ވަނީ ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމެނުމަށް ފަހު ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.މި ލަފާގައި ވަނީ ސަރުކާރުން މިހާރު ފޮނުވާފައިވާ ގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.ރޭ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕްރީމް ކޯޓުން މަޖިލީހަށް ފޮނުވި ލަފަޔަށް ވާހަކަދައްކަވަމުން ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުންކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ އެއީ ހުރިހާ ފަރާތެއްވެސް ރުއްސާލެވޭނެ ލަފައެއްކަމަށާ، އެ ލަފާއިން ކައުންސިލަރުންގެ ދައުރު ދިގުދަންމާލުމަށް ހައްލެއް ލިބޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ."ސުޕްރީމްކޯޓުގެ ރައުޔަކީވެސް އަޅުގަނޑު ދެކޭގޮތުގައި ހަމަ ތުންމެޓައެއް ކަހަލަ ހުރިހާ ފަރާތެއްވެސް ރުއްސާލަން ދެވޭކަހަލަ ރަނގަޅު އަދި މީގެ ފަރުވާއެއްް ލިބޭނެ ކަހަލަ ކަމެއްކަމަށް ފާހަގަކުރެވޭ. ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދެމިއަ އެޅި ކަނޑިއެއް ދެވިފައި އެ އޮތީ. ދެ ފެކްޝަނަށް ވެސް ވަރަށް ރަނގަަޅަށް ފަހިވާކަހަލަ ގޮތަކަށް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ." އޭނާ ވިދާޅުވިއެވެ.އާދަމް ޝަރީފް ދެ ފެކްޝަންގެ ގޮތުގައި އިޝާރާތް ކުރެއްވީ، ޤާނޫނު އަސާސީ އިސްލާހުކުރުމާއި މެދު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ މެދުގައި ޚިޔާލް ތަފާތުވެފައި ވާތީ އެކަމަށެވެ. ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުވަހު ހަމަވާއިރު އެކަމަށް އަދިވެސް މަޖިލީހުން ވަނީ ގޮތެއް ނިންމޭ ގޮތް ނުވެފަ އެވެ. އެމައްސަލައިގައި އެންމެ ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައިވަނީ ވެސް ސުޕަ މެޖޯރިޓީއެއް އޮތް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ މެދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ