އަނަސްއަށް އިންސާފު ހޯދައިދިނުމަށް މީދޫ ރައްޔިތުން ގޮވާލައިފި

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލި ރ މީދޫ ފެންފިޔާޒުގޭ (25އ) މުހައްމަދު އަނަސްއަށް އިންސާފު ހޯދާދިނުމަށް ގޮވާލާ މީދޫގައި ސުލްހަވެރި ހިނގާލުމެއް ބާއްވައިފިއެވެ.
މިއަދު ހަވީރު މީދޫގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި މީދޫގެ އެތަށް ބަޔަކު ވަނީ ބައިވެރިވެފައެވެ.
އަދި އަނަސް ވަކިވެދިއުމުގެ ހިތާމައާއި ގުޅިގެން ރަށުގެ ޒުވާނުންނާއި އާންމުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.
އަނަސް ވަކިވެގެންދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށް ޝުއޫރުފާޅުކުރި ޒުވާނުން ވަނީ ބުނެފައެވެ. އަދި އަނަސްގެ މަރަށް އިންސާފު ހޯދާދިނުމަށް މުއައްސަސާތަކުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އެ ޒުވާނުން ވަނީ ގޮވާލާފައެވެ.
މި ހިނގާލުން ނިންމާލުމުގެ ކުރިން ޚާއްސަ ދުއާއެއް ވަނީ ކޮށްފައެވެ.
އަނަސްގެ ކުއްލި ވަކިވެދިއުމާއިއެކު މުޅި މީދޫއަށް ލިބިފައިވާ ފުން ހިތާމަ މިއަދުގެ ހިނގާލުމުންވެސް ވަނީ ފެނިގެންގޮސްފައެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނިޔާވެރިގޮތަކަށް އަނަސް މަރާލީ ގުރޫޕަކުން ހަމަަލާދީ 37 ތަނަކަށް ވަޅި ހެރުމަށްފަހުކަމަށް މައުލޫމާތު ލިބެއެވެ.
އަނަސްގެ މަރާއި ގުޅިގެން މިހާތަނަށް ފުލުހުން އަދި މާގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ދާދިފަހުން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބުދުﷲ ޔާމީން ވަނީ އަނަސް މާރާލީ ގޭންގު ކުއްޖަކަށް ވެގެން ނޫންކަމަށާ އޭނާ މަރާލީ އޮޅިގެންކަމަށް ވިދާޅުވެފައެވެ.
އަދި އަނަސްއަށް ބަޔަކު ހަމަލާދިނީ ލާފައި ހުރި ޓީޝާޓްގެ ސަބަބުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނިމިގެންދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަތް މާރާމާރީއެއް ހިނގާ ދެ މީހަކަށް ވަޅިން ހަމަލާދީ ވަނީ މަރާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ