ޑޮކްޓަރު ދޭ ލިޔުމަކަށް ކޮންމެ ފަހަރަކު މީހަކު ގެއަކު ނުބެހެއްޓޭނެ: އުމަރު

ޖަލު ހުކުމެއް ތަންފީޒު ކުރާ މީހަކަށް ޑޮކްޓަރަކު ދޭ ލިޔުމަކާ ގުޅިގެން ކޮންމެ ފަހަރަކު ގޭ ބަންދަށް ބަދަލު ކުރެވެން ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވިއިރު، ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްޓްރެސް ފްރީ މާހައުލެއްގައި އަށް ހަފުތާ ވަންދެން ބެހެއްޓުމަށް ޑޮކްޓަރު ދިން ލަފައާ ގުޅިގެން، އެ މުއްދަތަށް ގޭ ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފަ އެވެ. އެމަނިކުފާނު އަނބުރާ ޖަލަށް ގެންދިއުމުގެ ކުރިން ޑޮކްޓަރަށް ދެއްކުމުން ވެސް އޭޑީކޭގެ ޑޮކްޓަރު ލަފާދީފައި ވަނީ ސްޓްރެސް ފްރީ މާހައުލެއްގައި ދާއިމީކޮށް ބެހެއްޓުމަށެވެ. އެކަމާ ގުޅިގެން އުމަރު ވިދާޅުވީ ތަފާތު ކުށްތަކާ ގުޅިގެން ގާތްގަނޑަކަށް 1،700 މީހުން ޖަލުގައި ތިބިއިރު، އޭގެ ތެރެއިން ބައެއް މީހުން ބަލިވެގެން ގޭ ބަންދަށް ބަދަލުކުރުމަށް ބައިވަރު ސިޓީ ލިބިވަޑައިގަންނަވާ ކަމަށެވެ. "ޑޮކްޓަރު ބުނާހާ އެއްޗަކަށް ކުށްވެރިއަކު ޖަލުން ނެރެފައި ގޭބަންދުގައި ބަހައްޓަން ވެއްޖިއްޔާ ގާނޫނެއް ނޫން އެއިރަށް ހިނގާނީ. ޑޮކްޓަރު ބުނާ ބުނުން އެކަނި އެމީހެއްގެ މައްޗަށް ހިނގާނީ،" އުމަރު ވިދާޅުވި އެވެ. "ގާނޫނުގައި އޮތް ގޮތުން ނަޝީދުގެ މައްޗަށް އޮތީ 13 އަހަރުގެ ޖަލު ހުކުމެއް. އެހެންވީމަ އެ ހުކުމް ހިނގާނީ. ޑޮކްޓަރަކު ލިޔެލާ ކޮންމެ ސިޓީބިޓީއަކަށް، ޖަލުގައި ހުންނަ މީހަކު ގެއަކަށް ނުގެންދެވޭނެ." ސަރުކާރާއި އެމްޑީޕީގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުމަށް ފަހު ހޯމް މިނިސްޓަރު އުމަރު ނަސީރު (ވ) އާއި އެމްޑީޕީގެ މަންދޫބު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސަލާމްކުރައްވަނީ.---ހަވީރު ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން ނަޝީދު އަނބުރާ ޖަލަށް ގެންދިޔައިރު އުމަރު އުޅުއްވަނީ ރަސްމީ ދަތުރެއްގައި ސިންގަޕޫރުގަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ ރޭގަ އެވެ. އުމަރު ވަޑައިގަންނަވަންދެން ހޯމް މިނިސްޓްރީ ބެލެހެއްޓެވީ ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. ހޯމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޕްރިޒަންސް ކޮމިޝަނަރު މުހައްމަދު ހުޝާމް ވިދާޅުވީ، ނަޝީދު ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓުމަށް ޑޮކްޓަރު ދިން ލަފައާ ގުޅިގެން ގޭބަންދަށް ދިން ދެ މަސް ދުވަހުގެ މުއްދަތު ހަމަވާތީ، އެމަނިކުފާނު އަލުން ޑޮކްޓަރަށް ދެއްކުމުން ނަޝީދަށް ވަކި ކަހަލަ ފަރުވާތަކެއް ދިނުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ. އުމަރު ރާއްޖޭގައި ނޫޅުއްވާތީ ވަގުތީ ހޯމް މިނިސްޓަރު ޝައިނީ އަދި ހުޝާމް (ވ) އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "ކޮންމެ ދުވަހަކު އެއް ގަޑިއިރަށް މޫދަށް އެރުވާށޭ. އަދި ވަކި ޓްރީޓްމަންޓްތަކެއް ދޭށޭ. މިކަންކަމަކީ އެފަދަ ބޭފުޅަކު ގޭގައި ބަހައްޓައިގެން މާލޭގައި އަޅުގަނޑުމެންނަށް ދެވެން އޮތް ހިދުމަތްތަކެއް ނޫން،" ހުޝާމް ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ކުށްވެރިންނަށް މާފު ދިނުމާއި ހުކުމް ލުއި ކުރުމަކީ ވެސް ރައީސުލްޖުމްްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށާއި ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އެކަމާ ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. ކުށްވެރިއަކަށް ލިޔުމެއް ދެއްވަން ބޭނުންވެއްޖެ ނަމަ ރައީސްގެ ލިޔުމެއް ހޯމް މިނިސްޓްރީއަށް ލިބެންޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ. "އެމީހާ [ގައިދީ] އަށް ވެސް ދޭނެ ލިޔުމެއް. އެއީ ކަރެކްޝަނަލް ސާވިސް އިން އެދާ ގޮތަށް ގޮސް އެމީހަކާ ލިޔުމެއް ހަވާލުކުރުމެއް ނޫން. އެއަށް ވުރެ މާ ބޮޑު ޕްރޮސީޖާއެއް އޮންނަ ކަމެއް އެއީ،" ނަޝީދުގެ ހުކުމްގެ ބާކީ ބައި އެއްކޮށް ގޭބަންދަށް ބަދަލުކުރި ކަމަށް އަންގައި ކަރެކްޝަނަލް ސާވިސް އިން ލިޔުމެއް ދިން ކަމަށް އެމްޑީޕީން ބުނާތީ އެއަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ. ކަރެކްޝަނަލް ސާވިސް އިން ދިން ކަމަށް ބުނާ އެ ލިޔުން ގާނޫނީ ވަކީލުން އާންމުކޮށްފައިވާއިރު، ސަރުކާރުން ތަކުރާރުކޮށް ބުނަނީ އެފަދަ ލިޔުމެއް ކަރެކްޝަނަލް ސާވިސްއިން ދީފައި ނުވާނެ ކަމަށާއި އެފަދަ ލިޔުމެއް އެ އިދާރާއަށް ނުވެސް ދޭނެ ކަމަށެވެ. އަދި އެ ލިޔުމުގެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އުމަރު ވިދާޅުވީ ނަޝީދުއާ ލިޔުން ހަވާލުކުރީ ކަރެކްޝަނަލް ސާވިސްގެ މީހަކު ކަމަށް އެމްޑީޕީން ބުނާތީ، އެކަން ތަހުގީގު ކުރަން މިހާރު އެ އިދާރާއަށް ވެސް އަންގަވާފައިވާ ކަމަށެވެ. "އެ ލިޔުން ހަވާލުކުރާ ފުޓޭޖް ހުރިއްޔާ ވެސް ދައްކަންވީ އަޅުގަނޑުމެންނަށް. އެ ހިސާބުން އަޅުގަނޑުމެން އެމީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނަން. އަދި ފުޓޭޖް އެބަހުއްޓޭ ކިޔާފައި ދޮގެއް ވެސް ނުހެދޭނެ. އެ ދައްކަން ވެސް ޖެހޭނެ. އެއީ އެމްޑީޕީން ހެދި ފޭކް ޑޮކިއުމެންޓެއް ވެއްޖިއްޔާ އެމީހުން ވެސް ކުށްވެރިވާނެ. އަދި ކަރެކްޝަންސްގެ މުވައްޒަފަކު ކުރި ކަމެއް ވެއްޖިއްޔާ އެމީހަކު ވެސް ކުށްވެރިވާނެ،" އުމަރު ވިދާޅުވި އެވެ. ނަޝީދު އެމަނިކުފާނުގެ ވަކީލުންނާއެކު: ނަޝީދުގެ ހުކުމްގެ ބާކީ ބައި ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް އަންގައި ކަރެކްޝަނަލް ސާވިސްިން ލިޔުން ދިން ކަމަށް ވަކީލުން ވިދާޅުވޭ.--ހަވީރު ފައިލް ފޮޓޯ ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވެފައި ވަނީ ކަރެކްޝަންސްގެ މުވައްޒަފަކު، ނަޝީދުއާ ލިޔުން ހަވާލުކުރާ ސީސީޓީވީ ފުޓޭޖް ވެސް އެބަހުރި ކަމަށެވެ. "ޚުދު އަޅުގަނޑު ވެސް އެތާނގައި ހުރިން. ހަމައެއާ އެކު ނަޝީދުގެ ގޭގައި ތިއްބެވި އެހެން ބައެއް ބޭފުޅުން ވެސް ތިއްބަވަނިކޮށް ކަރެކްޝަންސް އިން ހަވާލުކުރީ. ކަރެކްޝަންސް އިން އެ ލިޔުން ހަވާލުކުރަން ވަޑައިގަތް ބޭފުޅާގެ ސީސީޓީވީ ފުޓޭޖް ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ