މައުމޫން ދެއްކެވި ވާހަކަތައް އެމްޑީޕީން ކުށްވެރިކޮޮށްފި

ވެރިކަން ލިބިވަޑައިގަންނަވާތާ އަހަރެއްގެ ތެރޭގައި ރާއްޖޭގައި ފައްޅި އަޅަން ކުރީގެ ރައީސް މުހަންމަދު ނަޝީދު އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވިދާޅުވެފައިވާތީ އެކަން އެމްޑީޕީން ކުށްވެރިކޮށްފި އެވެ. އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ބޭނުމަކަށް ޓަކައި ހަތިޔާރަކަށް ދީން ނަންގަވައިގެން މައުމޫން އަނެއްކާ ވެސް "21 ވަނަ ގަރުނަށް ނުފެތޭ ހަގީގަތާ ހިލާފު ވާހަކަފުޅުތައް ދައްކަވާތީ" އެ ޕާޓީން ހިތާމަކުރާ ކަމަށެވެ. "އެމަނިކުފާނުގެ ބަސްފުޅުތަކާ ޚިލާފަށް އެމްޑީޕީގެ ސަރުކާރުން ދައްކުވާދީފައިވާނީ އެމަނިކުފާނު ވެރިކަން ކުރެއްވި 30 އަހަރުގައި ދީނީ ޢިލްމުވެރިން ހިފާ ހައްޔަރުކޮށް ޖަލަށްލައި އަދި އަނދަގޮނޑިޖެހުމަށްފަހު ކުރަމުންދިއަ ބޮޑެތި ލާއިންސާނީ އަނިޔާތަކުގެ ސަޤާފަތް ނިމުމަކަށް ގެނައިކަމާއި، ދީނީ ޢިލްމުވެރިން މިނިވަންކޮށް އަދި އެބޭފުޅުންނަށް ފަތުވާދެއްވުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާކަމެވެ،" ބަޔާނުގައި ވެ އެވެ. "އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިގުހު އެކަޑެމީއަކާއި އިސްލާމީ ކަންކަމާބެހޭ މިނިސްޓްރީއެއް އުފެއްދުމުގެ އިތުރުން ސްކޫލުތަކުގައި ނަމާދުކުރެވޭނެ ވަސީލަތްތައް ފުރަތަމަފަހަރަށް ގާއިމުކުރި ކަމެވެ. ހަމަ އެހެންމެ 40 އެތަކެއް މިސްކިތް ތިން އަހަރުގެ ކުރު މުއްތަދުގެ ތެރޭގައި ބިނާކުރިކަމެވެ. އަދި އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ގޮތަށް އޯގާތެރި ހެޔޮ ވެރިކަމެއް ކުރެއްވިކަމެވެ. އަދި ރާއްޖެ އާއި ދުނިޔޭގައި ކަން ހިނގަމުންދިއަ ގޮތުގެ ހަގީގަތް ދެފުށް ދެގޮތްވުމެއް ނެތި ހާމަކުރަމުން ދިޔަ ކަމެވެ."އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މައުމޫނުގެ ސަރުކާރާއިި މި ސަރުކާރުގައި ވެސް ދީނާ ހިލާފު އަމަލުތައް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިސްލާމް ދީނުގައި އެންމެ ބޮޑަށް ހަރާން ކުރައްވާފައިވާ ބައެއް ކަންކަން މި ސަރުކާރުން ވެސް ކޮށްފައިވާކަން ފަޅާއަރައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ. ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވެފައިވަނީ ނަޝީދަށް ވެރިކަން ލިބިވަޑައިގަންނަވާތާ އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި ފައްޅިއެއް އަޅުއްވާނެ ކަމަށް އިނގިރޭސި ސަފީރު އަރިހު އެއްބަސްވެވަޑައިގެންފައިވާ ކަމަށް މައުމޫނަށް އިނގިރޭސިވިލާތުގެ ބޭފުޅަކު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ދީން ކުރިއަރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ މައުމޫން ވަަނީ ވާހަކަ ދައްކަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ