ނަޝީދާއެކު ސައްލާކުރަން މައުމޫން ލަދު ގަންނަން ޖެހޭނެ: ނިހާން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހާރު ސައްލާކޮށް މަޝްވަރާކުރައްވަނީ އެމަނިކުފާނުގެ ވެރިކަން ވައްޓާލަން ބަގާވަތްކުރި ގައުމަށް ގައްދާރުވީ މީހުންނާ ގުޅުން އޮންނަ ބަޔަކާއެކު ކަމަށާއި އެކަމަކީ އެމަނިކުފާނު ލަދު ގަންނަންޖެހޭނެ ކަމެއް ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ކާނިވާ ސަރަހައްދުގައި "އަސްތާ"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވަނީ ނަސްރު ދުވަހުގެ ޒިކުރާ އިދިކޮޅު ލީޑަރުން އާކުރައްވާފައިނުވާތީ އެކަމާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނިހާން ވިދާޅުވީ، އެ ދުވަހުގެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސް މަގާމުތައް ދީފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓަރުކަން އަމީން ފައިސަލަށް ދެއްވައި، ސިފައިންނަށް ކެހި ދެއްވި ކަމަށެވެ. އަދި، އެ ބަގާވާތުގައި އިސްކޮށް ހުންނެވި ހާޖަރާގޭ ލުތުފީ ފިއްލަވަން ރައީސް ނަޝީދުގެ ވެރިކަމުގައި ފުރުސަތު ދެއްވި ކަމަށެވެ.
ރައީސް ނަޝީދު، ނަސްރުގެ ދުވަސް ފާހަގަނުކުރައްވާކަން ފާހަގަކޮށް ނިހާން ވަނީ އެ ދުވަސް އެމަނިކުފާނުގެ ވެރިކަމުގައި ފާހަގަކުރެއްވީ ވަރަށް "ފެންކޮށް" ކަމަށް ވިދާޅުވެފަ އެވެ. އަދި، އެ ދުވަހަކީ ނުވާ ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ. ނިހާން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ފާޑުވިދާޅުވެފަ އެވެ، ނިހާން ވިދާޅުވީ، މި އަހަރުގެ ނަސްރުގެ ދުވަހު ރައީސް މައުމޫން ވެސް ކުރެއްވީ އެންމެ ޓްވީޓެއް ކަމަށެވެ. އެވަރުން އެމަނިކުފާނު ވެސް ފުއްދަވާލެއްވީ ކަމަށެވެ.
ޕީޕީއެމް އަސްތާ ޖަލްސާގެ ތެރެއިން - ޔޫސުފް ރިޒާ | އަވަސް
"މިއަދު ހިތާމައިގެ ފިޔަވަޅު މަތީގައި އަޅުގަނޑުމެން ތިބެން މިޖެހެނީ ރައީސް މައުމޫން ހަމަ ގަބޫލުފުޅު ކުރެއްވީތޯއޭ ތިމަން މަނިކުފާނު ގަބޫލުކުރެއްވީތޯއޭ ތިމަން މަނިކުފާނަކީ ހަމަ ދޮންނަ މެޝިންގެ ފޮށިގަނޑެއްގައި އޮންނެވި ބޭފުޅެއްތޯއޭ، އެހެންވެގެންތޯއޭ އިންނަވަނީ ގޮސް، ކެނެރީގޭ ނަޝީދާއި އޭނާއާ ގުޅުންހުރި މިޖަހަލާތުގެ އަމަލު ހިންގި މީހުންނާއެކު އެއް ސައްލާއެއް ކުރަން އިންނަވަން ރައީސް މައުމޫން ލަދުފުޅު ގަންނަވަންޖެހޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން، އަޅުގަނޑުމެން މިފަހުރުވެރި ވަތަނަށްޓަކައި މި ވާހަކަ ކޮންމެ ތާކު ތަކުރާރުކޮށް އެބަ ދައްކަންޖެހޭ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް ގައްދާރުވީ މީހުންނާއެކު ގާތް ގުޅުމެއް ބޭއްވިއިރު ވެރިކަމުގައި ރާއްޖެއަށް ވަނީ އެތައް ގެއްލުންތަކެއް ވެސް ދީފަ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ޖީއެމްއާރްއަށް ރާއްޖޭގެ މައި އެއާޕޯޓް ދިނުން ކަމަށެވެ. އޭގެ ސަބަބުން އެތައް ގެއްލުމެއް ރާއްޖެ އުފުލަންޖެހުނު ކަމަށެވެ. އެކަންކަމުން ރާއްޖެ ސަލާމަތް ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަން ނެތިއްޔާ ރައްޔިތުން ދެރަވާނެ ކަމަށް ވެސް ނިހާޏް ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް ގެނައި އިސްލާމީ ރިވެތި އުސޫލުތައް ރައީސް ނަޝީދުގެ ވެރިކަމުގައި ނައްތާލާފައިވާ ކަމަށެވެ. ދީނާ ދުރު އެތައް ކަމެއް ކުރެއްވި ކަމަށެވެ. އެކަމުގެ ލިސްޓެއް ވެސް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވީ، ރައީސް ޔާމީންގެ އަމަލުކުރައްވަނީ އެއާ ހިލާފަށް ދީނާ ގާތްކޮށް ކަމަށެވެ. އެމަނިކުފާނު ދީން ކުރިއަރުވަން މި ހަތަރު އަހަރު ތެރޭގައި ކުރައްވާފައިވާ ކަންތައްތަކުގެ ލިސްޓެއް ވެސް ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ