ކުށެއް ސާބިތުވި ކަމަށް ގަބޫލެއް ނުކުރަން - މައުމޫން

ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ އިތުރުން ފަނޑިޔާރު ޢަލީ ހަމީދުގެ ފޯނު ތަހްޤީގަށް ނުދިން މައްސަލައިގައި ދައުވާ ސާބިތުވެ ހުކުމުގެ މުއްދަތާއި ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން އެމަނިކުފާނުގެ މައްޗަށް ކުށެއް ސާބިތުވެފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ހުކުމް އިއްވުމުުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އެ ތިން ބޭފުޅުންނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިބަސްތަކާއި ބަޔާންތަކަށް ބާލާއިރު އެ ބޭފުޅުންގެ ފޯނުތަކުގައި ތަހުގީގަށް ބޭނުންވާ ހެކި ހުންނާނެ ކަމަށް ބުރަވެވޭ ކަމަށެވެ. އަދި އެ ތިން ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެއަށް ފަހު ހުކުމުގެ މުއްދަތާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލް އައިޝަތު މުނާ ޝަމީމް ވިދާޅުވީ އެ ބޭފުޅުންގެ މައްޗަށް އެންމެ އެކަށީގެން ވަނީ އެންމެ ދިގު މުައްދަތު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް ކުރުމަށް ކަމަށެވެ.
ތިން ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި ހުކުމުގެ މުއްދަތާާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް އުއްތަމަ ފަނޑިޔާރަށް ފުރުސަތު ދެއްވުމުން ވިދާޅުވީ ބޭނުންފުޅު ވަނީ ގާނޫނީ ވަކީލަކާއެކު ކުރިއަށް ގެންދަވަން ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިންސާފަކުން ނޫން ކަަމަށާއި ޝަރީއަތާއި ގާނޫނާއި ހިލާފަަށް ކަމަށް ވިދާޅުވިއެވެ.
ރައީސް މައުމޫން އަށް ފުރުސަތު ދެއްވުމުން އެމަނިކުފާނު ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންގޮސްފައިި ވަނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތާއި ހިލާފަށް ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތައް ބަލާއިރު އެމަނިކުފާނުގެ މައްޗަށް ކުށެއް ސާބިތު ވެފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ޝަރީއަތް ކުރިއަށް ގެންދިޔައީ ބޭ އިންސާފުން ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދައްކަވައި މައުމޫން ވިދާޅުވީ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
އޭގެ ކުރިން އޮތް ހުލާސާ ބަޔާން އިއްވުމުގެ މަޖިލީހުގައި މައުމޫން ވިދާޅުވީ ސިއްރު ހެކިި ނެގުމަކީ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަން ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭއިރު ދީނާއި ހިލާފު ކަމެއް ރާއްޖޭގައި ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނަކީ އެއްވެސް އިރެއްގައި ޖިނާއީ ކުށެއް ކޮށްފައިވާ ފަރާތެއް ނޫން ކަމަށް ވިދާޅުވެ ދައުވާއަށް ފުރިހަމަށް އިންކާރު ކުރައްވާކަން މިއަދުވެސް ތަކުރާރު ކުރެއްވެވިއެވެ.
މައުމޫން އާއި ދެފަނޑިޔާރުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު ހުކުމުގައި ވަނީ އެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދައާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަވެސް ބާތިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ