ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑުނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވުމުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.
ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާދަވެރި ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ ވިދާޅުވީ ފައިސާ ހޯދާ ގޮތް ބަލަން ނުޖެހޭ ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ދާއިރު އެއީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ގެއަށް "ހަލާލު ނޫން ފައިސާ" ވަދެފައިވާ ކަމަށް އިއުތިރާފްވެވަޑައިގެންފައިވާއިރު ފައިސާ ހޯދާ ގޮތް ރައްޔިތުން އެނގެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ތިބީ ހަލާލު ނޫން ފައިސާ އެމީހުންގެ ތެރެއަށް ގެނެސްގެން އެމީހުން ތިބީ އެބޭނުން ކުރާ ގޮތަކަށް ނޫން. އެހެންވީމަ ރައްޔިތުންނަށް ރައީސް ޔާމީން ފައިސާއޭ ވިދާޅުވެފައި ތިމަންނަ އެހޯދާ ގޮތާ ބެހޭ ގޮތުން ސުވާލު ނުކުރާށެކޭ ވިދާޅުވިޔަކަސް ރައްޔިތުންނަށް އެކަން ދޫކުރެވޭ ގޮތަކަށް ނެތް،" މާރިޔާ ވިދާޅުވި އެވެ.
Faisaa hoadhaa gothuge suvaaleh nukuraane, Rayyithun alhugandah ithubaaru kurey: Raees Yameen
Mihaaru
ފައިސާ ހޯދާ ގޮތް ބަލަން ރައްޔިތުން ބޭނުންނުވާ ކަމަށް ރައީސް ވިދާޅުވުން--ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ އެ މީހުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުން ހައްލު ކޮށްދިނުން ކަމަށެވެ. އަދި އެކަން ފުއްދަން ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑު ނުވާ ކަމަށް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާގެ ހިޔާނާތެއް މި ސަރުކާރުން ވެފައިވާއިރު ދައުލަތުގެ މާލިއްޔަތުން ހަރަދު ކުރެވޭ ގޮތް ސާފު ކުރަން ރައްޔިތުން ބޭނުންވާ ކަމަށެވެ.
"ރައްޔިތުންގެ މާލިއްޔާއިން ހަރަދު ކުރެވޭ ކަމަށް ވާ ނަމަ ފައިސާ ހޯދި ގޮތާއި ފައިސާ ހަރަދު ކުރެވުނު ގޮތާއި ފައިސާގެ އެންމެ ބޮޑު ލާރިއެއް ވެސް އެ އެކައުންޓް ކުރެވޭ ގޮތަށް ނޫނީ އެކަމެއް ނުކުރެވޭނެ،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ނަންގަވާ ބޮޑެތި ލޯންތަކަށް އަންނަން އޮތް ޖީލުތަކުން ޒިންމާވާން ޖެހޭ ކަމަށެވެ. އެ ލޯންތައް ނަގަމުން ދަނީ ރައްޔިތުންނަށް އެކަންކަމުގެ ތަފްސީލު ނުދެއްވައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކިވަކި ރަށްތަކުގައި ހިންގާފައިވާ މަޝްރޫތަކުގެ ތަފްސީލު ހިމަނައި ސަރުކާރުން ނެރުނު "ރަށްވެހި ތަރައްގީ" ފޮތުގެ ހިސާބުތައް ދެކޮޅެއް ނުޖެހެ އެވެ. އެއްކަހަލަ ޕްރޮޖެކްތަކެއް އެތައް އަގެއްގައި ހިންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ހުރިހާ ކަމެއް އެނގޭނީ ވެރިމީހާއަށް ކަމަށާއި ރައްޔިތުންނަށް އެ މައުލޫމާތު އެނގެން ނުޖެހޭ ކަމަށް ދެކޭ ނަމަ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ހުރިހާ ނިންމުމެއް ނިންމައި ރައްޔިތުންނަށް ޖަވާބު ދާރީވާން ނުޖެހޭނެ ކަމަށް ދުށުމަކީ ރަސްކަމުގެ ސިފައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ފައިސާ ހޯދާ ގޮތް އެނގެން ރައްޔިތުން ބޭނުންވޭ: މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ