ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ރަސްމީގޮތުން ގަބޫލުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް އެކަން އިޢްލާން ކުރެއްވުމުން އެކަމާ ނުރުހުން ފާޅުކޮށް ފަލަސްތީނުގެ ރަށްތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފިއެވެ.
މިއީ، ގުދުސް މައްސަލާގައި ފަލަސްތީނު ރައްޔިތުން އިއްޔެ މުޒާހަރާތައް ފެށިފަހުން ފަލަސްތީނު މީހަކު ޝަހީދު ކޮށްލި ފުރަތަމަ ފަހަރެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހާފައިވަނީ ޣައްޒާ-އިސްރާއީލު ވަކިކުރާ އިމާ ގާތުގައި މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއަށެވެ.
ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ އެކަކު ޝަހީދުވެފައި ވާއިރު، އިތުރު މީހަކު ވަރަށްބޮޑަށް ޒަޚަމްވެ ހާލު ވަރަށް ސީރިއަސްކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ކަށަވަރު ކޮށްދީފައި ވެއެވެ. މިހަމަލާގައި ޝަހީދުވެފައިވާ މީހާގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.
ފުރަތަމަ ޚަބަރުތައް ފެތުރުނީ، އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ ދެމީހުން ޝަހީދުވެފައިވާ ކަމަށެވެ. ނަމަވެސް ފަހުން ބުނެފައިވަނީ ދެވަނަ މީހާ އޮތީ ހޮސްޕިޓަލްގައި ކަމަށާއި ހާލު ވަރަށް ސީރިއަސް ކަމަށެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ބުނެފައިވަނީ ޣައްޒާ-އިސްރާއީލު ގުޅޭ އިމުގައި މުޒާހަރާ ކުރަމުންދިޔަ ދެމީހެއްގެ ގަޔަށް ބަޑިޖަހާފައިވާ ކަމަށެވެ. އެދެމީހުންނަކީ މުޒާހަރާ ކުރުމުގައި އިސްކޮށް އުޅުނު ދެމީހުން ކަމަށްވެސް ބުނެފައި ވެއެވެ.
ގުދުސް މައްސަލާގައި ގުދުސްއާއި، ހުޅަނގު އައްސޭރީގެ ރަށްތަކާއި، ޣައްޒާގައިވެސް ވަރުގަދަ މުޒާހަރާތަކެއް ފެށުމާ ގުޅިގެން އިސްރާއީލުގެ ސަލާތީ ބާރުތަކުން ގެންދަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ. އެގޮތުން، އަސްލު ވަޒަނާއި، ރަބަރު ވަޒަނާއި، ކަރުނަގޭހުން މުސްލިމުންނަށް ގެންދަނީ ހަމަލާތައް ދެމުންނެވެ.
ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފައިވަނީ ހުޅަނގު އައްސޭރީގައި މިއަދު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އެކަކު ޒަޚަމްވެފައިވާ ކަމަށާއި އަދި ޒަބަރު ވަޒަން ޖެހުމުގެ ސަބަބުން އިތުރު އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.
ހުޅަނގު އައްސޭރިން އެކަނިވެސް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ފަލަސްތީނު ރައްޔިތުންގެ 50 އަށްވުރެ ގިނަމީހުން ހައްޔަރު ކޮށްފައެވެ.
ފަލަސްތީނުގެ 30 ސަރަހައްދެއްގައި ފަލަސްތީނު ރައްޔިތުން ގެންދަނީ މަގުތައް މަތީގައި ޓަޔަރު އަންދައި، އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް އޮށްގަލާއި އަލިފާންބޮމުން ހަމަލާތައް ދެމުންނެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު މީހަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ