ދިވެހި ރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ގާތްއެކުވެރިކަމުގެ ގުޅުމަށް ބުރޫއެރުވުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވާކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުންކުރާ މަސައްކަތުގެ އަޑީގައި އޮތީ ސްރީލަންކާކަމަށް ބުނެ ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރު ރިޔާޒު ރަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ހުކުރު ދުވަހުގެރޭ ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދު އޮތީ ޒަމާންވީ ގާތްގުޅުމެއްކަމަށާ އަދި އެއީ ދެ ގައުމުގެ އިތުބާރު ލިބިފައިވާ ގުޅުމެއްކަމަށެވެ.
އެހެންކަމުން އެފަދަ ގުޅުމަކަށް ބުރޫއެރުވުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ދާދިފަހުން ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ރިޔާޒު ވަނީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންގެންދާކަމަށާ އަދި އެކަމުގެ އަޑީގައި އޮތީ ލަންކާކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.
އެދުވަހު ރިޔާޒު ވިދާޅުވީ ސްރީލަންކާއިން އަމަލުކުރާގޮތުން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ސްރީލަންކާއިން މަދަދުވެރިވާކަމަށް ބުނުމުގެ ޖާގަ އެބައޮތްކަމަށާ ސްރީލަންކާއިން އަމަލުކުރާގޮތުން ކަންބޮޑުވާކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ގިނަ ލީޑަރުން ޖަލުގައި ބަންދުކުރަމުން ގެންދާއިރު، ރާއްޖޭގައި ތިބުން ރައްކާތެރިނުވުމުގެ ސަބަބުން ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާގައެވެ.
އަދި އިދިކޮޅު ސިޔާސީ ސައްލާތައް ސްރީލަންކާގައި ކުރިއަށްގެންދާއިރު، އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވަރަށް ގިނައިން ލަންކާއަށް ޒިޔާރަތް ކުރައްވަމުންނެވެ. މިފަދަ ބައެއް ދަތުރުތަކުގައި ލަންކާގެ ރައީސް މައިތިރިޕާލާސިރިސޭނާ އަދި ބޮޑުވަޒީރު ރަނިލްއާއިވެސް ރައީސް ނަޝީދު ވަނީ ބައްދަލްކުރައްވާފައެވެ.
ސަރުކާރުގެ ބިރުދެއްކުމާއި، ދީފާނެ އަނިޔާއަކުން ސަލާމަތްވުމަށް ލަންކާގައި މިވަގުތު ކުރީ ސަރުކާރުގެ ބައެއް ވަޒީރުންނާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ސޯޝަލް މީޑިއާ އެކްޓިވިސްޓުންވެސް ގެންދަނީ ދިރިއުޅެމުންނެވެ.
ރާއްޖެއާއި ލަންކާގެ ގުޅުމަށް ބުރޫ އެރުވުމުގެ ހައްގެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ