މިސްރު އަސްކަރިއްޔާގެ ނިންމުމަށް އެޤައުމުގެ ރައްޔިތުން ކެތްމަދުވެފަ

މިސްރުގަ މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ހައްލުކޮށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ އަޑު އެހުމަށް މިސްރުގެ ރައީސް މުޙައްމަދު މުރްސީއަށް އެޤައުމުގެ އަސްކަރިއްޔާއިން ދީފައިވާ ސާޅީސްއަށް ގަޑިއިރުގެ މުހުލަތު ހަމަވެފައިވާއިރު މިސްރުގެ ރައްޔިތުން މިހާރު ތިބީ އަސްކަރިއްޔާއިން ދެން އަމަލުކުރާނެ ގޮތަކާމެދު ކެތްމަދުވެފައެވެ.
ރައީސް މުރްސީއާ ދެކޮޅު ސިޔާސީވެރިންނާ އެޤައުމުގެ ދީނީ އިލްމުވެރިން މިއަދު ވަނީ އަސްކަރިއްޔާއާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. މީގެ ކުރިން އަސްކަރިއްޔާއިން ބުނެފައިވަނީ ރައީސް މުރްސީއަށް ދީފައިވާ ސާޅީސްއަށް ގަޑިއިރުގެ މުހުލަތު މިއަދު ހަމަވުމުން އެޤައުމުގެ ޤާނޫނުއަސާސީ އުވާލާ އެޤައުމުގެ ޤާނޫނުހަދާ މަޖިލިސް ސަސްޕެންޑް އައު ރިޔާސީ އިންތިޚާބެއް ބާއްވާނެކަމަށެވެ.
ރައީސް މުރްސީ ދަނީ އޭނާއާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން އެދެމުންދާގޮތަށް އޭނާ އިސްތިއުފާ ނުދެއްވާނެކަމަށާ މިސްރުގެ އަސްކަރިއްޔާއިން ދީފައިވާ މުހުލަތު އަނބުރާ ގެންދިއުމަށެވެ. އަދި މިސްރުގެ ޤާނޫނީ ވެރިއަކީ އޭނާކަމަށާ ޑިމޮކްރަސީއަށް މަގުފަހިވާގޮތަށް މިވަގުތު އެންމެން ވެސް އަމަލުތައް ބަހައްޓަން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް މުރްސީ ނިސްބަތްވަޑައިގަންނަވާ މުސްލިމް ބްރަދަހޫޑުގެ ތަރުޖަމާނު ގަހަދް އަލް ހައްދާދް ވަނީ މިސްރުގެ އަސްކަރިއްޔާއިން ރަސްމީ ބަޣާވާތެއް ކުރަން ތިބީ ތައްޔާރަށްކަމަށާ އަސްކަރީ އުޅަނދުތައް ވަނީ މަގުތަކުގަ ރުކުރުވާލާފަކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގަ މިސްރުގެ އަސްކަރިއްޔާއިން މިހާރު ތިބީ އެޤައުމުގެ ދައުލަތުގެ ޓީވީ ހިންގާ އިމާރާތުގައެވެ. އަދި ދާދި އަވަހަށް އަސްކަރިއްޔާއިން ނިންމި ނިންމުން އިޢުލާން ކުރާނެކަމަށް ބެލެވެއެވެ.
ރައީސް ހުސްނީ މުބާރަކުގެ ތިރީސް އަހަރުވީ ވެރިކަން ވެސް ވައްޓާލާފައިވަނީ މިސްރުގެ ވެރިރަށް ޤާހިރާގެ ތަހުރީރު މައިދާނަށް އެތައް ސަތޭކަ ހާސް ބަޔަކު އެއްވެސް އެތައް ދުވަހެއް ވަންދެން ކުރި މުޒާހަރާތަކަކުންނެވެ. ދެހާސް އެގާރަވަނަ އަހަރު ރައީސް މުބާރަކުގެ ވެރިކަން ވެއްޓުމަށްފަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް މުރްސީއެވެ. ނަމަވެސް އޭނާގެ ވެރިކަމަށް އަދިވެފައިވަނީ އެންމެ އަހަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ