ރިޔާސީ އިންތިހާބު 2008: އުތުރުގެ ތިން އަތޮޅެއްގެ ހަތް ރަށަކަށް ޒައީމް މައުމޫން ދަތުރުފުޅެއް ކުރައްވައިފި

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ވާދަކުރައްވާ އެ ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ކެމްޕޭން ކުރެއްވުމަށް އުތުރުގެ ތިން އަތޮޅެއްގެ ހަތް ރަށަކަށް ދަތުރުފުޅެއް ކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. މީދުއަށެވެ. ބުރާސްފަތި ދުވަހު ހަވީރު މީދުއަށް ވަޑައިގެންނެވުމުން މީދޫ ޑީއާރުޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
ވެހެމުންދިޔަ ވާރޭގެ ތެރޭގައި، މީދޫ އަންހެނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ މީދޫގެ ތަރައްގީއަށް ކުރަންޖެހިފައިވާ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން ބަނދަރު މަރާމާތުކުރުމާއި ކަރަންޓްގެ ހިދުމަތް ފުޅާކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ހިމެނޭ ކަމަށް ވެސް ޒައީމް ވިދާޅުވި އެވެ.
މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޒައީމް މައުމޫން ވިދާޅުވީ އެ ދައްކާ ވާހަކަތަކީ ހަގީގަތެއް ނޫން ކަމަށެވެ.
"އާ ގާނޫނު އަސާސީގެ ދަށުން އަޅުގަނޑަށް ކުރިމަތިލެވޭނެ. އަދި މިހާރު ވެސް މިހިރީ ކުރިމަތިލައިގެން. އެ ދައްކާ ވާހަކަތަކަކީ ގާނޫނީ ގޮތުން އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން،" ޒައީމް ވިދާޅުވި އެވެ.
ޒައީމް މައުމޫން މީދުއަށް ވަޑައިގަންނަވާތީ އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި "މީދޫ ރައްޔިތުން ބޭނުން ވަނީ ގެސްޓް ހައުސް އަންދާލި ބަޔަކު ހޯދަން" އަދި "މި ރަށުގެ ހަލާކަކީ މިރަށުގެ ވެރިން" ކަމަށް ލިޔެ ބެނާތައް ރަށުގެ އެކި ސަރަހައްދުތަކުގައި ދަމާފައިވެ އެވެ.
މީދު އަށް ކުރެއްވި ދަތުރުފުޅަށްފަހު، ބުރާސްފަތި ދުވަހުގެ ރޭ އިރުއޮއްސުނުއިރު މި އަތޮޅު ވެރިރަށް، އުނގޫފާރަށް ޒައީމް މައުމޫން ވަޑައިގެންނެވި އެވެ.
ވެހެމުންދިޔަ ބޯ ވާރޭތެރޭގައި، ޒައީމާއި ޒައީމްގެ ރަނިންމޭޓް އަދި އެ ޕާޓީގެ ނައިބު ޒައީމް އަހުމަދު ތަސްމީނު އަލީ އުނގޫފާރަށް ވަޑައިގެންނެވި ވަގުތު، އެ ރަށުގައި ދިރިއުޅޭ ކަނދޮޅުދޫ ބަޔަކު ވަނީ ރައީސް މައުމޫނުގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.
އުނގޫފާރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ ވެރިކަން ކުރެވޭނީ ތަޖުރިބާހުރި ބަޔަކަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ކިބައިގައި ވެރިކަންކުރުމުގެ ތަޖުރިބާއާ ހުނަރު އެބަހުރި. އެހެންކަމުން ކުރިޔަށް އޮތް ފަސް އަހަރު ރާއްޖެ އާ އުސްމިނަކަށް ކުރިޔަށް ގެންދިއުމަށް އަޅުގަނޑު ހޮއްވަވާދެއްވާ!" ޒައީމް ވިދާޅުވި އެވެ.
އުނގޫފާރަށް ޒައީމް ވަޑައިގެންނެވިއިރު ބަނދަރު މަތީގައި އިދިކޮޅު ޝުއޫރުތައް އިބާރާތްތައް ލިޔެފައިވާ ބެނާތައް ދަމާފައިވެ އެވެ. އަދި ޒައީމް މައުމޫން އެ ރަށުގައި ތިބި ޑީއާރުޕީގެ މެމްބަރުންނާ ބައްދަލުކުރެއްވި ތަނުގައި ވެސް އިސްތިއުފާދެއްވުމަށް ގޮވާލައި ލިޔެފައިވާ ބެނާތައް ހަރުކޮށްފައިވެ އެވެ.
އުނގޫފާރަށް ކުރެއްވި ދަތުރުފުޅަށްފަހު އިއްޔެ ހެނދުނު ޒައީމް މައުމޫނާއި ރަނިން މޭޓް ވަޑައިގެންނެވީ މީގެ 13 އަހަރު ކުރިން ރ. އަތޮޅުގައި އަލަށް މީހުން އާބާދުކުރި ހުޅުދުއްފާރަށެވެ. ރ. އުނގޫދޫ މީހުންނާއި އުނގުލު މީހުން، 1995 ވަނަ އަހަރު ބަދަލުކުރި ރަށުގައި ވާހަކަ ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ އެ ރަށުގައި ސަރުކާރުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ. އެ ގޮތުން ދާދި ފަހުން ބަނދަރެއް ހަދައިދީ، ރަށުގައި މީހުން އާބާދުވުމުގެ ކުރިން 24 ގަޑިއިރު ކަރަންޓްގެ ހިދުމަތްދޭން ފަށައިފައިވާ ކަމަށް ވިދާޅުވި އެވެ.
ހުޅުދުއްފާރަށް ފަހު ހުކުރު ދުވަހު މެންދުރުފަހު ޒައީމް ވަނީ ނ. ކެނދިކޮޅުދުއަށް ވަޑައިގެން އެ ރަށުގައި ތިބި ޑީއާރުޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ޒައީމްގެ ކެމްޕޭނުގެ ނިޝާނަށް އިޝާރާތްކުރައްވައި، އެ ބައްދަލުކުރެއްވުމުގައި ޒައީމް މައުމޫން ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރަކީ ކާމިޔާބު ހާސިލްކުރާ ފަސް އަހަރު ކަމަށްވާނެ ކަމަށެވެ.
"ވައުދުވުމަކީ ވަރަށް ފަސޭހަކަމެއް. ވައުދު ފުއްދަން ދަތިވަނީ. އަޅުގަނޑަކީ ހުވަފެން ދައްކާނެ މީހެއް ނޫން،" ޒައީމް ވިދާޅުވި އެވެ.
ކެނދިކޮޅުދުއަށް ފަހު ޒައީމް މައުމޫން އިއްޔެ ހަވީރު ވަޑައިގަތީ އެ އަތޮޅުގެ ވެރިރަށް މަނަދުއަށެވެ. މަނަދުއަށް އެމަނިކުފާނު ވަޑައިގަތުމުގެ ކުރިން އެ ރަށުގެ ބަޔަކު ވަނީ އިސްތިއުފާދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ބެނާތަކެއް ހަރުކޮށްފަ އެވެ.
ޒައީމް މައުމޫން އެ ރަށަށް ވަޑައިގެން އެ ބެނާތައް ހިފައިގެން ތިބި މީހުން ކައިރިއަށް ވަޑައިގެންނެވި އެވެ. އަދި "ތިޔައީ ތިބޭފުޅުން ޝުއޫރު. އަޅުގަނޑުގެ ޝުއޫރާ ތިބޭފުޅުންގެ ޝުއޫރާ އެއްގޮތްވާކަށް ނުޖެހޭ" ކަމަށް ޒައީމް ވިދާޅުވި އެވެ.
މަނަދޫގައި ތިބި ޑީއާރުޕީގެ މެމްބަރުންނާ ރޭ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި އެންމެ ފުރަތަމަ ސްކޫލް ހުޅުވުނީ އެ ރަށުގައި ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންގެ ތެރެއިން ސަރުކާރަށް ތާއީދުނުކުރަނީ މަދު ބައެއް ކަމަށް ވިދާޅުވި އެވެ.
"މި އަތޮޅަށާއި މި ރަށަށް ނުކުރެވި ހުރި ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. މި ކަންތައްތައް ކޮށްދިނުމަށް އިތުރު މުއްދަތެއް ބޭނުންވޭ،" ޒައީމް ވިދާޅުވި އެވެ.
މަނަދުއަށް ފަހު މިއަދު މެންދުރެއްހާއިރު ޒައީމް މައުމޫން ވަނީ ކ. ކާށިދު އަށް ވަޑައިގެންފަ އެވެ.
އެއާޓެކްސީގެ މަތިންދާ ބޯޓެއްގައި މި ރަށަށް ވަޑައިގެންނެވިއިރު ބަނދަރުމަތީގައި "ދަނޑުވެރިކަމުގެ ބާވަތްތަކުން ނަގާ ޑިއުޓީކުޑަކުރޭ"، " 30 އަހަރުގެ ވެރިކަމުގައި ހެދުނު ބަނދަރު ފެނިވަޑައިގަންނަވާތޯ؟" ފަދަ އިބާރާތްތައް ލިޔެފައިވާ ބެނާތައް ހަރުކޮށްފައިވެ އެވެ.
ދަނޑުވެރިކަމަށް މަޝްހޫރު ރަށަށް ވަޑައިގެން، ޑީއާރުޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ މި ރަށަކީ ދަނޑުވެރިކަމަށް މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ފަދަ ރަށެއް ކަމަށެވެ.
ބާރަ އަހަރަށް ފަހު ކާށިދުއަށް ކުރެއްވި މި ދަތުރަށްފަހު ޒައީމް މިއަދު މެންދުރުފަހު ވަޑައިގަތީ މި އަތޮޅު ގާފަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ