ސަރުކާރުގެ އިގުތިސޯދީ އަދި މާލީ ސިޔާސަތަކީ ވިޔަފާރީގެ އުސޫލުން ހިންގޭނެ ކަންކަން ފާހަގަކޮށް، އެ ކަންކަމާ ސަރުކާރުގެ ބެހުން ވީހާ ކުޑަކުރުމާ އެކު، ހަމައެކަނި ވިޔަފާރީގެ އުސޫލުން ހިންގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވައި ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބަނދަރުތަކާއި އެއާޕޯޓްތަކަކީ ސަރުކާރަށް އުފުލަން ޖެހޭ ބުރައަކަށް ވާން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ވިޔަފާރީގެ އުސޫލުން އެކި ކަންކަން އަމިއްލަ ފަރާތްތަކާ އެކު ހިއްސާވެގެން ނުހަނު ފައިދާ ހުރި ގޮތެއްގައި ހިންގިދާނެ ކަމަށެވެ.
"ބަނދަރުތަކާއި އެއާޕޯޓްތައް ތަރައްގީ ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކާ ހިއްސާ ވެގެން އެ ތަންތަން ތަރައްގީކޮށް ހިންގޭނެ ކަމުގެ ފުރިހަމަ އިތުބާރު މި ސަރުކާރަށް އެބަ އޮތް. އަދި ހަމަ މި އުސޫލުން އިތުރު ބަނދަރާއި އެއާޕޯޓް ތަރައްގީ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް މި ސަރުކާރަށް އެބަ އޮތް. އިރާދަކުރެއްވިއްޔާ މި ކަންކަން މި ސަރުކާރުން ކުރާނަން،" މިދިޔަ އަހަރުގެ ނޮވެމްބަރު 11 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ނަޝީދުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ބަނދަރާއި ކަރަންޓާއި މަގު ހެދުން ފަދަ ކިތަންމެ އަސާސީ ހިދުމަތްތަކެއް ރައްޔިތުންނަށް ބޭނުންވާ ކަމަށާއި އެ ކަންކަން ލަސްކުރެވެން ނެތް ކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓުން އެހުރިހާ ކަމެއް ކުރަން އުޅުމަކީ ބުއްދިވެރި ކަމެއް ކަމަށް ސަރުކާރުން ނުދެކޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދަތުރުފަތުރު ކުރުމާއި ހޮސްޕިޓަލްތައް ހިންގުމާއި އަދި މި ނޫން ވެސް މިފަދަ އެތައް ކަމަކީ ސަރުކާރުގެ ބަޖެޓުން ބޭރުގައި ކުރެވެން ހުރި ކަންކަން. މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވިޔަފާރީގެ އުސޫލުން އެކަންކަން ކުރާނެ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް ނުވަތަ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހިންގާ އުސޫލަށް ކުރިއަށް ގެންދެވިދާނެ. ސަރުކާރުގެ އަމާޒަކީ، މި ދެންނެވި ލަނޑުދަނޑިތައް ކާމިޔާބު ކުރުމަށާއި މައިގަނޑުތައް ބިނާކުރުމަށް މަދުވެގެން 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެ އަށް ގެނައުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހަރަދުތަކުގެ ތެރެއިން މަދުވެގެން އެއް ބިލިއަން ރުފިޔާގެ ހަރަދު، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގައި ހިންގުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ނުވެގެންދާ ތަނެއްގައި މެނުވީ ސަރުކާރުން ލޯނު ނުނަގާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކުގައި އުފައްދާ ޕްރައިވެޓް ޕަބްލިކް ޕާޓްނަޝިޕްތަކުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކުމުން ސަރުކާރަށް އިތުރު އާމްދަނީ ލިބޭނެ ކަމަށެވެ. އަދި އެ އާމްދަނީ އަކީ ހަރު މުދާ ވިއްކައިގެން ލިބޭ އާމްދަނީ ކަމަށް ވުމުން، އެ ފައިސާ ބޭނުންކުރާނީ ސަރުކާރުގެ ދަރަނި އަދާކުރުމަށާއި އިންވެސްޓްމަންޓް އިތުރު ކުރުމަށާއި ހަގީގީ ރިޒާވެއް އުފެއްދުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ޑިމޮކްރެސީގެ އަސާސްތަކާއި އުސޫލުތައް ހަރުދަނާކޮށް ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ފޯރުކޮށްދީ، ޖަވާބުދާރީވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީކޮށް އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވައި ގާނޫނު އަސާސީގައި ބުނާ ރިޔާސީ ބަޔާން ރައީސް ނަޝީދު މަޖިލީހަށް އިއްވެވި ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުންދަނީ އެއީ ގާނޫނު އަސާސީއާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށެވެ. ސަބަބަކީ އާ ގާނޫނު އަސާސީގެ 296 ވަނަ މާއްދާގައި ގާނޫނު އަސާސީގެ ދަށުން އިންތިހާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާޗް 1 ގެ ކުރިން ބާއްވަން ވާނެ ކަމަށް ބުނެފައި އޮއްވައި އެކަން ނުކުރުމުންނެވެ. އަދި އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އިންތިހާބު މިދިޔަ ފެބްރުއަރީ 15 ގެ ކުރިން ބާއްވަން ވާނެ ކަމަށް ބުނެފައި އޮއްވައި އެކަން ވެސް ނުކުރުމުންނެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ކުރިއަށް ގެންދިޔައިރު ޑީއާރުޕީ އަށް ނިސްބަތްވާ އެންމެ މެމްބަރެއް ފިޔަވައި އެއްވެސް ބޭފުޅަކު ވަޑައެއް ނުގަންނަވަ އެވެ. އަދި ޕީއޭގެ މެމްބަރަކު ވެސް ވަޑައެއް ނުގަންނަވަ އެވެ. ޑީއާރުޕީ އަށް ނިސްބަތްވާ ބޭފުޅުންގެ ތެރެއިން ޖަލްސާ އަށް ވަޑައިގެންނެވީ ހދ. މެމްބަރު އަބްދުއް ޝުކޫރު އެކަންޏެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ޝިހާބު އިއުލާން ކުރެއްވި ގޮތުގައި މިއަދުގެ ޖަލްސާގައި ތިއްބެވީ 27 މެމްބަރުންނެވެ.
39: 10
"ދުނިޔޭގެ ތިމާވެށި ވަރަށް ނާޒުކު. ރާއްޖޭގެ ރަށްތައް ދަނީ ގިރަމުން. މި ކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ރާއްޖޭން ދޭނެ. އިރުގެ ހޫނުންކުރާ އަސަރު ބޮޑުވެ ލޮނުގަނޑު ދަނީ އުސްވަމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
36: 10
"މަޖިލީހުގެ މެންބަރުންގެ އެއްބާރުލުމާއެކު ރާއްޖޭގެ އިގްތިސާދު އަނބުރާ ތިލަފަތް ހަމަކުރެވޭނެ. 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ގާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ހުރިހާ ގާނޫނެއް މި އަހަރު ހެދޭނެ. ބިލުތައް މަޖިލީހަށް ފޮނުވޭނެ. ކުރީގެ ސަރުކާރުން ބިލުތައް ފޮނުވާފައެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
32: 10
"މި ވޭތުވެ ދިޔަ 3 މަހު ވެސް ސަރުކާރުން ކުރަންޖެހުނު ހަރަދުގެ ބޮޑު ބަޔަކީ ކުރީގެ ސަރުކަރުން ކުރަން ފަށާފައިވާ ކަންތައްތަކަށް ކުރަންޖެހުނު ހަރަދު. އަދި ކުރިއަށް އޮތް 6 މަސް ދުވަހު ވެސް އެ ހަރަދުކުރަންޖެހޭނެ. އެހެން ނަމަވެސް ސަރުކާރަށް ނުވެގެންނޫނީ ލޯނެއް ނުނަގާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
28: 10
"ރައްޔިތުންނަށް އެތައް އަސާސީ ހައްގެއް ބޭނުންވޭ. ސަރުކާރުގެ ބަޖެޓުން އެ ކަންކަން ކުރަންޖެހޭނެ ކަމަކަށް ނުދެކެން. ވިޔަފާރި އުސޫލުން އެކަންކަން ކުރެވޭނެ. މިކަންކަން ކުރުމަށް 500 މިލޔަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދޭނެ. އެކަން ކުރާނަން. ނުވެގެންދާ ތަނެއްގައި ނޫނީ މި ސަރުކާރުން ލޯނެއް ނުނަގާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
26: 10
"މިހާރު ހިނގަމުން މި ދަނި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮތް ސަރުކާރެއް. ސަރުކާރުން މިދަނީ ސްޓެލްކޯ އަށް އެހީވަމުން. އެންމެންގެ ކަރަންޓް ބިލަށް ސަރުކާރުން މިދަނީ އެހީވަމުން. އެހެންވެ ވިޔފާރި އުސޫލުން އެތަން ހިންގުން ބައްޓަންކުރަންޖެހެނީ. ކަރަންޓް ބިލު ނުދެއްކޭ ފަރާތްތަކަށް ސަރުކާރުން އެހީވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
21: 10
ގައުމުގެ އިގްތިސާދު މި ވަގުތު ދަށު ދަރަޖައެއްގައި އޮތް ނަމަވެސް ސަރުކާރުގެ ރިޒާވް އިތުރުކޮށް ހަރުދަނާ އިގްތިސާދެއް ގާއިމްކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި. ހުސްވި 2008 ވަނަ އަހަރު މާލޭގައި 3 މީހަކު މަރާ މަގުމައްޗައް ވައްޓާލި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4 މީހުން މަރާލާފައިވޭ.
10: 10
ރާއްޖޭގެ އައު ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެ މަނިކުފާނުގެ ފުރަތަމަ ރިއާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަން ފައްޓަވައިފި އެވެ.
ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރާންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ އެކުލެވޭ ރިއާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވަންވާނެ ކަމަށް ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
(އިތުރު ތަފްސީލު އަންނަނީ...)
ރިޔާސީ ބަޔާން 2009: ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރީގެ އުސޫލުން ކަންކަން ހިންގައި ސަރުކާރުން އެކަމާ ބެހުން ކުޑަކުރުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ