ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ފާސްކޮށްފި

ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ފަހަކަށް މަދުކުރުމަށް ހުށަހެޅި އިސްލާހަށް ބަދަލު ގެނެސް، ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތަކުން، ފަހަކަށް މަދު ކުރުމަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރުން އިބްރާހިމް ޝަރީފްއެވެ.
މިބިލުގައިވާ ގޮތަށް ދެ ފަނޑިޔާރަކު ވަކި ކުރުމަށް ކޮމިޓީން ރޭ ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަރުކާރު ހިންގާ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ މިކޮމިޓީގައި އެމްޑީޕީގެ ތިން މެމްބަރަކު ހިމެނިވަޑައިގެން ނަމަވެސް ރޭގެ ބައްދަލުވުމުގައި އެ މެމްބަރުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރެވޭނީ މަގާމަށް ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ. އަދި ފަނޑިޔަރަކު ވަކި ކުރުމަށް މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް އިސްލާހުގެ ބިލުގައި ވެއެވެ.
އެގޮތުން ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯގެ މައްސަލަ ޖޭއެސްސީ އިން ވަނީ ބަލާފައެވެ. ނަމަވެސް އެ ވީޑިއޯއިން ފެންނަނީ އަލީ ހަމީދުކަން ސާބިތުނުވާ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އިތުރު ފަނޑިޔާރެއްގެ މައްސަލަ އެކޮމިޝަނުން ބަލަމުން ނުގެންދާ ކަމަށް ކޮމިޝަނުން ބުނެއެވެ.
ތަސްދީގުކުރުމާ އެކު އަމަލުކުރަން ފަށާ ގޮތަށް ކޮމިޓީން ފާސްކުރި މި ބިލްގައި މަގާމުން ވަކިކުރަން ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ބިލް ތަސްދީގު ކުރާތާ ތިން ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ނަންތައް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހެއެވެ.
މިއިސްލާހުގެ ދަށުން ވަކި ކުރެވޭ 2 ފަނޑިޔާރުންނަށްވެސް ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ށ. އަދި ނ. ގައި ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން ލިބިދޭންވާނެ ކަމަށް ބިލްގައިވެއެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ފަހު، ދެން ތިއްބެވި ފަސް ފަނޑިޔާރުން މަގާމުގައި ދެމި ތިއްބަވާނެއެވެ.
މެމްބަރު ހުށަހެޅި އިސްލާހުގައި ފަނޑިޔާރުންގެ ޢަދަދު މަދުކުރުމުގެ އިތުރުން އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލްގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ