ރައްޔިތުންގެ ޝަކުވާއެއް ނެތް، ބޭހާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ލިބޭ: ޝުޖާއު

ކުރީ ސަރުކާރުން އިގްތިސާދީ ގޮތުން ފުން އަނދަވަޅަކަށް ވައްޓާލާފައި އޮތް ދިވެހިރާއްޖެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކާއެކު އަމާން އައްސޭރިއަކަށް ދަތުރުކުރަމުންދާކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމަށް ޑޮލަރު ލިބުމުގައި ދަތިކަމެއް ނެތްކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، 2023 ވަނަ އަހަރު ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ އިގްތިސާދު އޮތީ ބަނގުރޫޓުވުމުގެ ހާލަތުގައި ކަމަށެވެ. ހާއްސަކޮށް، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ފަދަ ބޭފުޅުން، މި އަހަރުގެ މާޗު މަހު ރާއްޖެ ބަނގުރޫޓުވާނެކަމަށް ތަކުރާރުކޮށް ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރެއްވި ނަމަވެސް، ރައީސް މުއިއްޒު ވަނީ އެކަން ބަދަލުކޮށްދެއްވާފައިކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެންދަނީ ނޭދެވޭ ވިޔަފާރިތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، އާންމު ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަމަށް ބޭންކުތަކުން ޑޮލަރު ދޫކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިންގެ ސްކޫލް ފީއަށް ބަރާބަރަށް ބޭންކުން ޑޮލަރު އެބަ ލިބޭ. ބޭސްފަރުވާއަށް ބޭރަށްދާ މީހާއަށް އާސަންދައިގެ ދަށުން 2000 ޑޮލަރު އެބަ ލިބޭ. ބޭންކުން ޑޮލަރު ނުލިބެނީ ވަގަށް ޓީޓީ ފޮނުވަން އުޅޭ މީހުންނަށް އެކަނި.
ޝުޖާއު ވިދާޅުވީ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު މާރުކޮށް، ދައުލަތުގެ މާލިއްޔަތު ގަޑުބަޑުކޮށްލީ އެމްޑީޕީން ކަމަށެވެ. އަދި މާލިއްޔަތު ގާނޫނާ ހިލާފަށް، މަޖިލީހަށް އެއްވެސް ތަފްސީލެއް ނުދީ ބޭރުން ބޮޑެތި ލޯނުތައް ނަގައި، ގައުމު ދަރަނިވެރި ކުރުވީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. ޝަމްހީދު ފަދަ ބޭފުޅުން އިސްކޮށް ތިއްބަވައިގެންކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ”ކްރޮސް ސަބްސިޑީ“ ގެ ނަމުގައި ރާއްޖޭގެ ގިނަ ފަޅުތަކާއި ގިރިތަކެއް އެމްޑީޕީގެ ގާތް މީހުންނަށް ބަހާލި ނަމަވެސް، އޭގެއިން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތްކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު ހިނގަމުންދާ އާރުޓީއެލް ފެރީގެ ނިޒާމަކީ ވެސް އޭރު އެއްވެސް ރޭވުންތެރިކަމެއް ނެތި، ދައުލަތަށް ބޮޑު ބުރައެއްވާ ގޮތަށް ހިންގާ މަޝްރޫޢެކެވެ.
ޝުޖާއު ވިދާޅުވީ، ރާއްޖޭގައި ކާޑުގެ ބާވަތްތަކާއި ބޭހުގެ ދަތިކަމެއް ނެތް ކަމަށެވެ. އަދި ރަމަޟާން މަސް އައިއިރުވެސް ތަކެތީގެ އަގު އުފުލިގެން ނުދާކަމަށާއި، ރައްޔިތުން ތިބީ މި ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީން ކޮންމެ ފަހަރަކު ވެރިކަމަށް އައިސް އިގްތިސާދު ހަލާކުކޮށްލުމުން، އެކަން ރަނގަޅު ކުރަން ޖެހެނީ ޕީޕީއެމް/ޕީއެންސީ ސަރުކާރުތަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ