އިންޑިއާގައި އަންހެނަކު އޭނާގެ ފިރިމީހާ ގެއްލިގެން ކަމަށް ބުނެ ރިޕޯޓްކުރިތާ ދެ މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް، އަނބިމީހާ ވަނީ ފިރިމީހާ މަރާލުމަށް ފަހު ފާހާނާގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައިކަން އެނގިއްޖެ އެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އާގްރާގެ ސިކަންދުރާ ސަރަހައްދުގައި، އުމުރުން 44 އަހަރުގެ ސުރެންދުރާ ޝަރްމާ ނަމަކަށް ކިޔާ މީހަކު ގެއްލިގެން އުޅޭކަމަށް ބުނެ އޭނާގެ އަންހެނުން ރޫބީ ޝަރްމާ ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު އެވެ. އޭގެ ފަހުން 45 ދުވަސް ވަންދެން، ފިރިމީހާ ވީތަނެއް ނޭނގިގެން އާއިލާ އާއި އަވަށްޓެރިންގެ ގާުތުގައި ރޫބީ ދިޔައީ ހިތާމަފާޅުކުރަމުންނެވެ.
ނަމަވެސް، މި ކަންތައް ފަޅާއެރީ ކުރިން ހިނގާފައިވާ އެހެން މައްސަލައަކާ ގުޅިގެން ފުލުހުންގެ ޓީމަކުން އެ ގެއަށް ދިޔަ ދިއުމެއްގަ އެވެ. ފުލުހުން ފެނުމުން ރޫބީ ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވިތަން ފުލުހުންނަށް ފާހަގަކުރެވުނެވެ. އަދި އޭނާ ވަގުތުން އޭނާގެ ފިރިމީހާގެ ބޭބެއަށް ގުޅައި ގެއަށް އައުމަށް އެދުނެވެ. ސުރެންދުރާ ގެއްލުނު ގޮތާ މެދު ކުރިން ވެސް ޝައްކުތަކެއް ހުރި ބޭބެ، ރޫބީގެ މި އާދަޔާ ހިލާފު އަމަލުތަކުގެ ސަބަބުން އެ ޝައްކުތައް ފުލުހުންނާ ހިއްސާކުރި އެވެ.
ފުލުހުން ރޫބީއާ ކުރި ވަރުގަދަ ސުވާލުތަކަކަށް ފަހު، އެންމެ ފަހުން އޭނާ ވަނީ ފިރިމީހާ މަރާލިކަމަށް އިއުތިރާފުވެ، ހަށިގަނޑު ވަޅުލާފައިވާ ތަން ދައްކައިފަ އެވެ. ފުލުހުން ވަނީ ފާހާނާގެ ސިމެންތި ތަޅުންގަނޑު ތަޅާލައި، އޭގެ ދަށުން ސުރެންދުރާގެ ހަށިގަނޑު ނެރެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފަ އެވެ.
ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، ކައިވެންޏަށް 16 އަހަރުވެފައިވާ މި ދެމަފިރިންގެ ތެރެއިން ރޫބީ، އެ ހާދިސާ ހިނގި ދުވަހު އެމީ ހުންގެ ދެ އަންހެން ދަރިން ސުރެންދުރާގެ ބޭބެގެ ގެއަށް ފޮނުވާލި އެވެ. އޭގެ ފަހުން ސުރެންދުރާއަށް ދިން ކީރުގެ ތެރެއަށް ނިދާ ބޭސް އެއްކުރި އެވެ. އޭނާ ޚަބަރު ހުސްވުމުން، ކަރުގައި ހިފައި މަރާލީ އެވެ. އަދި ޖެހިގެން އައި ދުވަހު ފާހާނާ ތެރޭގައި ކޮނެ، ހަށިގަނޑު ވަޅުލުމަށްފަހު މަތިން ސިމެންތި އަޅައި ތަޅުންގަނޑު އެއްވަރުކުރީ އެވެ.
ފުލުހުން މިހާރު ވަނީ ރޫބީ ހައްޔަރުކޮށް، މި މައްސަލައިގެ އިތުރު ގާނޫނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.
ގެއްލުނު ކަމަށް ބުނި ފިރިމީހާ އޮތީ މަރާލުމަށް ފަހު ފާހާނާގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ