ތައިލެންޑުގެ ބެންކޮކްގައި ބޭއްވުނު، އ.ދ ގެ ތިމާވެއްޓާއި ތަރައްޤީއާއި ބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި "ބްލޫ ކާބަން ފައިނޭންސް" ޙަރަކާތުގެ ޕެނަލް މަޝްވަރާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ޕެނަލް މަޝްވަރާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މޫސުމާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ޑިރެކްޓަރު އަޙްމަދު ވަޙީދެވެ.
މި މަޝްވަރާގައި އެ ވުޒާރާއިން ވަނީ، ބްލޫ ކާބަންއާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މަސައްކަތްތަކާއި ކުރިއަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ބްލޫ ކާބަންގެ މިހާރުގެ ހާލަތާއި މި ދާއިރާއިން ރާއްޖޭގައި ކުރިން ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ބަލާލާފައިވެއެވެ.
ހަމައެހެންމެ، ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖޭގައި މިހާރު ކުރިއަށްދާ މުހިންމު ޙަރަކާތްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެއްވެސް އަޙްމަދު ވަޙީދު ވަނީ ހުށަހަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަނުގައި، ރާއްޖޭގެ ކަނޑުފަޅުތަކާއި ފަރުތަކަކީ ބްލޫ ކާބަން ރައްކާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ފާހަގަކުރައްވައި، މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ ޤާބިލްކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މި ސެޝަނަކީ ދުނިޔޭގެ ތިމާވެށީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޤައުމުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ރާއްޖޭގެ ފަރާތުން މިފަދަ ބައިނަލްއަޤުވާމީ ޕްލެޓްފޯމެއްގައި ބައިވެރިވުމަކީ، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.
ބްލޫ ކާބަން ފައިނޭންސްގެ ޕެނަލް މަޝްވަރާގައި ރާއްޖެއިން ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ