އާއްމު ދިރިއުޅުމުގެ ކަރަންޓު ބިލުން ޖޫރިމަނާ މަޢާފުކުރަން ދީފައިވާ މުއްދަތު ހަމަވަނީ

އާއްމު ދިރިއުޅުމުގެ ކަރަންޓު ބިލުން ޖޫރިމަނާ މަޢާފުކުރަން ދީފައިވާ މުއްދަތު ހަމަވަން ކައިރިވެފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މަޢާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ އިންތިޒާމުވާނީ 1 އޭޕްރިލް 2024 އިން ފެށިގެން ހަމަޖެހިފައެވެ.
އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ބިލުތަކުން (ޑޮމެސްޓިކް ކަސްޓަމަރުންނަށް) ޖޫރިމަނާ މަޢާފުކުރެވޭނެ ބިލުތަކަކީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކަށެވެ. އެގޮތުން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވޭނެކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާއި ނުލައި ދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. އެގޮތުން ޖޫރިމަނާއާއި ނުލާ ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށްވާނީ ވަގުތީގޮތުން އެޖަސްމެންޓެއް ހިމެނިފައެވެ.
އޭގެ އިތުރުން، މި ބިލުތަކަށް 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ހަލާސްނުކުރެވޭނަމަ، މި ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 01 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ