ސަރުކާރުގެ އަމާޒަކީ 2028ގެ ކުރިން، ގްރޭޓަރ މާލޭގެ ދަތުރުފަތުރުގެ ދާއިރާއަށް ރައްޔިތުންނަށް ޤަބޫލުކުރެވޭ ފަދަ ޙައްލުތަކެއް ހޯދާދިނުން ކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ގުޅޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މާލެ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށް، ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއިއެކު، މާލެ ސަރަހައްދުގެ ދަތުރުފަތުރު ކުރުމުގައި، މީގެ ކުރިން ޙައްލެއް ލިބިފައި ނެތް މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ވުޒާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަންކަމުގެ ތެރޭގައި، ޕާކިންއާއި ވެހިކަލް ރަޖިސްޓްރީއާއި ތޮއްޖެހުމުގެ މައްސަލަ ހިމެނޭ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި، އެކަމާއި ގުޅުން ހުރި ތަފްސީލީ ޕްލޭނެއް އާއްމުންނާއި ޙިއްސާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މާލެ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފެށުމަކީ، ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިލިމާލެއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށާއި، ގްރޭޓަރ މާލޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމް ވަށާޖެހޭ ނިޒާމަކަށް ހެދުމަކީ ރައީސްގެ އެންމެ މުހިންމު އެއް ތަސައްވުރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ވިލިމާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް ރައީސް މުޢިއްޒު މަސައްކަތް ކުރައްވަމުން ދަނީ މެނިފެސްޓޯގައި އެ ކަންކަން ހިމެނިގެން. ވިލިމާލެއަށް އެންމެ ބޮޑު ސަމާލުކަމެއް ދިން ސަރުކާރަކީ މިއީ." ވަޒީރު ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން ވިލިމާލޭގައި ފެށި މާލެ ޓެކްސީ ލައިންގެ ޑިމާންޑަށް ބެލުމަށްފަހު އެ ޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ވިލިމާލެއަކީ ކުރީގެ ރައީސުންނަށް ވަރަށް ބޮޑަށް އަޅާ ނުލެވި އޮތްތަނެއް ކަމަށެވެ. އެހެންނަމަވެސް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވިލިމާލޭގެ އަސާސީ ޚިދުމަތްތައް ފުރިހަމަ ކޮށްދެއްވުމަށް ރައީސް ޑރ.މުޢިއްޒު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާޒީގެ ފަތްފުތްތައް ބަލާލުމުން ފެންނަނީ، މިދިޔަ 15 އަހަރު ތެރޭގައި ވެރިކަން ކުރެއްވި ރައީސުންނަށް ވިލިމާލޭގެ ކަންކަމަށް އެއްވެސް ވަރަކަށް ބެލިފައި ނެތް މިންވަރު ކަމަށް މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
"ވިލިމާލެއަކީ އޮތްތަނެއްކަން ބަލާ މިތަނަށް ޚިދުމަތް ކުރައްވާ ބޭފުޅަކީ ރައީސް މުޢިއްޒު. އެކަން އެބައެނގޭ މާލެ އޭރިއާގައި އަޅާ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފުރަތަމަ ވިލިމާލޭގައި ފެށުމުން. ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވެސް އެ ފަށަނީ." މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މާލެ ޓެކްސީލައިންގެ ޚިދުމަތަކީ ވެސް މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކުގެ ތެރެއިން ޓެކްސީ ނުލިބުމުގެ މައްސަލައަށް ޙައްލެއް ހޯދާދެއްވުމުގެ މަޤްސަދުގައި، ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއިއެކު، ސަރުކާރުން ފަށާފައިވާ ޚިދުމަތެކެވެ.
"ދަތުރުފަތުރުގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދޭނަން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ