އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިރޭ ބާއްވާ މުޒާހަރާއާ ދިމާކޮށް، ޓްރެފިކް ބަލަހައްޓަން ކަމަށް ބުނެ މާލޭގެ އެކި ސަހަރައްދުތައް ބަންދު ކުރަން ފުލުހުން ނިންމައިފި އެވެ.
ސިޔާސީ ކަންކަމުގައި ރައްޔިތުން ވަޒީފާއިން ކަނޑާތީ އެމްޑީޕީ އިން ކުރިއަށްގެންދާ މުޒާހަރާ އޮންނާނީ ރަސްފަންނުގައި 8:30 ގަ އެވެ. އެއީ އެއްވުން ހަނިކުރާ ގާނޫނުގެ ދަށުން އެއްވުން ހުއްދަ ސަރަހައްދެކެވެ.
ފުލުހުން މިއަދު 6:06 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މާލޭގެ އެކި ސަރަހައްދުތައް ބަންދު ކުރަން ހަމަޖެހިފައި ވަނީ ރޭގަނޑު 8:00 އިން ފެށިގެން ދަންވަރު 12:00 އާ ހަމައަށް ކަމަށެވެ.
ވެރި ރަށް މާލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރާނެ ވާހަކަ ފުލުހުން ބުނި ނަމަވެސް އެއީ ކޮން ސަހަރައްދުތަކެއް ކަމެއް ނުބުނެ އެވެ. އަދި ބައެއް ސަރަހައްދުތައް ބަންދު ކުރަނީ ސީދާ ޓްރެފިކާ ގުޅޭ ކޮން ކަމެއްގައި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
މިރޭ މުޒާހަރާ ބާއްވަނީ "ވަޒީފާ ބުރާސްފަތި" ގެ ނަމުގަ އެވެ. އެއީ ސިޔާސީ ކަންކަމުގައި ރައްޔިތުން ވަޒީފާއިން ކަނޑާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ މުޒާހަރާއެކެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި މިއަހަރު އެކަނި ވެސް 14 މީހަކު ވަނީ ސިޔާސީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށް، ހަތް މުވައްޒަފަކު ސަަސްޕެންޑުކޮށްފަ އެވެ.
މިރޭގެ މުޒާހަރާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއްވެ އުޅުން ހަނިކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެހެންކަމުން ސުލްހަވެރިކަމާއެކު އެއްވުމުގެ ފުރުސަތު ދިނުމަށް ނަޝީދު ސަރުކާރަށް ގޮވައިލެއްވި އެވެ.
"އެއްވެ އުޅުމުގެ ގާނޫނެއް އެބަ އޮތް. އެ ގާނޫނު އަޅުގަނޑު ދެކޭ ގޮތުގައި މައިގަނޑު ގޮތެއްގައި ގާނޫނުއަސާސީއާ ހިލާފު ކިތަންމެ ކަންކަމެއް އެ ގާނޫނުގައި އެބަހުރި. އެހެންނަމަވެސް އެ ގާނޫނު ވެސް އެބަ ޖާގަ ދޭ އެއްވާން. އެއްވުން މަނައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
ޓްރެފިކް ބަލަހައްޓަން ކަމަށް ބުނެ މިރޭގެ މުޒާހަރާއާ ދިމާކޮށް މާލޭގެ އެކި ސަރަހައްދުތައް ބަންދު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ