މާލެ ޓެކްސީގެ ހިދުމަތް ވިލިމާލޭގައި ފަށައިފި

ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތް ވިލިމާލޭގައި މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރާ އެކު، ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މާލެ އާއި ހުޅުމާލޭގައި ވަނީ މިދިޔަ އެޕްރީލު މަހު ފަށައިފަ އެވެ. ވިލިމާލޭގައި މި ހިދުމަތް ފެށީ، އެރަށު ފެރީ ޓާމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލް - މި ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މާލެ ޓެކްސީ ވިލިމާލޭގައި ފެށުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށެވެ. ޑިމާންޑަށް ބެލުމަށް ފަހު އެ ހިދުމަތް  ވިލިމާލޭގައި އިތުރަށް ފުޅާކުރުމުގެ ވިސްނުން ވެސް އެބަހުރި ކަމަށް ސައީދު ވިދާޅުވި އެވެ.
މި ހަފްލާގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ މި ހިދުމަތުގެ ދަށުން ވިލިމާލޭގައި ދެ ސައިޒެއްގެ ކާރު ބޭނުންކުރާނެ ކަމަށެވެ. އެއީ ބޮޑު އަދި ކުޑަ ކާރުތަކެވެ.
ދެ ސައިޒެއްގެ ކާރު ބޭނުންކުރަނީ، ވިލިމާލޭގައި ދޭ ބަހުގެ ހިދުމަތުގައި ބޭނުންކުރާ ބަސްތަކަށް ހަނި ގޯޅިތަކަށް ނުވަދެވޭ މައްސަލަ ހައްލުކުރަން ކަމަށް ސައުދީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބަހުގެ ސައިޒު ކުޑަކުރެވޭކަަށް ނެތް. އެހެންނަމަވެސް މިއަދު މިއޮތީ ކުޑަ ސައިޒެއްގެ އެއްޗެއް، މިރަށަކީ ފިއުލް އެއްޗެހި ނުދުއްވޭ، ކާބަން ނިއުޓަރަލް ތަނެއްގެ ގޮތުގައި ހަމަޖެހިފައިވާ ތަނަކަށް ވާތީ މިއަދު މި ހަގީގަތަކަށް ވެގެން މިދިޔައީ އެދުވަހު މިރަށުގެ ރައްޔިތުން އެދެމުންދިޔަ ކަންތައްތައް،" ސައުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހިދުމަތް ވިލިމާލޭގައި ވެސް މެދުނުކެނޑި 24 ގަޑިއިރު ލިބޭނެ ކަމަށާއި އެޕުންނާއި ހޮޓްލައިން ނަންބަރު 1655އިން އެދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ