އެތައް ސަތޭކަ ބަޔާއެކު އެމްޑީޕީގެ "ވަޒީފާ ބުރާސްފަތި" މުޒާހަރާ ފަށައިފި

ސަރުކާރަށް ތާއިދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން އަންނާތީ އެކަމާ ދެކޮޅަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާ އެތައް ސަތޭކަ ބަޔަކާއެކު ފަށައިފި އެވެ.
މިއީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށް ފަހު ބާއްވާ ފުރަތަމަ މުޒާހަރާ އެވެ. އެމަނިކުފާނާއެކު އެމްޑީޕީގެ ލީޑާޝިޕާއި އެ ޕާޓީގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ދަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ. 
ރަސްފަންނުން ފެށި މުޒާހަރާއަށް މަޖީދީ މަގުން ހިނގުމުގެ ފުރުސަތު ފުލުހުން ދީފައި ނުވެ އެވެ. އެހެންވެ މިހާރު މުޒާހަރާގެ ބައިވެރިން ހިނގަމުން އަންނަނީ އަމީނީ މަގުންނެވެ. އެ މަގުގެ އެކި ސަރަހައްދުތަކަށް މަޑުކޮށް ސަރުކާރުން ކުރަމުންދާ ގާނޫނާ ހިލާފު ކަންކަމުގެ ވާހަކަ އަންނަނީ ދައްކަމުންްނެވެ.
މިރޭ މުޒާހަރާ ކުރަނީ މައިގަނޑުގޮތެއްގައި އެސްއޯއީތަކުންނާއި ސަރުކާރުގެ އެކި އިދާރާތަކުން ނުހައްގުން މުވައްޒަފުން ވަކިކުރަމުންދާތީ އެވެ. އެ މުވައްޒަފުން ވަކިކުރަމުންދަނީ ސަރުކާރަށް ތާއީދު ނުކުރާތީ އެވެ. 
ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދުނުކޮށްގެން މި އަހަރު އެކަނިވެސް ސަރުކާރުގެ ކުންފުނިތަކުން 12 މުވައްޒަފަކު ކަނޑާލައި، ހަތް މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ