ގައުމުގެ ދަރަނި ބޮޑުވުމުގައި ޒިންމާވާންޖެހޭ ސަރުކާރުތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ދިވެހިރާއްޖެއިން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދަރަނި އުފެއްދީ ކޮން ބައެއްތޯ ބެލުމަށްވުރެ، މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ހައްލު ހޯދުން މާ މުހިންމު ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ނަޝީދު ދާދިފަހުން ވިދާޅުވީ، ދަރަނި އިތުރުވުމާއި ބޭރު ފައިސާގެ ތާށިކަން ފަދަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ގައުމު މިހާ ބޮޑަށް ދަރަނިވެރިވީ ކިހިނެއްކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރަން ހުރި ފައިސާ، ކުރީގެ ސަރުކާރުތަކުން އުފައްދާފައިވާ ދަރަނި ދެއްކުމަށް ހޭދަކުރަން ޖެހުމެވެ.
"ދިވެހިރާއްޖެ ދަރަނިވެރިކުރީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގެންޖެހޭ. އަސާސީ ހިދުމަތްތަކާއި ތަރައްގީއަށް ހޭދަކުރަންޖެހޭ ފައިސާ މިހާރު މި ބޭނުންކުރަން ޖެހެނީ ކުރީގެ ސަރުކާރުތަކުން އުފެއްދި ދަރަނި ދެއްކުމަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނީގެ މައްސަލައަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށާއި މާލީ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ސިޔާސީ މައިދާނުގައި މިހާރު އެންމެ ބޮޑަށް ބަހުސް ކުރެވެމުންދާ އެއް މައުޟޫއެވެ.
ދައުލަތް ދަރަނިވެރިކުރީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގެންޖެހޭ: އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ