"އިހުގެ ހަނދާންތައް އަންނަ އޮތް ޖީލުތަކަށް ވާސިލްކޮށްދޭން ޖެހޭ"

އިހުގެ ހަނދާންތަކާއި ތާރީޚީ ކަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަން ޖެހޭކަމަށް ފަންނާއި، ސަޤާފަތާއި، ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރ މުޙައްމަދު މަޢުރޫފް ޖަމީލްގެ "މޯލްޑިވިއަން ރިސޯޓް އާކިޓެކްޗަރ" މައުރަޒަށް ޒިޔާރަތްކުރެއްވުމަށްފަހު، ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުންނެއެވެ.
މި މައުރަޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފަރުމާކުރުންތައް ބަދަލުވަމުން އައިގޮތް ދައްކުވައިދޭ، ތާރީޚީ ގޮތުން ވަރަށް މުހިންމު އަދި ފުރިހަމަ މަސައްކަތެއް ކަމަށެވެ. ޚާއްޞަކޮށް، ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައި ދުވަސްވަރު ރިސޯޓުތަކުގެ ކޮޓަރިތަކާއި އިމާރާތްތަކުގެ ފަރުމާ ހުރިގޮތް މި މައުރަޒުން ވަރަށް ސާފުކޮށް ފެންނަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެ، ކުރިއަރަމުން އައި ގޮތް ކުރެހުންތަކުގެ އެހީގައި ވަރަށް ތަފްޞީލުކޮށް ފެންނަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ކުރީގެ ދުވަސްތަކުގެ މަޢުލޫމާތާއި، އެ ދާއިރާ ބަދަލުވަމުން އައި ގޮތް ނޭނގޭ އެތައް ޒުވާނުންނެއް މިހާރު ތިބިކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މިއީ ތާރީޚީ ގޮތުން ކުރެވިފައިވާ ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.
"މިފަދަ ފުރިހަމަ އެގްޒިބިޝަންއެއް ތައްޔާރު ކުރައްވާ، މި ފަދަ މަސައްކަތެއް ކޮށްދެއްވި ކަމައްޓަކައި މިއީ ޤައުމީ ވަރަށް މުހިންމު ޙިދުމަތެއްގެ ގޮތުގައި ފާހަގަކޮށް މައުރޫފައް ޝުކުރުދައްނަވަން. ފޮތެއްވެސް ނެރުއްވާފައި އެބައޮތް. އެ ފޮތަކީވެސް މި އެޤްޒިބިޝަންގެ ފޮޓޯތަކާއި މައުލޫމާތުތައް ވަރަށް ފުރިހަމައަށް ލިޔެފައިވާ ފޮތެއް. ހަޤީގަތުގައިވެސް އަޅުގަނޑުމެންގެ ތާރީހައް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތާރީހު މިއޮތީ. މިކަމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށް" ވަޒީރު ހީނާ ވިދާޅުވިއެވެ.
ފަންނާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، މި މައުރަޒުން ފެންނަ ކުރެހުންތަކުން ތާރީޚު ރައްކާތެރިކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. އަދި ޤައުމަށް އަންނަ ތަރައްޤީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، ކުރީގެ ހަނދާންތަކާއި ތާރީޚީ ކަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ފަދަ ނިޒާމީ ގޮތެއްގައި މިފަދަ މަސައްކަތްތައް ތަރުތީބުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މުޙައްމަދު މައުރޫފް ޖަމީލްގެ "މޯލްޑިވިއަން ރިސޯޓް އާކިޓެކްޗަރ" މައުރަޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި، ރިސޯޓްތައް ބިނާކުރުމުގެ ފަންނުވެރިކަން ކުރިއަރަމުން އައި ގޮތުގެ ތާރީޚަށް އަލިއަޅުވާލައިފައިވާ މައުރަޒެކެވެ. މި މައުރަޒުގައި ޖުމްލަ 80 އަށްވުރެ ގިނަ ފަންނީ ކުރެހުންތައް އާންމުންނަށް ފެންނާނެހެން ދައްކާލުމަށް ބަހައްޓާފައިވާކަމަށް މައުރޫފް ޖަމީލް ވިދާޅުވިއެވެ.
މުޙައްމަދު މައުރޫފް ޖަމީލް ވަނީ މި އެޤްޒިބިޝަންއާއި ގުޅިގެން ނެރުނު ފޮތް ވަޒީރަށް އަރުވާފައެވެ. އަދި ވަޒީރު ވަނީ އެޤްޒިބިޝަން އަންނަ ފަރާއްތަކުން ލިޔާ ފޮތުގައި ލިޔުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ