ޗެކް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ ކޮލިފައިންގައި ނަބީ އަށް މޮޅެއް

މިހާރު ކުރިއަށްދާ ޗެކް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގައި ރިވައިވަލް ސްޕޯޓްސް އަށް ކުޅޭ ގައުމީ ބެޑްމިންޓަން ޓީމުގެ އަައިމިނަތު ނަބީހާ (ނަބީ) ކޮލިފައިން ބުރުގައި ވާދަކުރި މެޗުން މޮޅުވެއްޖެ އެވެ. 
އެ ގޮތުން، ކޮލިފައިންގެ ފުރަތަމަ ބުރުގައި ނަބީ ނުކުތީ ޗެކު ރިޕަބްލިކްގެ ކްރިސްޓީނާ ކޮޒަކޯވާއާ ދެކޮޅަށެވެ. އެ މެޗުން ނަބީ މޮޅުވީ 21-11، 21-10 އިންނެވެ. މެއިން ޑްރޯގެ ޖާގައެއް ހޯދުމުގެ އަމާޒުގައި ނަބީ މާދަމާ ކުޅޭނީ އެސްޓޯނިއާގެ މަރީޖާ ޕަސްޓްކޯސީއާ ދެކޮޅަށެވެ. 
އަންހެން ސިންގަލްސްގެ  މެއިން ޑްރޯގައި ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ކުޅޭނީ ކޮލިފިކޭޝަންގެ ފަސް ވަނަ ބްރެކެޓަށް އަންނަ ކުޅުންތެރިޔާއާ ދެކޮޅަށެެވެ. 
ފިރިހެން ސިންގަލްްސް ކޮލިފައިންގައި ރިވައިވަލްގެ ހަސަން ޒަޔާން، ޒަޔާން ޒަކީ އަދި ނިބާލް އަހުމަދު ވީ ބައްޔެވެ. އެ ގޮތުން، ހަސަން ޒަޔާން ވަނީ ޗެކް ރިޕަބްލިކްގެ ޓީޑިއަސް ބްރާޒްޑާ އަތުން 21-07، 21-07 އިން ބަލިވެފަ އެވެ. ނިބާލް ރަނގަޅު ވާދައެއް ކުރި މެޗުން ގްރީސްގެ އެވަންޖެލޯސް އަންސްޓަސީއޫ އަތުން ބަލިވީ 22-20، 21-18 އިންނެވެ. އަދި، ޒަޔާން ޒަކީ ވަނީ އިންޑިއާގެ ބާގަވް ސޮމަސަންދުރަ އަތުން 21-13، 21-09 އިން ބަލިވެފަ އެވެ. 
މިކްސް ޑަބަލްސްގެ 32 ގެ ބުރުގައި ރިވައިވަލްގެ ދެ ޕެއާ ކުޅޭނެ އެވެ. އެއީ، ނަބާ އާއި ޒަޔާން ޒަކީގެ ޕެއާ އާއި ނިބާލް އާއި ނަބީގެ ޕެއާ އެވެ. ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ކުޅޭނީ ޔޫކްރެއިނުގެ އާޓެމް ސިނީޓްސިއާ އާއި ސެނިއާ ރޮޒްކޯވާއާ އެވެ. އަދި، ނަބީ އާއި ނިބާލްގެ ޕެއާ ބައްދަލުކުރާނީ މާޔަން މޮގިލްނާ އާއި ހެލީ ނެއިމަންގެ ޕެއާއާ އެވެ. 
ފިރިހެން ޑަބަލްސްގައި، ޒަޔާން ޒަކީ އާއި ނިބާލްގެ ޕެއާ ބައްދަލުކުރާނީ އެޑަމް ޓްރަވިންސްކީ އާއި މާކް އަރޯންޗިކްގެ ޕެއާއާ އެެވެ. އަދި، ރިވައިވަލްގެ ހަސަން ޒަޔާން އާއި މުހައްމަދު ހަލަފް އިމްރާންގެ ޕެއާ ބައްދަލުކުރާނީ ޔޫކްރެއިންގެ ވްލަޑީސްލާވް ކުނިން އާއި ޔެގޯ ރުމިނުކްގެ ޕެއާއާ އެވެ. 
ރިވައިވަލްގެ ހަ ކުޅުންތެރިއަކު ވާދަކުރަން ހަމަޖެހިފައިވާ ޔޫރަޕްގެ  ތިން މުބާރާތަކީ، މިހާރު މި ކުރިއަށްދާ ޗެކް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ އިތުރުން، ޖޫން 24-28 އަށް ބާއްވާ ޔޮނެކްސް އިޓަލީ އޯޕަން އަދި ފްރާންސްގައި އަންނަ މަހުގެ 2-5 އަށް ކުރިއަށްދާ އެފްޒެޑް ފޯޒާ ފިއުޗާ ސީރީސް ނޯވެލް - އަކުއިޓޭއިން 2026 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ