ޗެކިއާ އާއި ސައުތުއެފްރިކާ އެއްވަރު!

ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ޗެކިއާ އާއި ސައުތް އެފްރިކާ ވާދަކުރި މެޗު 1-1 ން އެއްވަރު ވެއްޖެއެވެ.
ފުރަތަމަ މެޗުން ބަލިވެފައިވުމުން ނަތީޖާއެއް ނެރެން މަޖުބޫރު މެޗަށް ދެޓީމުންވެސް ނިކުތީ ބަދަލުތަކަކާއެކުއެވެ. ސައުތް އެފްރިކާ ފުރަތަމަ ކުޅުނު މެޗުގައި ރަތްކާޑް ދެއްކި ދެ މިޑްފީލްޑަރުންގެ ބަދަލުގައި ގެނައި ބަދަލުތަކާއި، ޗެކިއާ އިން ފޯވާޑް ލ،ައިނަށް ގެނައި ބަދަލުތަކާއެކު މެޗަށް ނިކުމެ ފުރަތަމަ ލީޑް ނެގީ ޗެކިއާ އިންނެވެ. މެޗު ފަށައިގެން ހަވަނަ މިނިޓްގައި ޗެކިއާ އަށް ލީޑް ނަގައިދިނީ ސަޑިލެކް އެވެ. އެއްލުމަކުން ތަނަވަސްކުރި ފުރުޞަތުގެ ބޭނުން ހިފާ ގޯލަށް ބޯޅަ ފޮނުވާލީ ޔަގީންކަމާއެކުއެވެ.
ޗެކިއާއިން ފުރަތަމަ ހާފްގައި ލީޑް ނެގިނަމަވެސް ހާފް ބޮޑަށް ކޮންޓްރޯލްކޮށް ފުރަތަމަ ހާފްގެ ފަހު 10 މިނިޓްގެ ތެރޭގައި ސައުތް އެފްރިކާއިން ފުރުޞަތުވެސް ތަނަވަސްކުރިއެވެ. ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގެ ތެރޭގައި ފުލް ފުލްގައި ރަނގަޅު ދެ ބޯޅައެއް ޗެކިއާއިން ފޮނުވާލިއެވެ. ފުރަތަމަ ބޯޅަ ފޮނުވާލުމުން ސައުތް އެފްރިކާ ޑިފެންޑަރެއް ގައިގަ ޖެހިފައި ނިކުއިން ވަގުތު ލުކަސް ކާވް ފޮނުވާލި ބާރު ބޯޅަ ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. އަދި 51 ވަނަ މިނިޓްގައި ޗެކިއާއިން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް ފޮނުވާލަން ނުލިބުނީ މޮކޮއޭނާގެ މޮޅު ޑިފެންސްގެ ސަބަބުންނެވެ.
ސައުތްއެފްރިކާއަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީވެސް މޮކޮއޭނާ އެވެ. އެއީ އޭރިޔާ ތެރެއިން ޗެކިއާ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީންނެވެ.
މެޗުގެ ފަހު ބައިގަވެސް ލަނޑު ޖަހަން ދެޓީމުންވެސް ފުރުޞަތު ހޯދިއެވެ. މިނަތީޖާގެ ސަބަބުން ގަދަ 32 ޓީމްގެ ބުރަށް ދަތުރު ކުރުމުގެ ފުރުޞަތު މިދެޓީމަށްވެސް އަދި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ