މި ސަރުކާރުން ފޭރިގަންނަ ވަޒީފާތައް އެމްޑީޕީގެ ވެރިކަމުގައި ރުޖޫއަކޮށްދޭނެ: ޝާހިދު

މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންގެ ވަޒީފާތައް އެމްޑީޕީގެ ވެރިކަމެއްގައި ރުޖޫއަކޮށްދޭނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީން ކުރިއަށްގެންދާ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި އެމްޑީޕީން ދެމިތިބެ، ސަރުކާރުން ފޭރިގަންނަ ކޮންމެ ވަޒީފާއެއް އެމްޑީޕީގެ ވެރިކަމުގައި ރުޖޫއަކޮށްދޭނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެމްޑީޕީގެ ފަރާތުން އަރުވާ ކަމަށެެވެ.
"އަޅުގަނޑުމެން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީގެ ފަރާތުން އަރުވާ ޔަގީންކަމަކީ ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި މި ޕާޓީން ކުރަންޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނެކަމުގައި. އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސްފައި ތިޔަބޭފުޅުންނަށް ތިޔަބޭފުޅުން އަތުން ފޭރިގަތް ވަޒީފާތައް ރުޖޫއަކޮށްދޭނެކަމުގެ ޔަގީންކަން މި އަރުވަނީ،"  ޝާހިދު ވިދާޅުވި އެވެ. 
ޝާހިދު ވިދާޅުވީ މި ސަރުކާރުން ވަކިކުރާ ކޮންމެ މުވައްޒަފަކާއެކީ އުފެދިގެންދަނީ ސަރުކާރާ ދެކޮޅަށް ނުކުންނާނެ އާއިލާއެއް ކަމަށާއި ރައްޔިތުން ބިކަކުރުމުން އެ ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ ކަމަށެވެ. 
"މިއަދު މިއޮތް ސަރުކާރަށް އަޅުގަނޑު ދަންނަވާލަން އޮތީ، ވަޒީފާއިން ތިޔަ ވަކިކުރައްވާ ކޮންމެ އާއިލާއަކުން، ކޮންމެ މީހެއް ނިސްބަތްވާ އާއިލާއަކުން ތިޔަ އުފައްދަވަނީ މިއަދުގެ ސަރުކާރާ އިދިކޮޅު އާއިލާތަކެކޭ. މިއަދުގެ ސަރުކާރަށް ނުރުހުމާއި ހިތްހަމަނުޖެހުމާއި، އެ ރައްޔިތުންގެ މެދުގައި ރައްޔިތުން ބިކަކުރީމަ ރައްޔިތުންގެ ލޯތްބެއް ނުލިބޭނެއޭ،" ޝާހިދު ވިދާޅުވި އެވެ. 
ވަޒީފާތަކުން މުވައްޒަފުން ވަކިކުރަން ފެށުމުން އެނގެނީ މި ސަރުކާރު ބޮޑުތަނުން ބަލިވެ، ބޮނދުބުޑަށް ސައިވަމުންދާތަން ކަމަށް ޝާހިދު ވިދާޅުވި އެވެ. 
ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދުނުކޮށްގެން މި އަހަރު އެކަނިވެސް ސަރުކާރުގެ ކުންފުނިތަކުން 12 މުވައްޒަފަކު ކަނޑާލައި، ހަތް މުވައްޒަފަކު ސަސްޕެންޑުކޮށްފައިވެ އެވެ. 
އަދަދު އަށް އެނގިފައިވާ ގޮތުގައި ކަނޑާލި 12 މުވައްޒަފުންގެ ތެރެއިން ހަތް މުވައްޒަފުން ކަނޑާލީ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނަތީޖާތަކާ ގުޅިގެންނެވެ. އަދި ހަތަރު މުވައްޒަފަކު ވަކިކުރީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ޕީއެންސީ ބަލިވުމުންނެވެ. 
އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މުވައްޒަފުން ވަކިކުރުން ސަރުކާރުން ހުއްޓާނުލާނަމަ އަދި ވަކިކުރި މުވައްޒަފުންނަށް އަނބުރާ ނުދީފިނަމަ އެސްއޯއީތައް އޮކިއުޕައި ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ