ދެކުނު އެފްރިކާއާ އެއްވަރުވެ ޗެކް ރިޕަބްލިކުން ފުުރުސަތު ނަގާލައިފި

އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން ދެކުނު އެފްރިކާއާ 1-1 އިން އެއްވަރުވެ، ޖެހިޖެހިގެން ދެ ވަނަ މެޗުގައި ލީޑު ނެގުމަށް ފަހު މޮޅުވުމުގެ ފުރުސަތު ޗެކް ރިޕަބްލިކުން ނަގާލައިފި އެވެ. 
ގްރޫޕް އޭގައި ކުޅޭ މި ދެ ޓީމު ވެސް އޮތީ ފުރަތަމަ މެޗުތަކުން ބަލިވެފަ އެވެ. އެ ގޮތުން، މުބާރާތުގެ އެއް ހޯސްޓް ކަަމަށްވާ މެކްސިކޯ އަތުން ދެކުނު އެފްރިކާ ބަލިވީ 2-0 އިންނެވެ. އަދި، ގްރޫޕްގެ ދެ ވަނަ މެޗުން ޗެކް ރިޕަބްލިކުން ލީޑުގައި އޮއްވައި، ފަހަތުން އަރައި ދެކުނު ކޮރެއާ އިން ވަނީ 2-1 އިން މޮޅުވެފަ އެވެ. 
ގްރޫޕްގެ ތާވަލުގައި ކުރީގައި އޮތް މެކްސިކޯ އާއި ދެ ވަނައިގައި އޮތް ދެކުނު ކޮރެއާ އަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކާއި ހަތަރެއްގައި އޮތް ދެކުނު އެފްރިކާ އަށް ދެ މެޗުން ލިބުނީ ޕޮއިންޓެކެވެ. ދެކުނު އެފްެރިކާ އަށް ފަހު މެޗު ދެކުނު ކޮރެއާއާ އެކު އޮތްއިރު، ޗެކް ރިޕަބްލިކްގެ ފަހު މެޗު އޮތީ މެކްސިކޯއާ ދެކޮޅަށެވެ. 
އެޓަލަންޓާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޗެކް ރިޕަބްލިކުން ވަނީ ފުރަތަމަ މެެޗެކޭ އެއްގޮތަށް ލީޑުނަގައިފަ އެވެ. އެ ގޮތުން، މެޗުގެ ހަ ވަނަ މިނިޓްގަައި ދިގު އެއްލުމެއްގައި ފެށި އެޓޭކަކުން އޭރިއާތެރެއިން ލިބުނު ފުރުސަތުގައި، މައިކަލް ސަޑިލެކް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިގެން ޗެކް ރިޕަބްލިކަށް ލީޑުނަގައިދީފަ އެވެ. 
ދެކުނު އެފްރިކާގެ އޮސްވިން އަޕޯލިސް، މެޗުގެ 26 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ބޯޅަ މާ ބޮޑު ނުރައްކަލަކަށް ނުވި އެވެ. އޭގެ ފަހުން، ދެކުނު އެފްރިކާ އިން އެޓޭކަށް ޖެހިގެން ކުޅެ، ފުރުސަތުތައް ހޯދަން ފެށި އެވެ. އެކަމަކު، ޗެކް ރިޕަބްލިކްގެ ކީޕަރު، މަޓޭއި ކޯވާ ވަނީ އެ ބޯޅަތައް ހުއްޓުވުމުގައި ހުށިޔާރުކަން ދައްކައިފަ އެވެ. 
ދެ ވަނަ ހާފުގައި ޗެކް ރިޕަބްލިކްގެ ފޯވާޑް، ޕެޓްރިކް ޝިކް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ދެކުނު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް އަތަށެވެ. 
ދެކުނު އެފްރިކާ އިން އެއްވަރުކުރީ މެޗުގެ 83 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޓެބޯހޯ މޮކުއޭނާ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދިނީ މިއީ ދެކުނު އެފްރިކާގެ ތަޕޭލޯ މަސޭކޯ ޖެހި ޝޮޓެއް ޗެކް ރިޕަބްލިކް އޭރިއާތެރެއިން އެ ޓީމުގެ ޕަވެލް ސުލްޗް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. 
އޭގެ ފަހުން، ދެ ޓީމުން ވެސް ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެެވެ.
މި މެޗަކީ ވޯލްޑް ކަޕްގެ ތާރީހުން ޖާގަ ލިބުނު މެޗެކެވެ. އެއީ، މިއީ ވޯލްޑް ކަޕްގެ 96 އަހަރުވީ ތާރީހުގައި، މެޗެއްގައި ދެ ޓީމާ ހަވާލުވެ ތިބި ދެ ކޯޗުންނަކީ 70 އަހަރުން މަތީގެ ދެ ކޯޗުންނަށް ވި ފުރަތަމަ ފަހަރެވެ. ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް އާއި ޗެކް ރިޕަބްލިކްގެ ކޯޗު މިރޯސްލާވް ކޫބެކް އަކީ ވެސް 74 އަހަރުގެ ކޯޗުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ