ކާޑުތަކުގެ ބޭރު ލިމިޓަށް މި މަސް ތެރޭ ލުޔެއް ދޭނަން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބޭންކަށް ލިބޭ ޑޮލަރަށް ވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމުގައި ބީއެމްއެލް އިން ވަނީ ހިފެހެއްޓުންތަކެއް ގެންގުޅެފަ އެވެ.
ބުނީ ކީކޭ؟ - މި ލިމިޓްތަކަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭންކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މިކަމުގެ ފައިދާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން:
ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭ 
މީގެ އިތުރުން، އެއާލައިން ޓިކެޓް، ހޮޓާ ބުކިން އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބޭ
ބޭންކުން ބުނި ގޮތުގައި، މި ލިމިޓްތަކަށް މިއަދަދަށް ބޮޑުކުރި ފަހުން ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އަދި ބޭސްފަރުވާ ނުވަތަ ތައުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިވާ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދެ އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން:
މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކާފައިވޭ
މީގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައިވަނީ ކާޑު މުއާމަލާތްތަކަށް
ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވޭ
މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވޭ
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %47ގެ އިތުރުވުމެއް
ބޭންކުގެ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާ ވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެމުން އަންނަނީ ބީއެމްއެލް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ