މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިލިމާލޭގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފަށައި، އެ ރަށުގައި އިލެކްޓްރިކް ޓެކްސީގެ ޚިދުމަތް ފުޅާކޮށްފިއެވެ.
ވިލިމާލޭގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ އިތުރުން އެމްޓީސީސީ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި ޚިދުމަތް ފެށުމަށްޓަކައި ހަތަރު އިލެކްޓްރިކް އުޅަނދެއް ވަނީ ބޭނުންކުރަން ފަށާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗަންގަން ލޫމިން މޮޑެލްގެ ދެ ކާރާއި ޗަންގަން އީ-ސްޓާ (S07) މޮޑެލްގެ ދެ ކާރެވެ. މި ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި، ދަތުރުތަކަށް އަގު ނަގާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ ރޭޓުތަކުގައެވެ.
މާލެ ޓެކްސީ ލައިންގެ މަޤްޞަދަކީ ރައްޔިތުންނަށް އިތުބާރު ހުރި، ރައްކާތެރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމާއި، ގްރޭޓަރ މާލެ ސަރަޙައްދުގެ ޓެކްސީ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މި ޚިދުމަތުގައި ބޭނުންކުރާ ހުރިހާ އުޅަނދަކީ ވެސް ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ އެއްގޮތަށް ބޭނުންކުރާ ފުލް އިލެކްޓްރިކް އުޅަނދުތަކެކެވެ. އަދި މި ޚިދުމަތުގައި މަސައްކަތްކުރާ ޑްރައިވަރުންނަކީ ޚާއްޞަ ތަމްރީނުތަކެއް ދީ، ފެންވަރު ބެލުމަށްފަހު ހޮވާފައިވާ ފަރާތްތަކެކެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމަށް އެކަމަށް ޚާއްޞަކޮށްފައިވާ މޮބައިލް އެޕްލިކޭޝަން ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރެވޭނެއެވެ.
ވިލިމާލޭގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ