ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި، ޙައްޤުތައް ހިމާޔަތްކޮށް، ދައުލަތްތަކުގެ ހިންގުމުގެ ނިޒާމުގެ ހުރިހާ ފެންވަރެއްގައިވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މި ފަދައިން ގޮވާލައްވާފައިވަނީ، ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބޭއްވި ހައި-ލެވެލް ޕެނަލް 1 ގައި، "ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި ޙައްޤުތައް ހިމާޔަތްކުރުން" މި މައުޟޫޢަށް ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ރާއްޖޭގެ ޤުދުރަތީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ކަށަވަރުކުރަން އޮންނަ ޤާބިލިއްޔަތާއި، ޘަޤާފަތާއި، ޝަޚުޞާއި، ގުޅުންތައް ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ވިދާޅުވިއެވެ. އަދި ޤައުމީ ދުރުރާސްތާ އަހުމިއްޔަތުތައް ކަނޑައަޅައި، ބިނާރާއި ތަރައްޤީ ރާވަން ޖެހެނީވެސް، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަށް ރިއާޔަތްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމީ ސިޔާދަތާއި އިސްތިޤުލާލުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ތަރައްޤީވަމުން އަންނަ އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކެކޭ އެއްގޮތަށް، ޤައުމީ ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމުގެ މުހިންމު ކަމާމެދު ދިވެހިރާއްޖެއިންވެސް ވަކާލާތުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ބައިނަލްއަޤުވާމީ ޤާނޫނު ބިނާކޮށްފައިވަނީ، ހަމަޖެހުމާއި، ޢަދާލަތާއި، ހަމަހަމަކަމާއި، ދައުލަތްތަކުގެ މެދުގައިވާ އިސްތިޤުލާލީ އެއްހަމަކަމުގެ މަތީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ހިމެނޭހެން، ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރެވެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެ އިސް އަހުމިއްޔަތަކަށް ވާންވާނީ، މުޖުތަމަޢުތައް ރައްކާތެރިކޮށް، އެ ބަޔަކު އުޅެން އިޚުތިޔާރުކުރާ ތަނެއްގައި ކަރާމާތްތެރިކަމާއެކު ދެމިތިބުމުގެ ޙައްޤު ކަށަވަރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިކަން ފުރިހަމަކޮށްދެވޭނީ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ބިނާރާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ރޭވުންތެރިކަން ހިމެނޭނޭ ފަދައިން، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމަށް ވުނަކުރުން މަތީ ދެމިތިބެގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަހުލުވެރިވުމަކީ ހަމައެކަނި ތިމާވެއްޓާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ޝަޚުޞިއްޔަތާއި، ޘަޤާފަތާއި، އާމްދަނީ ހޯދޭނޭ ގޮތްތަކާއި، ޙައްޤުތައް ހިމާޔަތްކުރުމާވެސް ގުޅުންހުރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ވިލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ހުޅުމާލެ އާއި ރަސްމާލެ މަޝްރޫޢު ފަދަ އިސްނެގުންތަކަކީ، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް އަމިއްލައަށް އިސްނަގައިގެން ކުރެވޭ މަސައްކަތުން، މުޖުތަމަޢުތައް ހިމާޔާތްކޮށް، ހިޖުރަކުރުމަކީ މަޖުބޫރީ ޙާލަތަކަށް ވުމުގެ ކުރިން މޫސުމީ ހިރާސް ކުޑަކުރެވިދާނޭކަމުގެ ނަމޫނާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ބަރޯސާވެވޭ އަދި ބޭނުންކުރެވޭނޭ ފަދަ މާލީ ފުދުންތެރިކަން ނެތި، ނާޒުކު ފައްތަރެއްގައިވާ ޤައުމުތަކަށް ބޭނުންވާ ވިލުންތެރިކަން ޤާއިމުނުކުރެވޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ތަހައްމަލުކުރާ ޤައުމުތަކުގެ ރައްޔިތުންނާއި ޙައްޤުތައް ކަށަވަރުކުރަން ބޭނުންވާ ޤާނޫނީ ޔަޤީންކަން ހޯދުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޙައްޤުތައް ހިމާޔަތްކޮށްދީ، ބައިނަލްއަޤުވާމީ ޤާނޫނު ނަގަހައްޓައި އަދި ވިލުންތެރިކަން އިތުރުކޮށްދޭ ފަދަ ޙައްލުތައް ކުރިއެރުވުމުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބައިވެރިންނާއެކުގައި މަސައްކަތްކުރުންމަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
"ތަރައްޤީގެ ޕްލޭންތައް ރާވަންޖެހިފައިވަނީ ތިމާވެއްޓަށް ރިއާޔަތްކޮށްގެން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ