އަތުލައިގަތް އެންމެ ބޮޑު ވޭޕް ޝިޕްމަންޓް: އެތެރެ ކުރީ އިބޫގެ އާއިލީ ކުންފުންޏަކުން

މިހާތަނަށް ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގަތް އެންމެ ބޮޑު ވޭޕް ޝިޕްމަންޓް އަތުލައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އަނބިކަނބަލުން ފަޒުނާ އަހްމަދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޭން-އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރެއިން ކަން ހާމަވެއްޖެއެވެ.
ކަސްޓަމްސް އިން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ކުންފުނީގެ މުދާ ޝިޕްމަޓެއްތެރެއިން 5,600 ވޭޕް ކާޓްރިޖް ފެނިފައިވާ ކަން ކަސްޓަމްސްގެ އޮފިޝަލަކު ވަނީ "ދިޔަރެސް" އަށް ކަށަވަރުކޮށްދީފައެވެ.
ޕޭން-އޯޝަން ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފަޒުނާގެ އާއިލީ ބޭފުޅުން ހިމެނެއެވެ. އަދި އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އޮތް "ޝައިންޓްރީ ހޯލްޑިން" ގައި ފަޒުނާގެ އިތުރުން އާއިލާގެ އަށް ބޭފުޅަކު ހިމެނޭއިރު، މި ދެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފަޒުނާގެ ބައްޕަ އަހްމަދު އިސްމާއިލް މަނިކު (ބޮޑު ސިއްކަ) ވެސް ހިމެނެއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި، މި ތަކެތި ފެނިފައިވަނީ "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އެ ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުރި 5,600 ވޭޕް ކާޓްރިޖު މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގައި ފޮރުވާފައި ހުރި 1,108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ވެސް ވަނީ އަތުލައިގެންފައެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، 15 ޑިސެމްބަރު 2024 އިން ފެށިގެން ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ އުފެއްދުންތައް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނާ ހިލާފަށް ވޭޕްކުރަން ބޭނުންކުރާ އާލާތްތައް އެތެރެކޮށްފި ނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ވޭޕް އެތެރެކުރާ ކޮންމެ މީހަކު 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން، އެތެރެކުރާ ކޮންމެ ވޭޕް ޑިވައިސްއަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ