"ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓް" އިން ބިއްލޫރި ފުޅީގައި ބަންދުކޮށްގެން އުފައްދާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު، އެ ފެން އަލުން ތަހުލީލުކޮށް ސިއްހަތާބެހޭ ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަށަވަރުކޮށްދީފި އެވެ.
ޖޫން 15 ގައި އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ބިއްލޫރި ފުޅިތަކުގައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވަނީ އަޅާފައި ކަމަށެވެ. އަދި އޭގެ ފަހުން ކުރެވުނު ތަހުލީލުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި، އެ ފެނަކީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ، ބޭނުންކުރުން ރައްކާތެރި ފެނެކެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހޭންޑީ ވޯޓާއިން ބިއްލޫރި ފުޅީގައި ވިއްކާ 330 އެމްއެލް، 500 އެމްއެލް އަދި އެއް ލީޓަރުގެ ފެންފުޅިތަކުން "ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު" ފެނުމާ ގުޅިގެން، އެމްއެފްޑީއޭ އިން ވަނީ ވަކި ގޮތެއް އަންގަންދެން އެ ފެން ބޭނުންކުރުން ވަގުތީގޮތުން މަނާކޮށްފަ އެވެ. އޭރު ހޭންޑީގެ ފެންފުޅިތަކުން ފެނުނީ ކޮން ބާވަތެއްގެ ޖަރާސީމެއްކަން އެމްއެފްޑީއޭ އިން ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، ބޯފެނުން އާންމުކޮށް ފެންނަނީ "އީ-ކޯލައި" އާއި "ސެލްމަނެލާ" ފަދަ ބެކްޓީރިއާއެވެ.
ހޭންޑީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ކުންފުނިން ބާޒާރަށް ނެރެނީ "ޕްރިމިއަމް ޑްރިންކިން ވޯޓާ" އެވެ. ތިން ސައިޒެއްގެ ބިއްލޫރި ފުޅީގެ އިތުރުން އެ ކުންފުނިން ދެން އުފައްދަނީ ފަސް ލީޓަރުގެ ޕްލާސްޓިކް ފެން ފުޅި އާއި 18.9 ލީޓަރުގެ ބޮޑު ފެން ފުޅިއެވެ. އޭގެ އިތުރުން 2024 ވަނަ އަހަރުގެ ތެރޭގައި، ކަރުދާސް ޕެކެޓުގައި ވެސް ހޭންޑީ އިން ފެން އުފައްދަން ފެށި އެވެ. އެކަމަކު، އެ ޕްރޮޑަކްޓު މިހާރު ބާޒާރަށް ނެރޭ ކަމެއް ސާފެއް ނޫނެވެ.
ހޭންޑީ ބިއްލޫރި ފެންފުޅީގެ ރައްކާތެރިކަން ކަށަވަރުކޮށް، އަލުން ބޭނުންކުރުމުގެ ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ