މިއީ މަގާމަކަށް ދަހިވެތިވި މީހެއް ނޫން، ކާރާއި ސެކިއުރިޓީއެއް ވެސް ބޭނުމެއް ނޫން: ސަލީމް

އޭނާއަކީ ދުވަހަކުވެސް މަގާމުތަކަށް ފައިނަގައި، ދަހިވެތިވި ބޭފުޅެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އެއްވެސް ވަރަކަށް ޝައުގުވެރިކަމެއް ނެތްކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ސަލީމް އެ މަގާމަށް އިންތިހާބުކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
ޕީއެންސީގެ މައި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ސަލީމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަކީ އޭނާ އަމިއްލައަށް އެދިގެން ހޯދި މަގާމެއް ނޫން ކަމަށާއި، އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ ހަމައެކަނި ޕާޓީގެ މަސްލަހަތާއި ގައުމީ ހިދުމަތުގެ ރޫހުގައި ކަމަށެވެ.
ސަލީމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވުމާއެކު މަޖިލީހުގެ އިދާރާއިން ފޮނުވި ރަސްމީ ކާރަށް އަރަން ވެސް އޭނާ އިއުތިރާޒު ކުރެއްވި ކަމަށެވެ. އަދި އޭނާއަކީ އަދިވެސް އާދައިގެ މީހުންނާއެކު ސައިކަލު ފަހަތުގައި ދަތުރުކުރަން ބޭނުންވާ މީހެއް ކަމަށާއި ވަކި ބައެއްގެ ފަރާތުން ހާއްސަ ސެކިއުރިޓީއެއް ހޯދައިގެން މާ މަތީ ފެންވަރެއްގައި އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ