ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 10) - މާދަމާ ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމުގެ ފުރުސަތު ލިބުނު، ސޯމާލިއާގެ ރެފްރީ، އޮމާރް އަރްޓާން، އެމެރިކާ އަށް އެތެރެވުމުގެ ފުރުސަތު ނުދީ އަނބުރާ ފޮނުވާލީ 11 ގަޑިއިރު ވަންދެން މަޑުކުރުވުމަށް ފަހު، ސުވާލުތައް ކުރިއަށްގެންގޮސްފައި ކަމަށް ބުނެފި އެވެ.
އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފް އިން މިދިޔަ އަހަރު ހޮވި އެންމެ މޮޅު ރެފްރީގެ މަގާމު ހޯދި އުމުރުން 34 އަރްޓާން އަކީ، ވޯލްޑް ކަޕްގައި ރެފްރީކަން ކުރަން ލިބުނު ސޯމާލިއާގެ ފުރަތަމަ ފަރާތެވެ. އެ ތާރީހީ ޝަރަފް ހޯދުމުގެ އަޒުމުގައި ހުރި އަރްޓާން، ވޯލްޑް ކަޕަށް އެމެރިކާ އަށް ދިއުމަށް ދަތުރުފެށިއިރު، އޭނާ އަށް އެމެރިކާ އަށް އެތެރެވުމުގެ ފުުރުސަތު ނުދޭން މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑަރު އޮފިޝަލުން ނިންމީ އެވެ.
އަރްޓާން އަށް ފުރުސަތު ނުދިނީ ކީއްވެތޯ، އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ސޯމާލިއާ އަކީ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް މިދިޔަ އަހަރު އެ ގައުމަށް އެތެރެވުން މަނާކުރަން އިއުލާނުކުރި ޓްރެވަލް ބޭންގައި އޮތް ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.
އެމެރިކާ އަށް ދިއުމަށް ދަތުރު ފެށުމުގެ ކުރިން އަރްޓާން ބުނެފައިވަނީ، ކޮންމެ ރެފްރީއެއްގެ އަމާޒަކަށް ވެސް ވެފައި އޮންނަނީ އަދި ދެކޭ ހުވަފެނަކީ ވެސް ވޯލްޑް ކަޕަށް ދިއުމަށް ކަމަށެވެ.
"އަހަރެން ވެސް ދެކުނީ އެ ހުވަފެން. އެ ހުވަފެން ހާސިލްވާތީ މިހުރި އުފަލުން، މި ހުރިހާ އަހަރަކު ކުރި މަސައްކަތުގެ ކުރިއެރުން މިއީ،" ބީބީސީ އަށް އަރްޓާން ބުންޏެވެ.
އެމެރިކާގެ ބޯޑާ ކޮންޓްރޯލް އިން ވަނީ އަރްޓާންއާ 11 ގަޑިއިރު ވަންދެން ސުވާލުކޮށްފަ އެެވެ. އެމެރިކާ އަށް މި ކުރާ ދަތުރުގެ ބޭނުމަކީ ކޮބައިތޯ ތަކުރާރުކޮށް އަހާފައިވާ ކަމަށާއި ލިޔެކިޔުންތައް ހުށަހެޅުމުން އެ ވެސް ބަލައިނުގަތް ކަމަށް އަރްޓާން ވަނީ ބުނެފަ އެވެ. އަދި، ފީފާ އިން ދީފައި އޮތް ލިޔުމާއި ރެފްރީކަން ކޮށްފައިވާ މެޗުތަކުގެ ފޮޓޯތައް ދެއްކުމުން ވެސް އެ އަށް ވެސް ބެލުމެއް ނެތި، ޑިޓެންޝަނުގައި ބާއްވާފައި، ފްލައިޓަކަށް ލުމަށް ފަހު، ތުރުކީ އަށް ފޮނުވާލީ ކަމަށް އަރްޓާން ވަނީ ބުނެފަ އެވެ.
"އަހަންނަކީ ހަމައެކަނި ރެފްރީއެއް، ހަޔާތުގައި ދެކުނު އެންމެ ބޮޑު ހުވަފެން. ވޯލްޑް ކަޕަށް އައުން ހަގީގަތަކަށް ހަދަން އައީ. ހަމައެކަނި މައްސަލަ އަކަށް ވީ އަހަރެންގެ ގައުމާ ދެމެދު އޮތް މައްސަލައެއް،" އަރްޓާން ބުންޏެވެ.
އޭނާ ބުނީ، ތަަކުރާރުކޮށް އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ސުވާލުކޮށްފައިވަނީ، ސޯމާލިއާގެ ސަރުކާރާ ގުޅޭގޮތުންނާއި، އެ ގައުމަށް ނިސްބަތްވާ އަލް ޝަބާބް މިލިޓަންޓް ގްރޫޕްގެ ކަންކަމާ ބެހޭގޮތުން ކަމަށެވެ. އަދި، އޭނާ އަށް އެނގޭ މައުލޫމާތު ނޫން ކަމަށް ބުނުމުން ގަބޫލުކުރަން ދެކޮޅު ހެދި ކަމަށް ވެސް އަރްޓާން ވަނީ ބުނެފަ އެވެ.
އަރްޓާން އަށް އެމެރިކާ އަށް އެެތެރެވުމުގައި ފަސޭހަ ކުރުމުގެ ގޮތުން، ނައިރޯބީގައި ހުންނަ ސޯމާލިއާގެ އެމްބަސީން ވަނީ އޭނާ އަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ވެސް ދީފަ އެެވެ. އަދި، އެމެރިކާ އަށް އެތެރެވުމަށްޓަކައި، ވިސާ ހޯދަން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އަރްޓާން އަތުގައި ހަމަވާނެ ކަމަށް ވެސް އެމްބަސީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ފުރުސަތެއް ނެތްކަން އެނގުމުން އަރްޓާން ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ.
އެމެރިކާގެ ރަސްމީ އިދާރާތަކާ ވާހަކަ ދެއްކުމަށް ފަހު، ފީފާ އިން މިހާރު ބުނެފައިވަނީ، އަރްޓާން އަށް ވޯލްޑް ކަޕުން ފުރުސަތެއް ނެތް ކަމަށެވެ.
އެ ގޮތުން، ފީފާ އިން ނެެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރްޓާން އަށް މި ފަަހަރުގެ ވޯލްޑް ކަޕްގައި މަސައްކަތްކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި ސަބަބަކީ އޭނާ އެތެރެވުމަށް އެމެރިކާ ސަރުކާރުން ފުރުސަތު ދީފައިނުވުމެވެ. އަދި، ފީފާ އަކީ ވޯލްޑް ކަޕް ބާއްވާ ގައުމުތަކުގެ އިމިގްރޭޝަން ޕްރޮސަސް ތެރެއިން ކަންކަން ކުރުމުގެ ބާރު އޮތް ބައެއް ނޫން ކަމަށާއި އަރްޓާން އަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ، އޭނާ އަށް އެމެރިކާގެ ވިސާ ލިބޭނެ ގޮތެއް މި ވަގުތަށް ބަލާއިރު ނެތުމުން ކަމަށެވެ.
އަރްޓާން އަންނަނީ، 2018 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުަގައި އިންސާފުކުރަމުންނެވެ.
11 ގަޑިއިރު ސުވާލުކުރުމަށް ފަހު އެމެރިކާ އިން ސޮމާލިއާ ރެފްރީ ފޮނުވާލީ ގައުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ