އާސެނަލްގެ ދަނޑުގައި ޕީއެސްޖީ މޮޅުވެ ފައިނަލާ ކައިރިއަށް ޖެހިލައިފި

އާސެނަލްގެ ދަނޑުގައި ރޭ ޕީއެސްޖީން އެ ހޯދީ ވަރަށް މުހިންމު މޮޅެކެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގަށް ނުކުތް އިރު މި މުބާރާތުގެ ލީގު ބުރުގައި އާސެނަލް އަތުން ހަމަ އެ ދަނޑުގައި ޕީއެސްޖީ 2-0 އިން ބަލިވުމަކީ އަދި މައްސަލައެއް ނޫންކަން، މެޗު ފެށުމާ އެކުހެން ސާބިތުކޮށްދިނެވެ.
އާސެނަލްގެ ކުޅުންތެރިން ބޯޅަ ހޯދަން ދުވަން ޖައްސާފައި ކުޅުނު ކުޅުމުގެ ނަތީޖާއަކީ އެންމެ ހަތަރު މިނިޓްގެ ތެރޭގައި ލަނޑެއް ކާމިޔާބުކުރުމެވެ. އާސެނަލްގެ ގޯލުގެ ކުރިމަތިން ލިބުނު ބޯޅަ އޮސްމާނޭ ޑެމްބެލޭ ބާރަށް ފޮނުވާލީ އޭގައި ގޯލުގެ އެއް ކަން އަމާޒަކަށް ހަދައިފަ އެވެ. އެ ބޯޅަ ސަލާމަތްކުރެވޭ ގޮތެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއަކަށް ނުވި އެވެ.
ޕީއެސްޖީއަށް ކުޅެން ފުރުސަތު ލިބިއްޖެ ނަމަ އެހާ ނުރައްކާވާނެކަން އާސެނަލްގެ ކުޅުންތެރިންނަށް އެނގެ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ބޮޑު ބައި ދިޔައީ ޕީއެސްޖީގެ އަތުގައި ބޯޅަ އޮވެ، މެޗު ކޮންޓްރޯލްކުރުމުގަ އެވެ. އާސެނަލްއަށް ހަމަޖެހިލެވުނީ އަދި ފަހުންނެވެ.
އަންނަ ހަފުތާގައި ޕެރިހުގައި އޮންނަ ދެވަނަ ލެގަށް ނުކުންނަ އިރު މި މެޗުން މޮޅުވާން ޕީއެސްޖީން ކުރި ހިތްވަރަށް ސާބަހެވެ. ފަހުން އާސެނަލްގެ ނުރައްކާތެރި އެތައް ހަމަލާއެއް ބޭކާރުކޮށްލި އެވެ. ފަހު ހާފުގައި ޕީއެސްޖީއަށް ލިބުނު ހުސް ފުރުސަތުތައް ވެސް ދިޔައީ ފެނަށެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ 'ޕެރިހުގައި ވަރަށް ހާއްސަ ކަމެއް ކޮށްގެން ނޫނީ" ދެން ފުރުސަތެއް ނެތް ކަމަށެވެ. އެ ހާއްސަ ކަމަކީ އެއް ލަނޑަށް ވުރެ ބޮޑު ތަފާތަކުން ޕީއެސްޖީ ބަލިކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ