ރާއްޖޭގައި ހިނގާ މަގުމަތީ އެކްސިޑެންޓުތައް އަހަރަކަށްވުރެ އަހަރެއް، ކަންބޮޑުވާ ދަރަޖައަށް ދަނީ އިތުރުވަމުންނެވެ. މިގޮތުން، ފާއިތުވެދިޔަ ފަސް އަހަރަށް ބެލި ނަމަވެސް މިދިޔަ އަހަރަކީ އެކްސިޑެންޓުތައް ހިނގައިގެން އެންމެ ގިނައިން ރިޕޯޓްކުރި އަހަރެވެ.
ރާއްޖޭގެ ގާނޫނުތައް ހެދިފައި އޮތީ އެކްސިޑެންޓުވުމުން ކުށްވެރިވާ މީހާ ސަލާމަތްވާ ގޮތަކަށް ނޫނެވެ. އެކަމަކު، އިންސާފަށް ހުރަސް އެޅެނީ އެންމެ އެދެވޭ ގޮތަށް ގާނޫނު ތަންފީޒު ނުކުރާތީ އެވެ. އެހެންކަމުން އެކްސިޑެންޓުތައް ހިނގާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދަނީ އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުން ކަމަށް ވެދާނެ އެވެ.
އެކްސިޑެންޓުތަކާ ގުޅިގެން އަނިޔާ ލިބޭ މީހާއަށް އިންސާފު ނުލިބި، ކުށްވެރިވާ މީހާއަށް އެކަށީގެންވާ އަދަބެއް ވެސް ނުލިބި ސަލާމަތްވުމަކީ އަބަދުވެސް އޮންނަ ބޮޑު ޝަކުވާއެކެވެ. އެކްސިޑެންޓުތަކާ ގުޅިގެން އިހުމާލުގެ ކުށް ސާބިތުވުމުން ވެސް ލިބޭ އަދަބު ކުޑަ އެވެ. ބައެއް ފަހަރު ހުކުމާ ހަމައަށްދާއިރު ޖަލުގައި މުއްދަތެއް ހޭދަ ނުކުރަން ޖެހޭ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު އެކްސިޑެންޓުވުމުން ހިންގާ ޖިނާއީ ދައުވާތައް ނިސްބަތުން މަދެވެ. އެކަމަކު ފަހަކަށް އައިސް ދިމާވި ހިތާމަވެރި އެކްސިޑެންޓުތަކާ ގުޅިގެން ރައްޔިތުންގެ ޕްރެޝަރު ސަރުކާރަށް އަމާޒުވެ، އެކްސިޑެންޓުތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް ދައުވާ އުފުލާފައިވެ އެވެ. އެކަމަކު އެއީ ނިސްބަތުން މަދު އަދަދެއްކަން ފާހަގަކުރެވެ އެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ބޮލޮގުގައި ޖުލައި 7، 2023، ގައި ލިޔުއްވާފައިވާ ގޮތުން އެކްސިޑެންޓުވުމަކީ ކުށެއް ނޫން ކަމަށް ބެލުމަކީ ގާނޫނީ ގޮތުން ވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އެގޮތަށް ގާނޫނު މާނަކުރާ ނަމަ، މީހަކަށް ހަމަލާއެއް ނުވަތަ ގެއްލުމެއް ދޭން ބޭނުންނަމަ، އެމީހާ އެކްސިޑެންޓުކޮށްލައިގެން، އޭނާގެ ފުރާނަ އާއި ހަށިގަނޑަށް ގެއްލުން ދިނުމަށް ހުއްދަ ކުރެވެނީ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.
"ބައެއް ގާނޫނީ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަގުމަތީގެ އެކްސިޑެންޓުތަކުގެ ހާލަތުތަކުގައި، ކުށުގެ ޒިންމާ އުފުލާކަށް ނުޖެހޭ. މިއީ ކުށް ހީއެއް. އެކްސިޑެންޓުގެ މައްސަލަތަކަކީ، ޖިނާއީ ޒިންމާ އުފުލަންޖެހޭ ގާނޫނީ ކުށެއް،" އޭނާގެ ބޮލޮގްގައި ވިދާޅުވި އެވެ.
މީގެ އިތުރުން ސެޕްޓެމްބަރު 7، 2023 ގައި އޭނާގެ ބްލޮގްގައި ޝަމީމް ލިޔުއްވާފައިވާ ގޮތުން އާ ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ފެށުމުން، އެކްސިޑެންޓެއްގައި ގެއްލުން ލިބޭ މީހަކު ބަދަލެއް ހޯދަން ބޭނުންވެއްޖެ ނަމަ މަދަނީ މައްސަލައެއް ކޯޓަށް ވެއްދުމުގެ ފުރުސަތު އޮވެ އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ދައުވާކޮށް، ކުށްކުރި މީހާ ޖިނާއީ ޒިންމާ އުފުލުވުމަށް އޮތް ޖިނާއީ ނިޒާމުގެ ހައްލެއް ވެސް ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ފެށުމާ އެކު ލިބޭ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.
"ގާނޫނު ވަރަށް ސާފު. ގާނޫނުލްއުގޫބާތު އަދި މާ ސާފު. އޭގައި އޮތް އެއްޗެއް އެނގި، އެއަށް އަމަލު ކުރެވޭނީ، މަޑުމަޑުން އިށީނދެ އިނދެ، ގާނޫނުގައި އޮތް އެއްޗެއް ފަހުމުވާ ވަރަށް ވިދާޅުވީމަ. ކުރިން އަމަލުކުރަމުން އައި ގޮތްތައް ދޫނުކޮށް ތިބެގެނެއް ގިނަ ފަހަރު ކަމުދާ ނަތީޖާއެއް ނުކުންނަތަނެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
މި ލިޔުމަށް ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެކްސިޑެންޓެއްގައި ބޮޑު އަނިޔާއެއް މީހަކަށް ލިބިއްޖެނަމަ، މި ސަރުކާރުން ޕްރެކްޓިސް ކުރަމުން އަންނަ ގޮތަކީ ކުށްވެރިވާ މީހާއަށް ޖިނާއީ ގޮތުން އަދަބު ދިނުން ކަމަށެވެ.
"އެކްސިޑެންޓުގައި މީހާއަށްވާ އަނިޔާއަކީ އެއީ ޖިނާއީ ކުށެއް ކަމަށް އަޅުގަނޑުމެން މި ބަލަނީ. އިހުމާލު ކުށެއް ކަމަށް. އޭގެ ތެރޭގައި މީހަކު މަރު ނުވިޔަސް މީހެއްގެ އިހުމާލުން ވާ ގެއްލުމަށް ކްރިމިނަލް ޕްރޮސެކިއުޝަނަކަށް ދާނެ. މީހެއްގެ ފުރާނަ ގޮސްފިއްޔާ އިހުމާލު މަރަކަށް ބަލާނެ،" މިނިސްޓަރު ވިދާލުވި އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެންދިޔަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ މިންވަރު އަހަރަކަށްވުރެ އަހަރެއް ވަނީ އިތުރުވެފަ އެވެ.
މިގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކްސިޑެންޓުވުމުން މަޑުނުކޯށް ފިލައިގެންދިޔަ 114 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ކުރީ އަހަރު ޖެނުއަރީން ފެށިގެން ޑިސެމްބަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެފަދަ 144 މައްސަލަ ހުށަހަޅާފައިވެ އެވެ.
އެކަމަކު 2022 ގައި، އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެން ގޮސްގެން ރިޕޯޓުކުރީ 59 މައްސަލައެކެވެ. އަދި 2021 ގައި އެފަދަ 86 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، 2020 ގައި ރިޕޯޓް ކޮށްފައި ވަނީ އެފަދަ 83 މައްސަލަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 އިން ފަށައިގެން އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެންދާ މައްސަލަތައް 100 އަށްވުރެ މައްޗަށް ވަނީ ޖެހިލައިފަ އެވެ. އަދި 2023 ގެ އިތުރުން 2024 ގައި ވެސް އެ އަދަދު ހުރީ 100 އަށްވުރެ މަތީގަ އެވެ.
ހެޑް އޮފް ޓްރެފިކް ޕޮލިސް ސުޕްރިންޓެންޑެންޓް ހަސަން ސަމީރު "އަދަދު" އަށް ވިދާޅުވީ އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެންދާ މައްސަލަތަކުގައި ސީސީޓީވީ ފުޓޭޖުތައް ބަލައި ޒިންމާވާ ފަރާތް ދެނެގަނެ ބަދަލު ހޯދުމުގެ ކަންކަން ފުލުހުން ކުރިއަށްގެންދާ ކަމަށެވެ.
"އަޅުގަނޑުމެން، ހިޓް އެންޑް ރަން ކޭސްތަކުގައި ފުޓޭޖު އެހީގައި ނޫނީ ލިބޭ މައުލޫމާތުތަކުގެ އެހީގައި ހުންނާނެ ފުދޭ ވަރަކަށް ގިނަ ކޭސްތައް ވިން ކޮށްފައި،" އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓުވުމުން މަޑުނުކޮށް ގިނަފަހަރު ފިލައިގެން ދަނީ އަތުގައި ލައިސަންސް ނެތުމުން ނުވަތަ ކުށުގެ ވެށީގައި އުޅޭތީ ކަމަށް ވެދާނެ އެވެ. އެކަމަކު މައްސަލަތައް އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭނަމަ އެފަދަ މައްސަލަތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވުމަކީ ދުރުގައި އޮތް ކަމެއް ވެސް ނޫނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓުތައް ކައިރީ ޖުލައި 31، ގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
އެ މައްސަލައިގައި ހިމެނޭ ކާރު ދުއްވި މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އެވަގުތު އެކްސިޑެންޓުވީ ސަރަހައްދުން ފިލައިގެން ދިޔައީ އެވެ. އޭނާ ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ މައްސަލައިގައި އިކްރާމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ފަރުވާލެއްނެތި މީހަކު ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ އާއި އެކްސިޑެންޓުވުމުން އެކަމުގެ ރިޕޯޓު ނުކުރުމުގެ ދައުވާ އަދި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.
އެ ހަތަރު ދައުވާއަށް ވެސް އިކްރާމް އިއުތިރާފްވުމުން، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަވުމުގެ ދަށުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ދެ މަހާއި 17 ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން 70،000ރ. އިން ޖޫރިމަނާ ކުރި އެވެ.
އެ މައްސަލައިގެ ކުޑަބޮޑު މިނަށް ބަލާއިރު އިކްރާމްއަށް ދެވުނީ އޭނާއަށް އެންމެ ހައްގު އަދަބުތޯ ސުވާލު އުފެދެ އެވެ. ފަހަރެއްގައި ފުލުހުންނަށް ލިބުނު ހެކިތަކާއި ވަށައިގެން ހުރި ކަންކަމަށް ބަލާއިރު އެއީ އެންމެ ހައްގު އަދަބު ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެ މައްސަލައިގައި އިކްރާމްއަށް ލިބުނު ކުޑަ އަދަބާ ގުޅިގެން އާންމުންގެ ޝަކުވާތަކެއް ހުއްޓެވެ.
މީގެއިތުރުން މިދިޔަ ސެޕްޓެމްބަރު 6، ވަނަ ދުވަހުގެ ދަންވަރު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ހުރި ޒުވާނަކު މަރުވި އެވެ.
އެ މައްސަލައިގައި ހިމެނޭ ސ. ހިތަދޫ، ވިސާމް ސިދުގީ، 26، ގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ވިސާމްގެ މައްޗަށް އެންމެ ގިނަވެގެން ވެސް އަންނާނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
އެ ހާދިސާ ހިނގުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޓަކައި ގާނޫނުތަކަށާއި ގަވާއިދުތަކަށް ބަދަލުތައް ގެންނަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ވިދާޅުވެފަ އެވެ. އެކަމަކު މިއަދާ ހިސާބަށް ވެސް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
މި ލިޔުމަށް ކުރިން ވާހަކަ ދެއްކި ޓްރެފިކް ޕޮލިހުގެ ހަސަން ސަމީރު ވިދާޅުވީ އެކްސިޑެންޓުތަކުގައި އިހުމާލުވާ މީހުންނަށް ލިބޭ އަދަބު ކުޑަ ކަމަށެވެ. އެކަމަކު އަދަބު ކުޑަވަނީ ކީއްވެގެން ކަމެއް ސީދާ ބުނަން ނޭގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނެއްހެން ބަލާނަމަ މުއްދަތު ކުޑަ. އެއް އަހަރާއި ހަ މަސް ދުވަސް. އެކަހަލަ ގޮތަކަށް މި ހުންނަނީ. އަޅުގަނޑުމެން ތަހުގީގު މިކުރަނީ އެ ލިބޭ މިންވަރަކަށް [ހެކި] ބަލައި. ގަސްތުގައި މީހަކު މެރުމާއި މީހެއްގެ އިހުމާލުން މަރުވުމާއި ތަފާތު ކަންތަކެއް ހުރޭ. އެއީ ކަންނޭނގެ އެވާ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.
~ ~ ~
އެކްސިޑެންޓުތަކުގައި ދައުވާތަކެއް ކުރެވި ހުކުމްތަކެއް ކުރެވިފައިވީ ނަމަވެސް، މިހާތަނަށް އެކަށީގެންވާ ބޮޑު އަދަބެއް ގާނޫނުގެ ދަށުން ދެވިފައެއް ނުވެ އެވެ. ދައުވާ ކުރެވިފައި ވަނީ ވެސް މަދު ބައެއްގެ މައްޗަށެވެ. އަދި އަދަބު ދެވިފައި ވަނީ އެއަށްވުރެ މަދު ބަޔަކަށެވެ.
އެ އަދަބުތައް ގާނޫނުގެ ދަށުން ނުދެވެނީ ގާނޫނުތައް ހެދިފައިހުރިލެއް ދޯދިޔާ ވެގެން ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ގާނޫނުތައް ތަންފީޒުކުރަން ތިބި ބަޔަކު އެކަން އެންމެ އެކަށީގެންވާ ގޮތަށް ތަންފީޒު ނުކުރާތީ ވެސް އަދަބުން ރެކެވުމުގެ ފުރުސަތު ފަހިވެ އެވެ.
މަގުމަތީ އެކްސިޑެންޓުތަކަށް އަދަބެއް ނުދެވޭ، އިންސާފެއް ނުލިބޭ! މަގުމަތީ އެކްސިޑެންޓުތަކަށް އަދަބެއް ނުދެވޭ، އިންސާފެއް ނުލިބޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ