ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް އެދިވަޑައިގެންފި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް އެދިވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލާ ފުރަތަމަ ބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މުއިއްޒު މެންބަރުންގެ ގާތު އެދިވަޑައިގެންނެވީ އިއްޔެ މެންދުރު މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ރައީސް ހުށަހެޅުއްވި ކަންކަން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވަނީ އަދަދު ނޫހާ ހިއްސާކޮށްފަ އެވެ.
މެންދުރު ކެއުމާއެކު ބޭއްވި މި ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށް ގާނޫނުއަސާސީއަށް ބަދަލުކުރުމަށް ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓު މި އަހަރު ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަަށްވެސް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރާ ކަމަށް ރައީސް އިއްޔެ ވިދާޅުވި ކަމަށް މެންބަރުން މައުލޫމާތު ދިނެވެ.
"ދެ އިންތިހާބު އެއްކޮށްލުމަށް، ދެން ރިޔާސީ އިންތިހާބު އެއްބުރަށް ހެދުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށް ވިދާޅުވީ. މިކަމުގައި މެންބަރުންގެ ތާއީދަށް އެދިލެއްވީ،" މެންބަރަކު ވިދާޅުވި އެވެ.
މީގެއިތުރުން ވެރިކަމުގެ ހުވާ ކުރާ ދުވަސް ޖުމްހުރީ ދުވަހަށް ބަދަލުކުރުމަށްވެސް ރައީސް ހުށަހަޅުއްވާނެ އެވެ. މި ހިނގާ ރިޔާސީ ދައުރު ހިމެނޭހެން އެންމެ ފަހުންގެ ތިން ދައުރުގެ ރައީސުން ހުވާ ކުރެއްވީ ނޮވެމްބަރު 17، ގަ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް މިއަހަރު ދިޔުމަށް ނިންމާފައިވާކަން ރައީސް މުއިއްޒު ފުރަތަމަ އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
"ދިރާސާ ކުރަމުންދާ ކަމެއް، އެޓަރނީ ޖެނެރަލާ އަޅުގަނޑު ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް، ބައެއް ގައުމުތަކުގައި އޮންނަ ގޮތެއް، ޕްރިފަރެންޝަލް ވޯޓިން ނިޒާމު. ދެވަނަ ބުރު އުވާލުން. ޕާސަނަލީ އަޅުގަނޑު ގަބޫލުކުރާގޮތް،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.
ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން ފުރަތަމަ ބުރުގައި 50 އިންސައްތައަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައެއް ނުވެ އެވެ. ހަތަރު އިންތިހާބުގައިވެސް ވެރިކަން ލިބުނީ ދެވަނަ ބުރަކަށް ގޮސް ކޯލިޝަން ހަދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ