ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރި ގޮތާމެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފި
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންކަމަށްވާ ޑރ. މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރާއި، ހުސްނުއްސުއޫދު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭ ސަސްޕެންޑުކުރި މައްސަލައިގައި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕޯޓާ މާގަރެޓް ސެޓާތުވެއިޓް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ: ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފަނޑިޔާރު ހުސްނުއްސުއޫދު އެކަމަކު، ސަސްޕެންޑުކޮށް ތިން ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނަނިކޮށް ސުއޫދު ވަނީ އިސްތިއުފާދެއްވައިފައެވެ. ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ބޭރުގެ އިދާރާތަކަށް ހުށަހެޅުއްވީ ސުއޫދެވެ. އެ ކަމާ ގުޅިގެން އދ.ގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ އދ.ގެ ފަރާތުން އެ މައްސަަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. "މި އިސްލާހު ޝަރުޢީގޮތުން މުރާޖައާ ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައި އޮތް އޮތުން ނިގުޅައިގަތުމަށް ކަމަށް ބެލެވޭ ގޮތަށް ވަކިވަކިން އަދި އެކުއެކީގައި އަޅާފައިވާ އެތައް ފިޔަވަޅުތަކަކާ މެދު އަޅުގަނޑު ކަންބޮޑުވޭ،" ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ޚާއްސަ ރެޕޯޓަރު މާގަރެޓް ސެޓާތުވެއިޓް އެ ބަޔާނުގައި ވިދާޅުވިއެވެ. އދ.ގެ ރެޕޯޓަރު ވަނީ ގާނޫނުއަސާސީއަށް ހުށަަހެޅި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވައި، 25 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންފެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން އިސްލާހެއް ހުށަހެޅުމުން އެ ކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މީގެ އިތުރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގައި، އަޑުއެހުންތަކުގައި ހާމަކަން ބޮޑު ގޮތެއްގައި ރައުޔު ހާމަކުރެއްވި ތިން ފަނޑިޔާރުންނަށް، އެ މައްސަލައިގެ އަޑުއެހުމަކަށް ކުޑަތަންވެފައި އޮއްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަަލަމުން އަންނަކަމަށް ޖޭއެސްސީއަށް އެންގުމުން އެ ކަމުގެ ކަންބޮޑުވުން ވެސް އދ.ގެ ޚާއްސަ ރެޕޯޓަރު ފާޅުކުރެއްވިއެވެ. "ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސުލޫކީ މައްސަލައެއްގައި ސަސްޕެންޑުކުރުމަކީ، ފަނޑިޔާރުން ވަކިކުރެވޭނީ ބޮޑެތި ކުށްތަކެއް ނުވަތަ ގާބިލްކަން ނެތް ކަމަށް ބުނާ އުސޫލާ ޚިލާފު ކަމެއް ކަމަށް ގަބޫލުކުރެވޭ. ސަސްޕެންޝަންތަކާއި ސުލޫކީ މައްސަލަތަކުގެ ތަހުގީގުތަކުގެ ޕްރެޝަރަކީ ކޯޓުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަކަށްވުމުގެ ފުރުސަތަކަށް ވެދާނެ،" ރެޕޯޓަރު ވިދާޅުވި އެވެ. އެއާއެކު ޖޭއެސްސީން ފަނޑިޔާރު މަހާޒާއި، އަޒްމިރަލްދާގެ ސުލޫކީ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައިރު އެ ދެ ފަނޑިޔާރުންގެ ވަކީލުންނަށް ފުރުސަތު ނުދިނުމުން އެ ކަމާ ކަންބޮޑުވާކަމަށް ވެސް ސެޓާތުވައިޓު ވިދާޅުވިއެވެ. އދ.ގެ އެ ބަޔާނުގައި ވާ ގޮތުން މި މައްސަލައިގައި އދ.ގެ ޚާއްސަ ރެޕޯޓަރު ގެންދަވަނީ ދިވެހި ސަރުކާރާއެކު މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ