އެމެރިކާގެ ކެލިފޯނިއާގެ މައުންޓަން ވިއުގައި އަންގާރަ ދުވަހު ބޭއްވުނު ގޫގުލް I/O 2025 ޑިވެލޮޕާ ކޮންފަރެންސްގައި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗައި އަދި ކުންފުނީގެ އެހެނިހެން އިސްވެރިން ޓެކްނޮލޮޖީގެ ދާއިރާއަށް ގިނަ އައު ކުރިއެރުންތަކެއް ވަނީ ތައާރަފްކޮށްފަ އެވެ.
މި އަހަރުގެ ކޮންފަރެންސްގައި ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުންހުރި ގިނަ އައު ފީޗާތަކާއި އަޕްޑޭޓްތަކެއް ހާމަކުރި އެެވެ. ޑިވެލޮޕަރުންނާއި ޓެކްނޮލޮޖީ އަށް ލޯބިކުރާ ފަރާތްތަކުން އެއްވެ ތިބި މި ކޮންފަރެންސްގައި ގޫގުލްގެ އެންމެ ފަހުގެ އީޖާދުތަކާއި ކުރިމަގުގެ ޕްލޭންތައް ހާމަކުރެވުނެވެ. އެގޮތުން އެ ކޮންފަރެންސްގައި އިއުލާން ކުރި ބައެއް އައު ޓެކްނޮލޮޖީގެ އުފެއްދުން ތަކަށް މިލިޔުމުގައި ބަލައިލާނަމެވެ.
ކުރިން "ޕްރޮޖެކްޓް ސްޓާލައިން" ގެ ނަމުގައި ތައާރަފްކުރެވުނު ޓެކްނޮލޮޖީ މިހާރު "ގޫގުލް ބީމް" ގެ ނަމުގައި އައު ފީޗާތަކާއެކު ވަނީ ތައާރަފުކޮށްފަ އެވެ. މިއީ 3ޑީ ކޮމިއުނިކޭޝަން ޕްލެޓްފޯމެކެވެ. މި ޓެކްނޮލޮޖީގައި 6 ކެމެރާގެ އެރޭއެއް ބޭނުންކޮށްގެން ޔޫޒާގެ ވީޑިއޯ ސްޓްރީމް އެކި އެންގަލްތަކުން ނަގަ އެވެ. އޭގެފަހުން، އޭއައި ސިސްޓަމެއް މެދުވެރިކޮށް މި 2ޑީ ފީޑް 3ޑީ ލައިޓް ފީލްޑް ޑިސްޕްލޭއަކަށް ބަދަލުކުރެ އެވެ.
ގޫގުލްއިން މިވަނީ އެޗްޕީއާއެކު މަސައްކަތްކޮށް މިއަހަރުގެ ފަހުކޮޅު ފުރަތަމަ ގޫގުލް ބީމް ޑިވައިސްތައް ނެރުމަށް ނިންމާފައެވެ.
ޖެމިނައި 2.5 ސީރީޒްއަށް އައު ގާބިލިއްޔަތުތަކެއް އިތުރުކުރިކަން މިކޮންފަރެންސްގައި ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން 2.5 ޕްރޯ މޮޑެލްއަށް "ޑީޕް ތިންކް މޯޑް" ތައާރަފުކޮށްފައި ވާއިރު، މިއީ އެންހާންސްޑް ރީޒަނިން މޯޑެއްގެ ގޮތުގައި ބަޔާންކުރެވެ އެވެ. މި ފީޗާ މިހާރު ވަނީ ޓެސްޓުކުރުމުގެ މަރުހަލާގަ އެވެ. މީގެއިތުރުން، "ނޭޓިވް އޯޑިއޯ އައުޓްޕުޓް" ވެސް ތައާރަފްކުރެވިފައިވެ އެވެ. މިއީ އިންސާނުންގެ ވާހަކަ ދެއްކުމާ އެއްފަދަ އެކްސްޕްރެސިވް ސްޕީޗް ޖެނެރޭޝަން ގާބިލިއްޔަތެކެވެ.
ޖެމިނައި 2.5 ފްލޭޝް މޮޑެލްވެސް އަޕްޑޭޓްކުރެވި، ރީޒަނިން، މަލްޓިމޯޑަލިޓީ، ކޯޑިން އަދި ލޯންގު ކޮންޓެކްސްޓްގެ ދާއިރާތަކުން އިތުރަށް ހަރުދަނާކުރެވިފައިވެ އެވެ. އަދި މި މޮޑެލް ބޭނުންކުރުމުގެ ޚަރަދުވެސް ކުޑަކުރެވިފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ.
ގޫގުލް ސާޗްގެ އޭއައި މޯޑް މިހާރު ވަނީ ކަސްޓަމް ޖެމިނައި 2.5 މޮޑެލްއަކުން ޕަވަ ކުރެވިފައި ވާކަން އިއުލާން ކުރިއެވެ. އޭއައި މޯޑްއަށް "ޑީޕް ސާރޗް މޯޑް" އަދި "ލައިވް ސާޗް" ފީޗާ ވެސް ތައާރަފުކުރެވިފައިވެ އެވެ. ލައިވް ސާޗް ފީޗާއިން ޑިވައިސްގެ ކެމެރާއަށް އެކްސެސް ލިބިގެންދާނެ އެވެ. މީގެއިތުރުން، އޭޖެންޓިކް ފީޗާއެއްވެސް ތަޢާރަފްކުރެވި، ޔޫޒަރުންނަށް އިވެންޓް ޓިކެޓް ގަތުމާއި އެޕޮއިންޓްމަންޓް ހެދުން ފަދަ ކަންކަން ސީދާ އިންޓަރފޭސް މެދުވެރިކޮށް ކުރެވޭނެ އެވެ.
ޝޮޕިންއާ ގުޅުންހުރި ފީޗަތަކެއްވެސް އޭއައި މޯޑްއަށް އިތުރުކުރެވިފައިވެއެވެ. ޔޫޒަރުންނަށް މިހާރު ބޭނުންވާ ޕްރޮޑަކްޓް ވިޝުއަލީ ސާޗްކުރެވި، އަމިއްލަ ފޮޓޯއެއް އަޕްލޯޑްކޮށްގެން ވާޗުއަލްކޮށް އުފެއްދުންތައް ކަމުދޭތީ ކަށަވަރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އޭއައި އޭޖެންޓްތައް ބޭނުންކޮށްގެން ޕްރޮޑަކްޓްތަކުގެ އަގުތައް ޓްރެކްކޮށް، އޮޓޮމެޓިކުން ޕާޗޭސްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. މި ފީޗަތައް މިއަހަރުގެ ފަހުކޮޅު ތައާރަފުކުރެވޭނެ އެވެ.
ގޫގުލްއިން އޭއައި އޯވާ ވިއުތައް 200 އަށްވުރެ ގިނަ ގައުމަށާއި 40 އަށްވުރެ ގިނަ ބަހަށް ފުޅާކުރާނެކަން އިއުލާންކޮށްފައިވެ އެވެ. މި އަޕްޑޭޓާއެކު، އަރަބި، ޗައިނީޒް، މެލޭ އަދި އުރުދޫ ބަސްތަކަށް ސަޕޯޓް ލިބިގެންދާނެ އެވެ. މިއީ ކުރިން ސަޕޯޓް ލިބިފައިވާ އިނގިރޭސި، ހިންދީ، އިންޑޮނީޝިއަން، ޖަޕަނީޒް، ޕޯޗުގީޒް އަދި ސްޕެނިޝް ފަދަ ބަސްތަކާއެކު އިތުރުވާ ބަސްތަކެވެ.
ގޫގުލްއިން އައު ޖެމިނައި-ޕަވާޑް އެންޑްރޮއިޑް XR ޕްލެޓްފޯމްގެ ޑެމޯއެއްވެސް ދައްކާލާފައިވެ އެވެ. މިއީ ސެމްސަންގެ ކުރިއަށް އޮތް "ޕްރޮޖެކްޓް މޫހާން" ސްމާޓް ގްލާސަސްގެ އޮޕަރޭޓިން ސިސްޓަމް އަކަށްވާނެ އެވެ. އެކުންފުނިން އެހެން ވެއަރަބަލް ޕާޓްނަރުންނާއެކުވެސް މަސައްކަތްކުރަމުންދާކަމަށް ބަޔާންކޮށްފައިވެ އެވެ.
މި އެންޑްރޮއިޑް XR ސްމާޓް ގްލާސަސްގައި ކެމެރާ، މައިކްރޮފޯން، ސްޕީކަރު އަދި ޑިސްޕްލޭ ސްކްރީނެއް ހިމެނޭނެ އެވެ. ޔޫޒަރުންނަށް ޖެމިނައިއާއެކު ހޭންޑްސް-ފްރީކޮށް ވާހަކަދެއްކުމާއި، އިމޭޖް ކެޕްޗާ ކުރުމަށް އެދުމާއި، ސްމާޓްފޯނާއި އެހެނިހެން ކަނެކްޓެޑް ޑިވައިސްތައް ކޮންޓްރޯލްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ގޫގުލްއިން އިމޭޖް ޖެނެރޭޝަން މޮޑެލް "އިމާޖެން 4" އަދި ވީޑިއޯ ޖެނެރޭޝަން މޮޑެލް "ވިއޯ 3" ވެސް ތަޢާރަފްކޮށްފައިވެ އެވެ. އިމާޖެން 4 ގައި މިހާރު ޓެކްސްޓް ރެންޑަރިން އަދި ޓެކްސްޓް ޕްލޭސްމަންޓްގެ ކޮންޓެކްސްޗުއަލް އަންޑަސްޓޭންޑިން އިތުރަށް ހަރުދަނާކުރެވިފައިވެ އެވެ. އަދި އިމޭޖް ކޮލިޓީއާއި ޕްރޮމްޕްޓް އެޑްހިއަރެންސްވެސް ރަނގަޅުކުރެވިފައިވެ އެވެ.
ވިއޯ 3 އަށް ނޭޓިވް އޯޑިއޯ ޖެނެރޭޝަން ގާބިލިއްޔަތު އިތުރުކުރެވިފައިވެ އެވެ. މީގެ މާނައަކީ ޖެނެރޭޓްކުރެވޭ ވީޑިއޯތަކުގައި މިހާރު އެމްބިއެންޓް ސައުންޑް، ބެކްގްރައުންޑް މިއުޒިކް އަދި ޑައިލޮގްތައް ހިމެނޭނެކަމެވެ. މި މޮޑެލްތައް މިއަހަރުގެ ފަހުކޮޅު އާންމުކޮށް ލިބެން ހުންނާނެ އެވެ.
އެކުންފުނިން އައު އޭއައި-ޕަވާޑް ފިލްމްމޭކިން އެޕެއްވެސް ތައާރަފްކޮށްފައިވެ އެވެ. "ފްލޯ" ގެ ނަމުގައި ތައާރަފްކުރެވިފައިވާ މި އެޕް އިމާޖެން، ވިއޯ އަދި ޖެމިނައި ބޭނުންކޮށްގެން 8 ސިކުންތުގެ ވީޑިއޯ ކްލިޕްތައް ޖެނެރޭޓްކުރެ އެވެ. ގިނަ ކްލިޕްތައް އެއްކޮށްގެން ދިގު ސީންތައްވެސް ހެދިދާނެ އެވެ. މި އެޕްގައި ޓެކްސްޓް އަދި އިމޭޖް ޕްރޮމްޕްޓްތައް ބޭނުންކުރެވޭނެ އެވެ.
ޕޭޑް ސަބްސްކްރައިބަރުންނަށް މިހާރު ގޫގުލް ކްރޯމް ތެރެއިން ޖެމިނައި އޭއައި އެސިސްޓަންޓަށް އެކްސެސް ލިބިގެންދާނެ އެވެ. އައު ޖެމިނައި ބަޓަނެއް މެދުވެރިކޮށް ޔޫޒަރުންނަށް ވެބް ޕޭޖެއް ސަމަރައިޒްކުރުމަށް ނުވަތަ ކޮންޓެންޓާ ބެހޭގޮތުން ސުވާލުކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ. އަދި ޔޫޒާ ޕްރޮމްޕްޓްތަކަށް ބިނާކޮށް އޮޓޮމެޓިކުން ވެބްސައިޓްތައް ނެވިގޭޓްކުރުމުގެ ގާބިލިއްޔަތުވެސް ލިބިގެންދާނެ އެވެ. މި އޭއައި އެސިސްޓަންޓަށް އެއްފަހަރާ ގިނަ ޓެބްތަކުގައި މަސައްކަތްކުރުމުގެ ގާބިލިއްޔަތުވެސް ލިބިފައިވެ އެވެ.
ގޫގުލްއިން ޓެކްސްޓް ޕްރޮމްޕްޓްތަކާއި ޓެމްޕްލޭޓްތަކަށް ބިނާކޮށް އެޕް އިންޓަރފޭސްތައް ޖެނެރޭޓްކުރެވޭ އައު އޭއައި-ޕަވާޑް ޓޫލެއްވެސް ތަޢާރަފްކޮށްފައިވެ އެވެ. "ސްޓިޗް" ގެ ނަމުގައި ތަޢާރަފްކުރެވިފައިވާ މި އެޕްގައި ވަޔާފްރޭމްތައް، ރަފް ސްކެޗްތައް އަދި އެހެނިހެން ޔޫޒާ އިންޓަރފޭސް (UI) ޑިޒައިންތަކުގެ ސްކްރީންޝޮޓްތަކަށްވެސް ސަޕޯޓް ލިބެ އެވެ. މިހާރު މި ޓޫލް ގޫގުލް ލެބްސް މެދުވެރިކޮށް އެކްސްޕެރިމެންޓެއްގެ ގޮތުގައި ލިބެން ހުންނާނެ އެވެ.
ގޫގުލްއިން ގޫގުލް މީޓްއަށްވެސް އައު އޭއައި ފީޗަރއެއް އިތުރުކޮށްފައިވެ އެވެ. މި ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމްގައި މިހާރު ރިއަލް-ޓައިމް ސްޕީޗް ޓްރާންސްލޭޝަން ސަޕޯޓްކުރެވި، އެކި މާދަރީ ބަސްތައް ބޭނުންކުރާ ވާހަކަދައްކާ ފަރާތްތަކަށް ކުޑަ ލެގްއަކާއެކު ވާހަކަދެއްކުމަށް އެހީތެރިވެދޭނެ އެވެ. މިހާރު މި ފީޗައިން އިނގިރޭސި އަދި ސްޕެނިޝް ބަސް ތަރުޖަމާކުރެވޭނެ އެވެ. މިހާރު މި ފީޗާ ޕޭޑް ސަބްސްކްރައިބަރުންނަށް ބީޓާ ވަރޝަންގެ ގޮތުގައި ލިބެން ހުންނާނެ އެވެ.
ފަހުގެ އިޢުލާނެއްގެ ގޮތުން، ގޫގުލްއިން ޖެމިނައި ފީޗާތަކަށް "ގޫގުލް އޭއައި" އަދި "ގޫގުލް އޭއައި އަލްޓްރާ" ޕްލޭންތައް ތަޢާރަފްކޮށްފައިވެއެވެ. ގޫގުލް އޭއައި ޕްލޭން "ގޫގުލް ވަން އޭއައި ޕްރީމިއަމް" ޕްލޭންގެ ބަދަލުގައި ތަޢާރަފްކުރެވިފައިވާއިރު، މި ޕްލޭން މަހަކު 19.99 ޑޮލަރަށް ލިބެން ހުންނާނެއެވެ. ގޫގުލް އޭއައި އަލްޓްރާ ޕްލޭން މަހަކު 249.99 ޑޮލަރަަށް ލިބެން ހުންނާނެއެވެ. ގޫގުލް އޭއައި އަލްޓްރާ ޕްލޭންގައި ހުރިހާ އައު ފީޗާތަކެއް އެންމެ ފުރަތަމަ ލިބި، މަތީ ރޭޓް ލިމިޓްތަކާއެކު 30TB ކްލައުޑް ސްޓޯރޭޖް ލިބިގެންދާނެ އެވެ.
ގޫގުލް I/O 2025 ކޮންފަރެންސްގައި ހާމަކުރެވުނު އައު ޓެކްނޮލޮޖީތަކަށް ބަލާއިރު، އެކުންފުނިން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީފައިވާކަން ފާހަގަކުރެވެ އެވެ. ޖެމިނައި 2.5 ސީރީޒްގެ އަޕްގްރޭޑްތަކުން ފެށިގެން، ގޫގުލް ބީމް، އެންޑްރޮއިޑް XR، އިމާޖެން 4 އަދި ވިއޯ 3 ފަދަ އީޖާދުތަކާ ހަމައަށް، ގޫގުލްއިން ދައްކާލާފައިވަނީ އިންސާނީ ދިރިއުޅުމާއި ޓެކްނޮލޮޖީ އިތުރަށް ގުޅުވައިދިނުމުގެ ވިޝަން އެވެ.
މި އައު ޓެކްނޮލޮޖީތަކުގެ ސަބަބުން ޑިޖިޓަލް ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭއިރު، ޚާއްޞަކޮށް އޭއައި ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރަށް ފުޅާވެ، އާންމު ބޭނުންކުރުންތަކަށް ފަސޭހައިން ލިބެން ހުންނާނެކަން ކަށަވަރެވެ. ގޫގުލްގެ މި އިޢުލާންތަކަކީ ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއަށް އޮތް އަހަރުތަކުގައި ފެންނާނެ ކުރިއެރުންތަކުގެ ކުޑަ ތަޞައްވުރެއް ކަމުގައި ބެލެވެ އެވެ.
ގޫގުލްއިން އަލަށް ތައާރަފްކުރީ ކޮންއެއްޗެއް؟ ގޫގުލްއިން އަލަށް ތައާރަފްކުރީ ކޮންއެއްޗެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ