ގަތަރުން ހަދިޔާ ކުރި މަތިންދާބޯޓު އެމެރިކާއިން ބަލައިގެންފި

ގަތަރުން އެމެރިކާއަށް ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމި ބޮއިން 747 މަރުކާގެ މަތިންދާބޯޓު ބަލައިގަނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއާފޯސް ވަންގެ ގޮތުގައި ބޭނުންފުޅު ކުރެއްވުމަށް އަވަހަށް އަޕްގްރޭޑް ކުރުމަށް އެއާފޯސްގައި އެދިފައިވާ ކަމަށް އެމެރިކާގެ ޕެންޓަގަން އިން އިއްޔެ ބުނެފި އެވެ.
ޕެންޓަގަން އިން ބުނި ގޮތުގައި، ޓްރަމްޕްގެ ރަސްމީ މަތިންދާބޯޓެއްގެ ގޮތުގައި ބޭނުންކުރެއްވުމަށް ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތު ވަނީ އެ ޖެޓް ބަލައިގެންފަ އެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވީ ޑިފެންސް ޑިޕާޓްމަންޓުން އެ ބޯޓުގެ ސަލާމަތީ ކަންކަން ހުރި ގޮތް ބަލައި އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ބޯޓުގެ ފަންކްޝަނަލް މިޝަންގެ ޝަރުތުތަކަށް ރިއާޔަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަނާއި ނާޖާއިޒު ނުފޫޒު ފޯރުވުން ހުއްޓުވުމަށް ބޭރުގެ ސަރުކާރުތަކުންދޭ ހަދިޔާތަކާ ގުޅޭ ގާނޫނުތައް ހުރި މިންވަރާ މެދު ގާނޫނީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ޑިމޮކްރެޓުން ވެސް ވަނީ އެ ބޯޓު ބަލައިގަތުން ހުއްޓުވަން މަސައްކަތްކޮށްފަ އެވެ.
"މިއަދަކީ ތާރީހުގައި ވެސް އަނދިރި ދުވަހެއް. އެމެރިކާގެ ތާރީހުގައި ވެސް ބޭރުގެ ސަރުކާރަކުންދޭ އެންމެ ބޮޑު ރިޝްވަތު މިއަދު އެމެރިކާގެ ރައީސް ރަސްމީކޮށް ގަބޫލުކުރައްވައިފި،" ސެނެޓްގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމާ ވިދާޅުވި އެވެ.
"މި އާދަޔާ ހިލާފު ހަޑިމުޑުދާރު އަމަލަކީ ރައީސަށް ޖަވާބުދާރީނުވެ ސަލާމަތްވެވޭނެ ކަމެއް ނޫން."
ގަތަރުން ވަނީ މަތިންދާބޯޓުގެ އެއްބަސްވުމާ މެދު ހުރި ކަންބޮޑުވުންތައް ދޮގުކޮށްފަ އެވެ. އެ ކަންބޮޑުވުންތައް ދިފާއު ކުރައްވައި ޓްރަމްޕް ވިދާޅުވީ 747-8ގެ މަތިންދާބޯޓު ބަލައިނުގަތުމަކީ މޮޔަކަމެއް ކަމަށެވެ.
އެ ވަރުގެ އާ ޖެޓެެއްގެ އަގަކީ 400 މިލިއަން ޑޮލަރު ކަމަށް ވިއަސް، އޭގެ ބޭނުންކޮށްފައިވާ ޖެޓެއްގެ އަގު އޭގެ ހަތަރުބައި ކުޅަ އެއްބައި ވަރު ވެދާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ.
އެ ބޯޓަކީ 13 އަހަރުވެފައިވާ ބޯޓެކެވެ. އެތެރެ ވަނީ ވަރަށް ލަގުޒަރީ ފެންވަރަކަށް ހަދައިފަ އެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ބޭނުންކުރެއްވުމަށް އެ މަތިންދާބޯޓަށް ސަލާމަތީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ދައްކާ ވާހަކަތައް ޖާސޫސުން އަޑުއެހިޔަ ނުދިނުމަށް ވަރުގަދަ މުއާސަލާތީ ނިޒާމެއް ގާއިމު ކުރުމާއި ދުޝްމަނުންގެ މިސައިލުތަކުން ރައްކާތެރިވެވޭނެ ފަދަ ނިޒާމުތައް ގާއިމު ކުރަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
އެ މަތިންދާބޯޓަށް ފައިޓާ ޖެޓްތަކުން ސަލާމަތްވުމަށް ބޭނުންވާނެ ކަމަށާއި އަގުބޮޑު ސެކިއުރިޓީ ސިސްޓަމުތައް ގާއިމު ކުރެވެންދެކަށް އެމެރިކާ ތެރޭގައި އެކަނި އޮޕަރޭޓް ކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ޑިމޮކްރެޓިކް ސެނެޓަރުން ކަމަށްވާ މާޒީ ހިރޯނޯ އާއި ޓެމީ ޑަކްވޯތު އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ މަތިންދާބޯޓު އުފެއްދި އިރު ނެތް ކަންކަން ރަނގަޅު ކުރުމަށް 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި ސަލާމަތީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ