ތަހުގީގަށް އެއްބާރުލުން ނުދޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނަގަން މަސައްކަތް ކުރަނީ ތަހުގީގަށް އެއްބާރުލުން ނުދޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނަގަން މަސައްކަތް ކުރަނީ

އޭޕްރީލް 18، ގައި މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި އޭނާގެ ބަޔާން ތަހުގީގުގެ ބޭނުމަށް އާއިލާގެ ފަރާތުން އެއްބާރުލުން ނުދޭތީ އޭނާގެ ބަޔާން މެލޭޝިއާ ފުލުހުން މެދުވެރިކޮށް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޔުމްނުއާ ސުވާލު ކުރުމުގެ އިންތިޒާމު، އާއިލާގެ އެއްބާރުލުން ލިބުމާ އެކު ހަމަޖެއްސުމަށް ތައްޔާރުވެފައި ތިބި ކަމަށެވެ. އެގޮތުން، އޭނާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން އެ ގައުމުގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް އެ ބަޔާނުގައި ބުނެފައި އެވެ.
"އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަކުރަން. އަނިޔާ ލިބުނު އަންހެން މީހާގެ ސިއްހީ ހާލާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލު ކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވޭ،" ފުލުހުން ބުނެފައިވެ އެވެ.
މެލޭޝިއާ ފުލުހުންނާ ގުޅިގެން ބަޔާން ނެގުމަށް މަސައްކަތް ކުރަމުން ދަނީ މިއަދާ ހަމައަށް ވެސް އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާތީ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އެޕްރީލް 26، ގަ އެވެ.
ކަރާއި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ރިކަވާ ވަމުން އަންނަ ޔުމްނު، 21، ހޭ އަރައިގެން، އޭޕްރީލް 18، ވަނަ ދުވަހު ހިނގި ހާދިސާގެ ބައެއް ވާހަކަތަކެއް އާއިލާއަށް ކިޔައިދިނެވެ. ރާއްޖޭގެ ބައެއް ޓީވީ ޗެނަލްތަކުން ދެއްކި އެ އިންޓަވިއުގައި ޔުމްނުގެ ފަރާތުން ވާހަކަ ދެއްކީ އޭނާގެ ދައްތަ އެވެ.
ލައިވް ބްރޯޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޔުމްނުގެ ދައްތަ ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވެއްޓުނު ވަގުތު، އެ މައްސަލައިގައި މިވަގުތު ހަމައެކަނި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދުގެ އިތުރުން ތިން މީހަކު ހުރި ކަމަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުންޏެވެ.
ނަމަވެސް، ފުލުހުންނަށް މިކަމުގެ ބަޔާން ދީފައި ނުވާކަން މިއަދު ނެރުނު ބަޔާނުން އެނގެ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، 21، ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާ ބަންދު ކުރަން ދަށު ކޯޓުން ނެރުނު އަމުރު އިސްތިއުފާނު ކުރުމުން މިއަދަށް އޮތީ ހައި ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ