އައިޕީއެލް: ދިއްލީ ބަލިކޮށް މުމްބާއި ޕްލޭއޮފްގެ ފަހު ޖާގަ ހޯދައިފި އައިޕީއެލް: ދިއްލީ ބަލިކޮށް މުމްބާއި ޕްލޭއޮފްގެ ފަހު ޖާގަ ހޯދައިފި

މުމްބައި، އިންޑިއާ (މެއި 22) - ދިއްލީ ކެޕިޓަލްސްގެ މައްޗަށް 59 ލަނޑުން މެޗު ކާމިޔާބުކޮށް، މަޝްހޫރު ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޕްލޭއޮފްގެ ފަހު ޖާގަ، މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހާސިލްކުރި، މުމްބާއި އިންޑިއަންސް އިން ހޯދައިފި އެވެ.
ރޭގެ މެޗާ ހަމައަށް، އައިޕީއެލްގެ މި ސީޒަނުގެ ގަދަ ހަތަރެއް ކަށަވަރުކޮށް ޕްލޭއޮފް ޖާގައެއް ގުޖުރާތު ޓައިޓަންސް، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަދި ޕަންޖާބް ކިންގްސް އިން ވަނީ ހޯދައިފަ އެވެ. ފަހު ޖާގަ އަށް ވާދަކުރި، ދިއްލީ އާއި މުމްބައި އެވެ. މުމްބައި އިން ވަނީ ރޭގެ މޮޅާ އެކު، ޕްލޭއޮފަށް ދަތުރުކޮށްފަ އެވެ.
މުމްބައިގެ މަޝްހޫރު ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ދިއްލީ އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ. މުމްބައި އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވިއިރު، 180 ލަނޑު ހެދި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، ނުބައިނުވެ، 43 ބޯޅައިން 73 ލަނޑު ހެދި، ސޫރްޔަކުމާރު ޔާދަވް އެވެ.
މި އިނިންސްގައި ދިއްލީގެ މުކޭޝް ކުމާރު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ދިއްލީ 18.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 121 ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 35 ބޯޅައިން 39 ލަނޑު ހެދި ސަމީރު ރިޒްވީ އެވެ. މި އިނިންގްސްގައި، މުމްބައިގެ މިޗެލް ސަންޓްނާ އާއި ޖަސްޕްރީތު ބުމްރާ، ކޮންމެ ކުޅުންތެރިއަކު، ތިން ވިކެޓް ނެގި އެެވެ.
ޕްލޭއޮފް ފުރަތަމަ މެޗު ކޮލިފަޔާގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށްދާއިރު، ބަލިވާ ޓީމެއް ކުޅެން ޖެހޭނީ ކޮލިފަޔާ ދޭއްގަ އެވެ. ކޮލިފަޔާ ދޭއްގައި ފައިނަލެއްގެ ޖާަގަ އަކަށް ބައްދަލުކުރާނީ ކޮލިފަޔާ އެކަކުން ބަލިވި ޓީމާއި އެލިމިނޭޓާ އިން މޮޅުވި ޓީމަކާ އެވެ. ޕްލޭއޮފްގެ އެލިމިނޭޓާގައި ކުޅޭނީ ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ އެވެ.
މީގެ ކުރިން، އައިޕީއެލްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެކަމަކު، ޝެޑިއުލަށް އައި ބަދަލާ އެކު، އައިޕީއެލްގެ ފައިނަލް މެޗު މިހާރު ތާވަލުކޮށްފައިވަނީ، އަންނަ މަހުގެ ތިން ވަނަ ދުވަހަށެވެ.
އިންޑިއާ އާއި ޕާކިސްތާންގެ ދެމެދު ހިނގި ހަމަލާތަކަށް އައިޕީއެލް މެދުކަނޑާލުމަށް ފަހު، އަލުން ފެށީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. މެދުކެނޑުމަށް ފަހު، އަލުން ފެށިއިރު، ބާކީ އޮތް މެޗުތައް ކުރިއަށްދަނީ، ހަ ސަރަހައްދެެއްގަ އެެވެ. އެއީ، ބެންގަލޫރު، ޖައިޕޫރު، ދިއްލީ، ލަކްނައު، އަހުމަަދުއާބާދު އަދި މުމްބާއި ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ