އަމިއްލަ ވިޔަފާރިތަކުން ނަޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް، އައިޖީއެމްއެޗުން އައިނު ވިޔަފާރިއަށް
އައިނު ވިއްކުމުގައި އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ޓަކައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)އިން އައިނު ވިއްކުމުގެ ވިޔަފާރި ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި، ބުރާސްފަތި ދުވަހުގެ ރޭ ރައީސް ވަނީ މާދަމާއިން ފެށިގެން، އައިނު ހައްދަން އާސަންދައިން ދޭ ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިއަދު ދެއްކި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އައިނަށް އާސަންދައިން ދޫކުރާ މިންވަރު ބޮޑު ކުރުމުގެ އިތުރުން، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު އެގޮތަށް ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިފައިވާތީ، އެކަމާ ގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށް ފަހުގައި ކަމަށެވެ. "މީގެ [އާސަންދަ އިތުރުކުރުމުން] އެޑްވާންޓޭޖް ނެގުމުގެ ފުރުސަތެއް ނުދޭނަން އެއްވެސް ސެކްޓާއަކަށެއް. 1،000އިން 2،000އަށް ހެދީމައި ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތު އެބަލިބޭ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް،" އެ މަނިކުފާނު ވިދާޅުވިއެވެ. "ދެން ޕްރައިވެޓް ސެކްޓާގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ނުރުހުނަސް އަޅުގަނޑުމެންނަށް މައްސަލައެއް ނެތް." ރައީސް ވިދާޅުވީ އެ މަނިކުފާނަށް ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ ފިލުވާލުން ކަމަށާއި އެ މަނިކުފާނަށް މުހިންމީ ރައްޔިތުންގެ ސިއްހަތު ކަމަށެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނަށް އެންމެ މުހިންމު އެއް ސިޔާސަތަކީ ސިއްހީ ދާއިރާ ތަރައްގީކުރުން ކަމަށާއި، އެ ދާއިރާ ރަނގަޅު ކުރުމަކީ ހުރިހާ ކަމަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. "އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ އިންސާނީ ވަސީލަތް އިތުރުކުރުމުގެ ގޮތުން ވިޔަސް، އުމްރާނީ ވަސީލަތް އިތުރު ކުރުމުގެ ގޮތުން ވިޔަސް، އަދި އެހެން ކަހަލަ އިކުއިޕްމެންޓްސް މެޝިނަރީ މިހެން ގޮސް، ކޮންސިއުމެބުލްސް ހުުރިހާ އެއްޗެއް ރަނގަޅު ކުރުން ކަމުގައި ވިޔަސް ޖުމްލަ ވަށައިޖެހޭ ގޮތެއްގައި ސިއްހީ ދާއިރާ ވަރުގަދަ ކުރަން،" ރައީސް ވިދާޅުވިއެވެ. ސަރުކާރުން މިހާރު ވެސް 400 މިލިއަން ރުފިޔާއަށްވުރެ އަގުހުރި ސިއްހީ ދާއިރާގެ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ، ޚިދުމަތް ހޯދަން، ބޮޑު ތަކުލީފެއް އުފުލާފައި، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ދާދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ. ނަންބަރު އައިނު ހައްދަން ޖެހޭ މީހުންނަށް އާސައިންދައިން މިހާރު ލިބެނީ 1،000 ރުފިޔާ ކަމަށްވާއިރު، އެ އަަދަދު ކެނޑުމުން ވެސް، އައިނު ހައްދަން ބޮޑު ޚަރަދެއް ކުރަން ޖެހޭކަމީ ގިނަ ބަޔެއްގެ ޝަކުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ