ރަޝިއާ، އީރާނުގައި އިތުރު ނިއުކްލިޔާ ރިއެކްޓަރެއް ބިނާކޮށްދެނީ

މޮސްކޯ (25 ފެބްރުއަރީ 2025) : އީރާނުގައި އިތުރު ނިއުކްލިޔާ ރިއެކްޓަރެއް ބިނާކުރުމުގެ މަޝްވަރާތައް އެގައުމާއެކު ކުރަމުން ގެންދާކަން ރަޝިއާ ހާމަކޮށްފިއެވެ. ރަޝިއާގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާ "ރޮސް އެޓޮމް" ގެ ވެރިޔާ އެލެކްސީ ލިޚަޗޯވް ވިދާޅުވިގޮތުގައި އީރާންވަނީ އަށްހާސް ނުވަތަ ދިހަހާސް މެގަވޯޓުގެ އިލިކްޓްރިކް ކަރަންޓް އުފައްދާ ފެންވަރުގެ ނިއުކްލިޔާ އިތުރު ރިއެކްޓަރެއް އެ ގައުމުގައި ބިނާކޮށްދިނުމަށް އެދިފައެވެ. މިއާއެކު މި މަޝްރޫއު ތަންފީޒުކުރުމާ ބެހޭގޮތުން ދެ ގައުމުގެ ކަމާބެހޭ ފަންނީ އޮފިޝަލުން ގެންދަވަނީ ފަންނީ މަޝްވަރާ ކުރައްވަމުންނެވެ. އީރާނުގައި އެކި ބޭނުންތަކަށް ޚާއްސަ ނިއުކްލިޔާ އެތަށް މަރުކަޒުތަކެއް ވެއެވެ. ނަމަވެސް އިލެކްޓްރިކް ކަރަންޓް އުފެއްދުމަށް ޓަކައި އެ ގައުމުން ބިނާކޮށްފައިވާ ކަމަށްވަނީ ހަތަރު ނިއުކްލިޔާ ރިއެކްޓަރެވެ. މީގެތެރޭގައި ރަޝިއާއިން ބިނާކޮށްދީފައިވާ ދެ ރިއެކްޓަރު ހިމެނެއެވެ. އީރާނުން އެ ގައުމުގެ އަމިއްލަ ޓެކްނޮލޮޖީގައި ވެސް ނިއުކްލިޔާ ރިއެކްޓަރެއް ބިނާކުރަމުން ގެންދެއެވެ. "ރޮސް އެޓޮމް" ގެ ވެރިޔާ އެލެކްސީ ލިޚަޗޯވް ވިދާޅުވިގޮތުގައި އީރާނުގައި އަލަށް ބިނާކުރާ ނިއުކްލިޔާ ރިއެކްޓަރު ބިނާކުރާ ތަން ކަނޑައަޅައި އެ ތަންވަނީ ބަލައި ޗެކްކުރެވިފައެވެ. އަދި މިއަހަރު ތެރޭގައި ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްވަނީ ރާވާފައެވެ. އީރާނުގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާގެ ވެރިޔާ މުހައްމަދު އިސްލާމީ ވިދާޅުވި ގޮތުގައި އީރާނުގެ ދިގުމުއްދަތުގެ ޕްލޭނަކީ އެ ގައުމަށް ބޭނުންވާ އިލެކްޓްރިކް ކަރަންޓްގެ ދެބައިކުޅަ އެއްބައި ނިއުކްލިޔާ ހަކަތައިން އުފެއްދުމެވެ. މިހާރު ނިއުކްލިޔާ ހަކަތައިން އީރާނަށް އުފެއްދެނީ އެ ގައުމަށް ބޭނުންވާ އިލެކްޓްރިކް ކަރަންޓްގެ ގާތްގަނޑަކަށް 10 އިންސައްތަ އަށްވުރެ ވެސް މަދު މިންވަރެކެވެ. ނަމަވެސް ބަލިތަކަށް ފަރުވާކުރުން ފަދަ ޑޮކްޓަރީ ބޭނުންތަކުގައާއި ދަނޑުވެރިކަމުގެ ދާއިރާފަދަ މަދަނީ ދާއިރާތަކުގައި ނިއުކްލިޔާ ޓެކްނޮލޮޖީގެ ބޭނުން އީރާން ވަރަށް ބޮޑަށް ހިފައެވެ. ނިއުކްލިޔާ މައްސަލާގައި އެމެރިކާ އާއި ޔޫރަޕުން އީރާނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އަދި ވޭންދެނިވި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނިއުކްލިޔާ ޓެކްނޮލޮޖީގެ ދާއިރާ ފުޅާކުރުމަށް އީރާނަށްވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. މި ގޮންޖެހުންތަކުން އަރައި ގަތުމަށް ޓަކައި ރަޝިއާގެ ޓެކްނޮލޮޖީއާއި ފަންނީ އެހީ އީރާނުން ހޯދި ނަމަވެސް އީރާންގެ އަމާޒަކީ ނިއުކްލިޔާ ޓެކްނޮލޮޖީގެ ދާއިރާގެ ރީސާޗްތައް އިތުރުކޮށް މި ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. ނިއުކްލިޔާ ޓެކްނޮލޮޖީއަށް ބޭނުންވާ ރިއެކްޓަރުތައް އަމިއްލައަށް ބިނާކޮށް ނިއުކްލިޔާ ކަމަށް ބޭނުންކުރާ މެޝިނަރީތައް އަމިއްލައަށް އުފެއްދުމެވެ. މިހާރު ވެސް ނިއުކްލިޔާ ޓެކްނޮލޮޖީ އާ ބެހޭ ގިނަ އަދަދެއްގެ ތަކެއްޗާއި މެޝިނަރީ އަދި އެ ކަމާބެހޭ ލެބޯޓްރީތައް އީރާން އަމިއްލައަށް އުފައްދައެވެ. ރަޝިއާގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާ "ރޮސް އެޓޮމް"ގެ ވެރިޔާ ވިދާޅުވި ގޮތުގައި މީގެކުރިން ރަޝިއާގެ ކުންފުނިތަކުން އީރާނުގައި ބިނާކޮށްދިން ނިއުކްލިޔާ ރިއެކްޓަރުތަކާއި ނިއުކްލިޔާ މަރުކަޒުތަކަށް ދައްކަން ޖެހޭ ފައިސާގެ ބޮޑުބައެއް އީރާން މިހާރުވަނީ ދައްކާފައެވެ. އެހެންކަމުން އައު ރިއެކްޓަރުތައް އީރާނުގައި ބިނާކޮށްދިނުމަށް ރަޝިއާއަށް ހުރަހެއް އަދި ދަތިކަމެއް ނެތެވެ. ރަޝިއާ އާއި އީރާންވަނީ އަަސްކަރީ އަދި މަދަނީ ދާއިރާތައް ހިމެނޭގޮތަށް ދިގު މުއްދަތުގެ ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ދާދިފަހުން ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ