އޮމަދޫ ސްކޫލް ތަރައްގީކުރުމަށް ޖަޕާނުން 1.2 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް

އދ. އޮމަދޫ ސްކޫލް ތަރައްގީ ކުރުމަށް ޖަޕާން ސަރުކާރުން 1.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދީފިއެވެ.
ޖަޕާނުން މި ހިލޭ އެހީ ފޯރުކޮށްދީފައިވަނީ އެ ޤައުމުން ކުރިއަށްގެންދާ "ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް"(ޖީޖީޕީ) ސްކީމުގެ ދަށުންނެވެ.
މި އެހީ އޮމަދޫ ސްކޫލާއި ޙަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި އެހީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ. އޮމަދޫ ސްކޫލުގެ ފަރާތުން އެހީއާއި ޙަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ސްކޫލުގެ ޕްރިންސިޕަލް ޙަސަން އާމިރެވެ.
ޖީޖީޕީ ސްކީމުގެ ދަށުން ޖަޕާނުން ވަނީ އޮމަދޫ ސްކޫލް ތަރައްގީކުރުމުގެ މަސައްކަތަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ހިލޭ އެހީގެގޮތުގައި ފޯރުކޮށްދީފައެވެ.
ރާއްޖޭގައި ހުންނަ ޖަޕާން އެންބަސީން ބުނީ، މި އެހީގެ ދަށުން އޮމަދޫ ސްކޫލުގައި ކްލާސްރޫމަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ފާޚާނާއެއް އިމާރާތްކުރެވިގެންދާނެ ކަމަށެވެ. އަދި އޮމަދޫ ސްކޫލުގެ ކްލާސްރޫމްތަކަކީ ދަރިވަރުންނަށް ރައްކާތެރި، ކިޔެވުމަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކާ ގެންނަންޖެހޭ ބަދަލުތައް ގެނެވިގެންދާނެ ކަމަށްވެސް އެންބަސީން ބުނެއެވެ.
މީގެއިތުރުން، ގުދުރަތީ ކާރިސާއެއްގެ ވަގުތުގައި، އިމަރޖެންސީ އިވެކުއޭޝަން ޝެލްޓާ ނުވަތަ ވަގުތީ ބޯހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައިވެސް ސްކޫލް އިމާރާތް ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެމްބަސީން ބުނެއެވެ.
ޖަޕާނުގެ ޖީޖީޕީ ސްކީމުގެ ދަށުން 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަޢުލީމީ، ތިމާވެށި، ޞިއްޙީ، ދަތުރުފަތުރު އަދި ހަކަތައިގެ ދާއިރާއަށް އެކި ގޮތްގޮތުން ޖަޕާނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ