އެއްބަސްވެ ދެބަސްވަމާ: މި ރައްޔިތުންގެ މޮޅެއް، އެމްޑީޕީ ވެސް 'ހަށިފުއްޕަންވީ' ވަގުތެއް ނޫން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން ވޯޓުގައި ވެސް މިހާރުގެ ސަރުކާރު ވަނީ ބޮޑުތަނުން ނާކާމިޔާބުވެފަ އެވެ. ރާއްޖޭގެ އާބާދީ ބޮޑު ގިނަ ސިޓީތަކާއި ރަށްރަށުން އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު ކާމިޔާބުކުރީ %60އަށްވުރެ މަތިން ވޯޓު ލިބިގެނެވެ. ހުރިހާ ސިޓީއެއްގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. އިންތިހާބުން ގިނަ ގޮނޑިތައް ހޯދީ ވެސް އެ ޕާޓީންނެވެ. ފެންނަ ނުފެންނަ ވޯޓުގައި ވެސް ސަރުކާރުން ހުށަހެޅި ގޮތާ ދެކޮޅަށް %69 މީހުން ވޯޓު ދިނެވެ.
ސަރުކާރަށް މިހާ ބޮޑު ނާކާމިޔާބީއެއް ލިބޭނެކަން އެއީ އިދިކޮޅު އެމްޑީޕީން ވެސް ގަބޫލުކުރަން ދަތި ކަމަކަށް ވާނެ އެވެ. އެމްޑީޕީގެ ލީޑަރުން ވެސް ވިދާޅުވަމުން އައި ވާހަކައަކީ ރައީސް މުހައްމަދު މުއިއްޒަށް ރާއްޖޭގައި ތާއީދު ނެތް ކަމެވެ. އެކަމަކު ވޯޓަށް ބަދަލުކުރަން އެ ޕާޓީން މަސައްކަތްކުރަން ޖެހޭނެ ކަމެވެ. އެއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް ބޮޑުވީމަ އެވެ.
މިކަން މައި ދެ ޕާޓީގެ ލީޑަރުންނަށް އަދި ސަޕޯޓަރުންނަށް ވެސް ރަނގަޅަށް އެނގެ އެވެ. އިންތިހާބުތަކުގައި ސަރުކާރުގެ ނުފޫޒު ބޮޑެވެ. އިންތިހާއަށް ވަޒީފާ ބަހާނެ އެވެ. ފައިސާ ވެސް ބަހާނެ އެވެ. ފޮތިފޮތިކޮށްފައި ބިން ވެސް ބަހަ އެވެ. ޕްރޮޖެކްޓްތައް ގާތް މީހުންނަށް ދީގެން ދައުލަތުގެ ފައިސާއިން 'ކަޓު' ނަގާނެ އެވެ. ރައްޔިތުންގެ ލާބައަށް ކަންކަން ކުރެވޭނެ ބިންތައް ހުހަށް ބާއްވާފައި، އިތުރު ބިން ހިއްކުމުގެ ސަގާފަތުގެ ފަހަތުގައި ވެސް ވަނީ މި ކަމެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ސަރުކާރު ހިންގާ ޕާޓީއަށް ބޭނުންކުރުމެވެ.
އެ ހާލަތުގައި ވެސް ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސް އެރުމުން ބަސް ބުނީ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މިއީ މި ސަރުކާރު، ކުރީގެ ސަރުކާރުތަކަށްވުރެ ގޯސްވުމުން ރައްޔިތުން ދިން ވޯޓެކެވެ. އަނެއް ބަޔެއްގެ ނަޒަރުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީއެކެވެ. އެމްޑީޕީގެ ވަކި ލީޑަރުންތަކަކަށް ކްރެޑިޓް ދޭ ތަން ވެސް އެބަ ފެނެ އެވެ.
ނިމުނު އިންތިހާބުގައި ރައްޔިތުން ވޯޓުލުމުގެ ފަހަތުގައިވާ ސަބަބުތަކާއި ރައްޔިތުންގެ ވިސްނުން ބައްޓަންކުރި ގޮތަކީ މި ހުކުރު ދުވަހު 'ދައުރު'ން ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ މައުލޫ އެވެ. މި މައުލޫގައި ވާހަކަ ދައްކަވަން މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އިންތިހާބުގެ ހިސާބުކިތާބުތައް އެމްޑީޕީގައި ބެލެހެއްޓެވި މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހީމަކީ މިދިޔަ ކައުންސިލް އިންތިހާބަށް އެމްޑީޕީން ހަމަޖެއްސި ކެމްޕޭން މެނޭޖަރެވެ.
މި ވޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން މުހައްމަދު ވެސް ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ މިހާރު އޮތް ސަރުކާރުގެ ހުދުމުހުތާރުކަމާ މެދު ހިތްހަމަނުޖެހިފަ އެވެ. ރައްޔިތުން، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި ރައްޔިތުންގެ މަންދޫބުންގެ ވެސް ބޮޑާކަމާ މެދު ނުރުހިފަ އެވެ. މަޖިލިސް ތަޅުމުގައި މެންބަރުން ދައްކަވަމުން ގެންދެވި ވާހަކަތައް ރައްޔިތުން ތިބީ ބަލާށެވެ.
މެންބަރު މުހައްމަދު ސިފަކުރެއްވީ ތަފާތު ހިޔާލުތަކުގެ މީހުންނާއި ވާދަވެރިންގެ 'އަތްއަނބުރަން' ސަރުކާރުން ކުރި ކަމެއް ގޮތަށެވެ. އޭނާ އިޝާރާތް އެ ކުރައްވަނީ ސަރުކާރުން ބޭނުން ގޮތަކަށް ކަންކުރަމުންދާ ދިއުމާއި އެކަމާ ދެކޮޅަށް ދެކެވޭ ވާހަކަތައް ގަދަބާރުން ހުއްޓުވަން އުޅުނު އުޅުމެވެ. ހިޔާލުތަކުގައި 'މަތިއަޅުވަން' ތެޅިގަނެގެން ކުރިހާ ވެސް ކަމެކެވެ.
"އެ ބޭފުޅުން އަޅުގަނޑުމެންނާ ދިމާއަށް ވެސް ގޮވަމުން ދިޔައީ. 12 މެންބަރުންނޭ ރައްޔިތުން ދިނީ. މަޑުން ތިބޭށޭ. ސައިޒުވާށޭ. އެކަމަކު އެމްޑީޕީގެ އެންމެ މެންބަރެއް އިނަސް އޮޕޮޒިޝަން ޕާޓީގެ ދައުރު އޮވެއޭ މަޖިލީހުގެ މަސައްކަތްތަކުގައި ވެސް ބުނެދެވިފައި. މި ހުރިހާ ކަމެއް ރައްޔިތުން ދިޔައީ ބަލަމުން،" މުހައްމަދު ވިދާޅުވި އެވެ.
20ވަނަ ރައްޔިތުންގެ މަޖިލީހުން މިހެން އަވަސްއަރުވާލައިގެން ވަރަށް ގިނަ ކަންކަން ކުރި އެވެ. ސަރުކާރުން ވެސް ގިނަ ކަންކަން ކުރަމުން ދިޔައީ ގޮތް ދެއްކުމުގެ ނިޔަތުގަ އެވެ. ދަޅަ ދެއްކުމުގެ ބޭނުމުގަ އެވެ. ރަށްރަށުގައި ތިބި މީހުން މި ވަރަކުން ހެއްދޭނެ ކަމަށް، އިތުރަށް އަޅައެއް ނުލާނޭ، މި ކަހަލަ ވިސްނުންތަކެއްގަ އެވެ.
"ނުކުރެވޭނެ ކަންތައް މާ ގިނައިން ކިޔަނީ. ރަށަކަށް ގޮސް 12 ބިންގާ އަޅާފައި އަންނަނީ. ރަށްރަށަށް ދިޔައިމަ ދޮށީ މީހުން ވެސް، ޒުވާނުން ވެސް ބުނޭ. ކިހިނެއް ހެއްޔެވެ މި ހުރިހާ ކަމެއް ކުރާނީ؟ ނުކުރެވޭނެއޭ ތި ހުރިހާ ކަމެއް. އެއިން ބައެއް ކަންކަން ކުރަނީ ވެސް ކީއްކުރަން ހެއްޔެވެ؟ ރައްޔިތުން ދިޔައީ ވަރަށް ކައިރިން ބަލަމުން،" އޭނާ ވިދާޅުވި އެވެ.
ހުރިހާ ކަމެއް ކުރަމުން ދިޔައީ ދެން އެހެން މީހުން މި ކަމަށް ފާޑުކިޔަސް ރައްޔިތުން ކައިރީގައި ތިބީ ކަމަށް ހިތަ އެވެ. ރައްޔިތުން ބާރެއް ދެނީ އެ ބަޔަކު ބޭނުންހާ ގޮތަކަށް ކަންކުރާކަށް ނޫނެވެ. ރައްޔިތުންގެ ހިޔާލު ފުޅާ ދާއިރާއެއްގައި ހޯދައިގެން، ކަންކަން ރަނގަޅުކުރުމަށެވެ. އެކަމަކު ސަރުކާރުން ކަންކަން ކުރަމުން ދިޔައީ ޒިންމާދާރުކަން ކުޑަ ގޮތަކަށެވެ.
"އެންމެ ބޮޑު މައްސަލައަކީ ހަމަ އަތް އެނބުރުވުން. އުހޫ، އަހަރުމެން މި ކަން ވެސް ކޮށްލާނަމޭ. އެ ކަން ވެސް ކޮށްލާނަމޭ. މިހެން ހުދުމުހުތާރުވާންވެގެން އުޅޭއިރު، އައިޖީއެމްއެޗްގެ ހާލަތު ފެނޭ. ބޭހެއް ގެނެވެނީއެއް ނޫން. ލޭ ހޯދޭނެ ގޮތެއް އޮތީއެއް ނޫން. ރައްޔިތުން އެހާ ނިކަމެތި،" މުހައްމަދު ވިދާޅުވި އެވެ.
"މި ރައްޔިތުން ހޯދި ކާމިޔާބީއެއް. މިއީ ރައްޔިތުން، ހުދުމުހުތާރު ވެރިކަމެއްގެ ކުރިމައްޗަށް ރައްޔިތުންގެ ބަސް ބުނެގެން ހޯދި ކާމިޔާބީއެއް. މިއީ ރައްޔިތުންގެ ކާމިޔާބީއެއް."
ސިޔާސީ އެނަލިސްޓުން ވެސް ދެކޭ ގޮތުގައި ރައްޔިތުން ކޮންމެ ފަހަރަކު ވެސް ވޯޓުން މި ދެނި މައި ދެ ޕާޓީއަށް ވެސް ފިލާވަޅެކެވެ. އެއީ ބުއްދިވެރިވެގެން ކުރާ ކަމެއްކަން ނުވަތަ މާޔޫސްކަމުގައި ތިބެގެން ނިންމާ ނިންމުމެކޭ ވެސް ބުނާކަށް ނެތީމެވެ. ނަމަވެސް މައި ދެ ޕާޓީއަށް ރައްޔިތުން ނުރުހޭ ކަންކަން ވޯޓުން އެ ދަނީ ކިޔައިދެމުންނެވެ.
ގައިމު ވެސް ކައުންސިލް އިންތިހާބު ކާމިޔާބުވި އެމްޑީޕީގެ ކެމްޕޭން މެނޭޖަރު މުހައްމަދު އިބްރާހީމަށް އެ މަންޒަރު އެބަ ފެނެ އެވެ. އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއްތޯ ސުވާލުކުރުން ފުރަތަމަ ވެސް ވިދާޅުވީ "ނޫން" ކަމަށެވެ. މިއީ އެމްޑީޕީ ވެސް ސައިޒުވެގެން ހުންނަން ޖެހޭ ވަގުތެކެވެ. ވިދާޅުވީ "އަޅުގަނޑުމެން ހަށިފުއްޕަންވީ ވަގުތު" ނޫން ކަމަށެވެ.
އެހެންޏާ، އާނއެކޭ ނުވަތަ ނޫނެކޭ އޮންނަ ގޮޅިއެއްގައި ފާހަގައެއް ލާން ފުރުސަތު ނުލިބުނަސް ކޮންމެ ފަހަރަކު ވެސް ރައްޔިތުން އޭރެއްގައި އޮންނަ ސަރުކާރަކަށް ބުނަނީ ނޫނެކެވެ.
އެހެން އެ ވަނީ އެއް ޒާތުގެ ގޯސްތަކެއް ކޮންމެ ސަރުކާރަކުން ވެސް ތަކުރާރުކުރާތީ އެވެ. އެކަމަށް، އެމްޑީޕީގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި މުހައްމަދު އިބްރާހީމް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުތަކަށް ހެދޭ ގޯހަކީ ކޮރަޕްޝަނާއި އިންސާފަށް ހުރަސްއެޅުމެވެ.
"ތަރައްގީގެ ޕްރޮޖެކްޓްތަކަކަށް ބަލާފައެއް ވެސް ނޫން ރައްޔިތުން ވޯޓު ދެނީއެއް. ރައްޔިތުން މި ބަލަނީ ދެ ކަމަކަށް. ސަރުކާރުން އެބަ އިންސާފަށް ހުރަސްއަޅައޭ. ޖުޑީޝަރީ މިނިވަނެއް ނޫނޭ. ދެން މި ކުރާ ކަމަކީ އިންތިހާއަށް ކޮރަޕްޝަން މި ހިންގަނީ. މި ދެ ކަމަށް ރައްޔިތުން ކޮންމެ ފަހަރަކު ގޮސް ނޫނެކޭ އެ ބުނަނީ،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިބްރާހީމް ވެސް ގަބޫލުކުރައްވާ ގޮތުގައި ކޮންމެ ފަހަރަކު ވެސް ބަސް ބުނަން ތިބި ބަޔަކީ ރައްޔިތުންނެވެ. ރައްޔިތުންނަށް މި ޑިމޮކްރެސީގައި ލިބިދޭ ބާރާ މެދު ހޭލުންތެރިކަން ވަރަށް ބޮޑެވެ. ޒުވާނުން އުމުރުގެ މީހުން ވެސް ކަންކަން ހިނގާ ގޮތާ މެދު ކަންބޮޑުވެ ފިކުރުކުރާކަން ކެމްޕޭންތަކުގައި މުހައްމަދު އިބްރާހީމަށް ވެސް ފެނިވަޑައިގަތެވެ.
އެއީ އަހަރުމެން މި ކިޔާ 'ހިމޭން އަގުލަބިއްޔަތު' ނުވަތަ ސައިލެންޓް މެޖޯރިޓީ އެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވެ، އޭރަކު ހުށަހަޅާ ސިޔާސަތުތަކަށް ބަލާފައި އަދި އޭރަކު އޮންނަ ސަރުކާރަކުން ވެރިކަން ހިންގާ ގޮތަށް ބަލާފައި ވޯޓުދޭ މީހުންނެވެ. އަދި ޕާޓީއެއްގައި ހުއްޓަސް، ސަރުކާރުގެ ވަޒީފާއެއްގައި ހުރެގެން ވެސް ރައްޔިތުން 'ނުގުޑާކަން' މި އޮތީ ފެންނާށެވެ.
ނިމިގެން ދިޔަ ކައުންސިލް އިންތިހާބަކީ އެމްޑީޕީން އެންމެ 'ހާލުގައި' ކެމްޕެއިން ކުރަން ޖެހުނު ފަހަރު ކަމަށް މުހައްމަދު ވިދާޅުވި އެވެ. އޭގެ ސަބަބަކީ ހަމަ ސަރުކާރުގެ ނުފޫޒުވެ. އަދި ކުރީ ފަހަރުތަކަށް ވުރެ ވެސް މި ސަރުކާރުން ނުފޫޒު ފޯރުވީ އިންތިހާއަށް ބޮޑުކޮށެވެ. އެކަމަކު ވެސް ރައްޔިތުން ގޮސް ސަރުކާރަށް ނޫނެކޭ ބުނުމުން އެ މެސެޖު އޭނާއަށް ވަރަށް ސާފުވި އެވެ.
"އަޅުގަނޑު ގުޅީމައި ކެންޑިޑޭޓުން އެބަހުރި ކަރުނަ އަޅާ ރޮއިފަ. ދެން މި ކަމެއް ނުވާނޭ. ކިހިނެއް ހެއްޔެވެ މި ކަން ކުރާނީ؟ އިއްޔެ ވެސް 30 ވަޒީފާ ދީފިއޭ. ތިމަންނައަށްވީ 10 ވޯޓު އެ ދިޔައީ ފެނަކައަށޭ. ތިމަންނަގެ ކެމްޕެއިން ބަލަހައްޓަން ހުރި މީހާ ވެސް ވަޒީފާއަކަށް އެ ގެންދިޔައީއޭ. އެ ވަރަށް ފައިސާ އެބަ ބަހައޭ،" އޭނާ ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް ސަރުކާރުން ކުރަމުން ދިއުމުން ވެސް ސަރުކާރު ބަލިވީ ކޮރަޕްޝަން ހިންގީމަ އެވެ. ޖުޑީޝަރީ އޮތް ގޮތް ވެސް ސާފެވެ. މިއިން ކިތަންމެ މައްސަލައެއް މުއައްސަސާތަކަށް ހުށަހެޅިއަސް ހިނގާނެ ކަމަކަށް ނުބެލެވެ އެވެ. އެއިން ތަނަކަށް ރައްޔިތުންގެ އިތުބާރެއް ނެތެވެ. ރައްޔިތުންގެ މާޔޫސްވުމާއި ނުރުހުން ވެސް ގުޅެނީ މި ކަމަށެވެ.
"އިންސާފަށް ހުރަސްއެޅުމާއި ކޮރަޕްޝަން. މި ދެ ކަމަށް ދެކޮޅު ހަދާނެ ސަރުކާރަކުން ރާއްޖޭގައި 10 އަހަރުގެ ވެރިކަމެއް ކުރާނީ. އެހެން ނޫނީ ނުކުރެވޭނެ،" މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ