ސިޔާސީ "ހަލަބޮލިކަން" މުއިއްޒަށް މައްސަލައަކަށް ވެއްޖެ! ސިޔާސީ "ހަލަބޮލިކަން" މުއިއްޒަށް މައްސަލައަކަށް ވެއްޖެ!

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ "ސިޔާސީ ހަލަބޮލިކަން" އެއްކޮށް، އެކީ އެކައްޗަކަށް ނައްތާލަން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ހަވީރު ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި މުއިއްޒު އަމަލީ ގޮތުން ބައިވެރިވެވަޑައި ނުގަތަސް، އެ ހަރަކާތް ނިންމުމުގެ ގޮތުން އެ ޕާޓީގެ ޖަގަހަ ކުރިމަތީގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން، ސިޔާސީ ހަލަބޮލިކަން މައްސަލައެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ މަގުސަދަކީ އެއީކަން، އުނދަގޫ ގޮތަކަށް ޖުމުލަ ފުރިހަމަ ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.
"ދެ އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ ގާތުގައި މި އަހާ އެހުމަށް ވެސް ރައްޔިތުން އާއެނކޭ ބުނުމަށް، އާއެނކޭ، އާއެނކޭ ދެންނެވުމަށް، ފާހަގަ އާއެނކޭ ޖެއްސެވުމަށް އަޅުގަނޑު މިއެދެނީ ވެސް ވަރަށް މާތް މަގުސަދެއްގައި،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގައި ހަމަޖެހުން ކުރިއަށް ގެންދިޔުމުގައި، މި ގައުމުގައި ސިޔާސީ ހަލަބޮލިކަން އެއްކޮށް އެކީ އެކައްޗަކަށް ނައްތާލުމަށްޓަކައި."
ދެ އިންތިހާބު އެ ދުވަހު ބޭއްވުމަކީ ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި ހެވާއި ލާބަ ހޯދައިދިނުމުގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދިޔުމަށް މުހިއްމު ކަމެއް ކަމަށް މުއިއްޒު ގަބޫލުކުރައްވަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ވިދާޅެއް ނުވެ އެވެ.
އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ފައިދާއަކީ ނުފޫޒުން އެއްކިބާވެ، އެންމެ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިވުން ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް ގިނަ ބަޔަކު އަޑު އުފުލާން ފަށާފައިވާއިރު މުއިއްޒު ހުކުރު ދުވަހު ފާހަގަ ކުރެއްވި ގޮތުގައި މިފަދަ ބަދަލުތައް މި ގެންނަނީ އިސްލާހީ އެޖެންޑާއެއްގެ ދަށުންނެވެ. އެގޮތުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާއި ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވޭ ގޮތަށް އިސްލާހުކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ފެންނަ ނުފެންނަ ވޯޓުގައި ގާނޫނީ މައްސަލައެއް ނެތް ކަމަށް އެ މަނިކުފާނު ގަބޫލު ކުރައްވަ އެވެ. ނަމަވެސް ގާނޫނީ ދާއިރާގެ ބޭފުޅުން އަންނަނީ މި ވޯޓުގައި ހުރި ގާނޫނީ މައްސަލަތައް ފާހަގަ ކުރައްވަމުންނެވެ.
ދެ އިންތިހާބު އެއްކޮށްލަނީ މުއިއްޒުގެ މުށުތެރެއަށް ބާރުތައް ޖަމާކުރަން ކަމަށް ބުނެ ފާޑުކިޔުމާއި ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ